ކޮންމެ މީހެއްގެވެސް ސިއްރުތަކެއް ހުންނާނެއެވެ. ކުރެވިފައިވާ ކުށްތަކެއްވެސް ހުންނާނެއެވެ. ކޮންމެހެން ސިއްރުކުރަންޖެހޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެފަދަ ކަމެއްގެ ވާހަކަ ހަމައެއްވެސް މީހަކަށް ކިޔައިނުދޭށެވެ. ކިތަންމެ ގާތް އެކުވެރިއަކަށްނަމަވެސް މެއެވެ. އަދި ކައިވެނީގެ ކުރީގެ އެފަދަ ކަމެއްގެ ވާހަކަ ބައިވެރިޔާއަށްވެސް ކިޔައިނުދޭށެވެ.
ކިތަންމެ އިތުބާރުކުރެވޭ ކިތަންމެ ގާތް އެކުވެރިޔާ އާއިވެސް އަދި ޙަޔާތުގެ ބައިވެރިޔާއާއިވެސް މައްސލައެއް ނުޖެހޭނެ ކަމަށް ނުބަލާށެވެ! ކޮންމެ މީހަކާއިވެސް ކޮންމެ ވަގުތަކުވެސް މައްސަލައެއް ޖެހިދާނެއެވެ! ޚިޔާލުތަފާތުވެ ދެބަސްވާން ޖެހިދާނެއެވެ.
އެފަދަ ޙާލަތެއް ކުރިމަތިވުމުން ގިނަ ފަހަރަށް އޮންނާނީ ސިއްރުތައް ހާމަކުރެވިފައެވެ. ކުރިން ދެމީހުންގެ މެދުގައި އޮތް ގާތްގުޅުމުގެމަތިން ހަނދާންކުރާނީ ވަރަށް މަދުމީހެކެވެ. ގިނަ މީހުން ބޭނުންވާނީ ސިއްރުތައް ހާމަކޮށް އަނެކާ ފަޟީޙަތްކޮށްލާށެވެ! ބޭޒާރުކޮށް އަގުވައްޓައިލާށެވެ!
ވީމާ އެބާވަތުގެ ކަންކަމުގައި އެއްވެސް މީހަކަށް އިތުބާރުނުކުރާށެވެ! އެކަންކަމަކީ ހަމައެކަނި ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ ސިއްރަށް ހަދާށެވެ! ފާފައެއް ކުރެވިފައިވާނަމަ އޮތީ ތައުބާވުމެވެ! ތައުބާވާންވެސް، ފާފަފުއްސަވައިދެއްވެވުން އެދިވެސް ދަންނަވަން ޖެހޭ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. ތައުބާވާންވެސް ފާފަފުއްސަވައިދެއްވެވުން އެދި ދަންނަވަންވެސް އެއްވެސް މީހެއްގެ އެހީތެރިކަމަކަށް ބޭނުމެއް ނުވާނެއެވެ! އެއީ ހަމަ ސީދާ ތިބާ އާއި ﷲ ތަޢާލާއާއި ދެމެދުގައި ކުރެވޭ މުޢާމަލާތެކެވެ.