އައު ސިޙްރުވެރީންގެ ނަންތައް ނުބައިވެގެންވާ ރޫޙުތަކުގެ ރެޖިސްޓްރީއަށް އެރުން!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 19ސ
އައު ސިޙްރުވެރީންގެ ނަންތައް ނުބައިވެގެންވާ ރޫޙުތަކުގެ ރެޖިސްޓްރީއަށް އެރުން!

އެކުވެރިއާ (ޤަރީނު ނުވަތަ ކޮމްޕޭނިއަން)

ކުރީން ބަޔާންކުރެވިފައިވާނޭ ފަދައިން އައު ސިޙްރުވެރީން ތަޢުމީދު ކުރުމަށްފަހު (ރަސްމީގޮތުން ސިޙްރުވެރީންގެ ތެރެއަށް ވަނުމުގެ އިޙްތިފާލަށްފަހު) ނުބައިވެގެންވާ ރޫޙުތަކުގެ ރެޖިސްޓްރީއަށް އެމީހުންގެ ނަންތައް އަރާނެއެވެ. ކުރީންވެސް އިޝާރާތް ކުރެވިފައިވާނޭ ފަދައިން އެމީހުންނަށް އައުނަންތަކެއް ދެވޭނެއެވެ. ރެޖިސްޓްރީ ކުރެވޭނީ އެނަންތަކެވެ. ދެން ޝައިޠާނާ ހަދިޔާއެއްގެ ގޮތުން އެއިން ކޮންމެ މީހަކަށް އެކުވެރިއެއް (ޤަރީން އެއް) ދޭނެއެވެ. ކޮންމެހެން ފިރިހެނަކަށް ފިފިހެނަކު ނުވަތަ އަންހެނަކަށް އަންހެނަކު ދިނުން އެއީ ޝަރްޠެއް ނޫނެވެ. އެކަމުގައި ހުރިހާވެސް އިޙްތިޔާރެއް އޮތީ ޝައިޠާނާ އަށެވެ. 

ބުނެވިދިޔަ އެކުވެރިއާ (ޤަރީން) އަކީ ނުބައިވެގެންވާ ރޫޙްތަކުގެ ތެރޭން ރޫޙެކެވެ. އެރޫޙް އިޚްތިޔާރު ކުރެވެނީ ޝައިޠާނީ ކިންގްޑަމްގެ ދެރަފަންތީގެ ތެރެއިންނެވެ. އޭނާގެ ވަޒީފާއަކީ ސިޙްރުވެރިއާއަށް އެހީތެރިވެ ޚިދުމަތް ކޮށްދީ ހެދުމެވެ. މިގޮތުން ސިޙްރުގެ ބަސްތައް ދަސްކޮށްދީ ސިޙްރުގެ މަގުތަކަށް އިރުޝާދުދީ ހެދުމާއި މިނޫންވެސް މިފަދަ ބޭނުންތައް ފުއްދައިދިނުމެވެ. 

މިހެންކަމުން ޝައިޠާނީ ކިންގްޑަމް ގައި މިފަދަ ޤަރީނުންގެ މަޤާމަކީ ވަރަށްދަށް މަޤާމެކެވެ. އަޅުންގެ ވަޒީފާއަށްވުރެ އެޤަރީނުންގެ ވަޒީފާ މަތިވެގެންނެއް ނުވެއެވެ. އެހެނީ އަޅުންނާއި ޤަރީނުންގެ މަސައްކަތުގެ ޠަބީޢަތާއި ޒާތަށްބަލާއިރު މަސައްކަތްކޮށް ވަރުބަލިވުމާއި އިހާނެތި ކަމަށް ހުށަހޮޅިގެންވުމުގެ ގޮތުން އެދެފަރާތް އެއްގޮތް ވެގެންވެއެވެ. ޤަރީނަކު އަދާކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ކޮންމެ ތަނަކުން ހޯދައިގެންވެސް ސިޙްރުވެރިއާގެ މަސައްކަތަށް ބޭނުން ފަތްޕިލާވެރި ގެނެސްދިނުމާއި ސިޙްރުވެރިންގެ މެދުގައި ހިގާ ސިޓީތައް ފޯރުކޮށްދިނުން ހިމެނިގެންވެއެވެ. އަދި މީހުންގެ ޚަބަރުތައް ހޯދައިގެން ގެނެސްދިނުމާއި ސިޙްރުވެރިއާ ހަދާ ސިޙްރުގެ ނަތީޖާ އަކީ ކޮބައިތޯބަލައި އެކަމުގެ މަޢުލޫމާތުވެސް ގެނެސްދިނުމާއި މިނޫންވެސް ސިޙްރުވެރިއާއަށް އޭނާގެ މަސައްކަތުގައި ކޮންމެހެން ބޭނުންވާ ކަންތައްތައް ކޮށްދިނުން ހިމެނިގެންވެއެވެ. 

ކޮންމެ ސިޙްރުވެރިއަކުވެސް އޭނާއަށް ކަޑައެޅުނު އެކުވެރިއާ (ޤަރީނާ) ލިބިގަންނަހިދު އެކަމުގެ ރަސީދެއް ޝައިޠާނާއަށް ދޭންޖެހެއެވެ. އެހެނީ އެއީ ޝައިޠާނާގެ މިލްކެކެވެ. ވީމާ އެ އަބުރާ ގެންދިއުމާއި ބަދަލު ކުރުމާއި އަދި ސިޙްރުވެރިއާ އެއިން މުޅީން މަޙްރޫމްކޮށްލުމާއި މިއިންކޮންމެ ގޮތަކަށްވެސް ޢަމަލުކުރުމުގެ އިޚްތިޔާރު އެޝައިޠާނާއަށް ލިބިގެންވެއެވެ. 

ކޮންމެ ސިޙްރުވެރި އަންހެނަކު ތަޢުމީދު ކުރުމާ ގުޅިގެން (ރަސްމީގޮތުން ސިޙްރުވެރިއަކަށް ވުމުގެ އިޙްތިފާލާ ވިދިގެން އެކަބުލޭގެއަށް ކަޑައެޅިފައިވާ ޤަރީން (އެކުވެރިއާ) އާ ޙަވާލުވާ ހިދު އޭތި ހަދާގޮތަކީ އެކަބުލޭގެ ހަށިގަޑުން ކޮންމެވެސް ހަޑިތަނެއް  ޚިޔާރުކުރަނީއެވެ. ގިނަފަހަރަށް ޚިޔާރު ކުރާނީ އެކަބުލޭގެ ކިހިލިފަތްދަށާއި އުކުޅުވަޅާއި މިނޫންވެސް، ހަށިގަޑުގެ އެހެނިހެން ތަންތަނަށްވުރެ ބޮޑަށް ދާވެ ހަޑިވެ ނުބައިވަސްދުވާ ތަންތަނެވެ. ދެން އުރަމަތީގެ ވައްގަޑު ފަދައިން އެތަނުން ތަންކޮޅެއްގައި އަގަޖަހައިގެން ބޯނެއެވެ. އެއީ އެކަލޭގެ މަސައްކަތް ޤަވާޢިދުން ފެށުމުގެ ކުރިން ކޮންމެދުވަހަކު ކުރާ ކަމެއްގެ ގޮތުގައެވެ. ދެން ފުދޭވަރަކަށް އެކަން ކުރެވިއްޖެ ހިދު އެސިޙްރުވެރި އަންހެނާ، ކުޑަވަރެއްގެ އަފްނޯސް ކަށްޓެއް ނަގައި އެކަބުލޭގެ ފައިތިލައަށް ނުވަތަ ހަށިގަޑުގެ ކޮންމެވެސް ތަނަކަށް ހަރައިލައި އެތަނުން ލޭނެރޭނެއެވެ. ދެން އެޤަރީން އެތަނުން ތިން ހަތަރު ތިއްކެއް ބޯލާނެއެވެ. އެއީ ފޮނިކޮށްލުމުގެ ގޮތުންނެވެ. ނުވަތަ ރަސްމިއްޔާތު ފުރިހަމަ ކޮށްލުމުގެ ގޮތުންނެވެ. ފަހެ އޭނާ އޯޑަރަށް ތަބަޢަ ވުމުގެ ތައްޔާރީގައި ހުންނާނީ އެކަންތަކަށްފަހުގައެވެ. އެހެނީ މުޑުދާރުވެގެންވާ ރޫޙު ތަކަށް އެންމެ ލޯބިވެގެންވާ ތަކެއްޗަކީލެއާއި، ހަޑިމުޑުދާރު ހަށިތަކުންނާއި ކުނިގޮޑުތަކުންނާއި މަރުވެ ކުނިވެފައިވާ ޖަނަވާރުތަކުން އަރައަރާ ހުންނަ ކުނިވަސްތަކެވެ.

 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

 

 

މިއަދު އޮންލައިން