މީހާއަށް ނުބަލައި ދަތިހާލުގަވާ މީހުންނަށް އެހީތެރިވާންވީ ދުނިޔޭގައިވެސް މިފަދަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މީހާއަށް ނުބަލައި ދަތިހާލުގަވާ މީހުންނަށް އެހީތެރިވާންވީ ދުނިޔޭގައިވެސް މިފަދަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާތީއެވެ!

މިރޭގެ ނަޞޭޙަތުގެ ބަސްކޮޅު މިފަށަނީ ކުރުކުރު އެހެނަސް ޢިބްރަތްތެރި ވާހަކަކޮޅަކުންނެވެ!  

ފެންނަ ފެނުމުގައި އޭނާއަކީ ވަރަށް އާދައިގެ ފެންވަރުގެ ޢުމުރުން ދުވަސްވީ އަންހެނެކެވެ. ހައިވޭގައި ކާރުދުއްވަމުންދަނިކޮށް ކާރުހުއްޓިފައި ސްޓާޓްނުވީއެވެ. އޭނާ އާދޭސްކޮށްކޮށްވެސް އެއްވެސް މީހަކު އޭނާއަށް އެހީތެރިނުވީއެވެ. އެހެންވެ ބޯހިޔާވަހިކަމެއް ލިބިދާނެ ފަދަ ސަރަހައްދަކަށް ދެވުނީ ވަރަށް ދުރަށް ހިނގިފަހުންނެވެ.

އެހިސާބުގަނޑުގެ ގިނަ ގެތަކުގައި ދިރިއުޅެނީ ފަޤީރުންނެވެ. އޭނާ ހީކުރީ ކޮންމެވެސް ގެއަކުން އޭނާ އެރޭ ނިދައިލާނެ ޖާގަދޭނެ ކަމަށެވެ. އެކަމުގެ އުންމީދުގައި ގޮސް ޓަކި ޖެހި ކޮންމެ ގެއަކުންވެސް ބުނަމުންދިއައީ އެގެއެއްގައި އިތުރު މީހަކަށް ޖާގަ ނެތްކަމަށެވެ. ޙަޤީޤަތަކީ ގޮތް ނުއެނގޭ މީހަކު ގޭގައި ނިންދަވަން ބޭނުން ނުވުމެވެ. އެމީހާ ގޭގޭގެ ދޮރުގައި ޓަކިޖަހަމުން ދަނިކޮށް ވާރޭވެހެން ފަށައިފިއެވެ. 

ގެއެއްގެ ކުޑަދޮރުން މަންޒަރު ބަލަންހުރި އަންހެނަކަށް ކެތެއް ނުކުރެވުނެވެ. އޭނާއާއިމެދު ހިތުގައި ހަމްދަރުދީ އުފެދި ދުވެގޮސް އޭނާ ގެނެސް ގެއަށްވައްދައި ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. އަދި ގޭގައިހުރި މިންވަރުން ކާންވެސްދީފިއެވެ. ހިކެން ލާނެ ހެދުމެއްވެސް ދީފިއެވެ. އެހައި ހެޔޮކޮށް މެހްމާންދާރީ އަދާކުރުމުން އެހީތެރިވި އަންހެން މީހާގެ މައުލޫމާތު އޭނާ އޮޅުންފިލުވިއެވެ. 

"އަހަރެންނަކީ ފިރިމީހާ ނިޔާވެފައިވާ ހުވަފަތް އަންހެނަކީމެވެ. 10 އަހަރުން ދަށުގެ 4 ކުދިން އެބަތިއްބެވެ. ދިރިއުޅެމުން މިދަނީ ސަލާންޖަހައިގެން ކަމަށް ބުނުމަކީ ދޮގަކަށްނުވާނެއެވެ. ދަރިންނަށް ކާންދެނީ އަވަށްޓެރިންނަށް މަސައްކަތްކޮށްދިނީމާ ދޭ އެއްޗެކެވެ. 4 ދަރިންތިބީމާ ކައިވެނިކުރާނެ މީހަކުވެސް މިއުޅެނީ ނުވެގެންނެވެ. މިޒަމާނުގައި އެހާބޮޑު ބުރައެއް އުފުލައިދޭނެ މީހުން ވަރަށް މަދުވާނެ ނޫން ހެއްޔެވެ؟" 

އަންހެންމީހާ އެވަގުތަކު އެއްވެސް ޖަވާބެއް ނުދެއެވެ. ނިދީއެވެ. ހެނދުނު ހޭލިއިރު ހުރީ އެގޭގައި ހުރި މިންވަރުން ސައިހަދައިފައެވެ. ސައިބޮއި ނިމިގެން ބުންޏެވެ. "އަހަރެންނަކީ އެކަނި ދިރިއުޅޭ އަންހެނަކީމެވެ. ދަރިއަކު ނެތެވެ. އަހަރެންގެ ފިރިމީހާވެސްވީ މަރުވެފައެވެ. ކަލޭގެ ޙާލަތުން ކަލޭ އަހަރެންނަށް ވަރަށް ރަނގަޅަށް މެހްމާންދާރީ އަދާކޮށްފީމުއެވެ. ކަލެއަކީ ވަރަށް އިޙްޞާންތެރި އަންހެކެވެ. އަދި އެހެން މީހުންނަށް އެހީތެރިވުމުގެ ނިޔަތްވެސް އޮތް ދީލަތި އަންހެނެކެވެ. އިރުކޮޅަކުން އަހަރެން ބަލައި އަންނާނެއެވެ. ދަރިންކޮޅު ގޮވައިގެން އަހަރެންނާއިއެކުގައި ހިނގާށެވެ! އިރާދަކުރެއްވިއްޔާ އެހީތެރިވެގެން އުމުރަށް ގެންގުޅޭނަމެވެ." 

އޭނާ ދިއައީ އެޢާއިލާ ގޮވައިގެންނެވެ. އެހީތެރިވެދީގެން ކުދިން ބަލައިދިނެވެ. މަރުވީ އޭނާގެ ތަނަވަސްކަން އެޢާއިލާއަށް ހިބައިން ދީފައެވެ. 

މީސްތަކުންނޭވެ! މީހާ ހުންނަ ސިފައަށް، ފެންވަރަށް ނުބަލައި ދަތިޙާލުގައިވާ ކޮންމެ މީހަކަށްވެސް އެހީތެރިވެދޭށެވެ. ޚާއްޞަކޮށް ޙާލުގައި ޖެހިފައިތިބޭ އަންހެނުންނަށެވެ. ކޮންމެ ދުވަހަކުވެސް މިފަދަ އެތައް ހާދިސާތަކެއް ހިނގާނެއެވެ. މިއެނގެނީ ވަރަށް މަދުކަންކަމެވެ.

ޞަޙާބީންގެ ޒަމާނަށް ވިސްނައިލާށެވެ! އެންމެ ކަދުރުއޮށެއް ފަޅިކޮށްގެންވެސް ބަލަނީ އެހެން މީހަކަށް ޞަދަޤާތެއް ކުރެވޭތޯއެވެ. މިއަދު މިބަލަނީ މީހަކަށް ކަމެއްކޮށްނުދީ ފިލޭނީ ކޮން ބަހަނާއެއް ދައްކައިގެންތޯއެވެ. އެކަމަކުވެސް ދާންބޭނުންވެގެން މިއުޅެނީ ހަމަ ސުވަރުގެއެވެ. 

މީސްތަކުންނޭވެ! ހުވަފަތް އަންހެނުންނަށާއި މިސްކީނުންނަށް، ޔަތީމުންނަށް އެހީތެރިކަންޯރުކޮށްދޭށެވެ. ތިމާ އެއްއިރު ނުކައި ހުރެގެން ނަމަވެސް އެކަންކުރާށެވެ. ތިބާއަށް ލައްވަވާ ރަހްމަތުގެ ބޮޑުކަން ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން