އެމުޑުދާރު ރޫޙުތައް އެފަދަ ތަންތާނގެ ވަށައިގެން އެނބުރި އެނބުރި އުޅޭނެއެވެ. އަދި އެތަންތަނުން ފިސާރި ހިތްހަމަޖެހުމާއެކު ބަނޑުފުރައި ކާނެއެވެ. އޭގެ އަނެއްކޮޅަށް ބަލާއިރު މީރުވަސްދުވާ ތަކެއްޗާ ދުރަށް ނުވަތަ މީރުވަހާ ދުރަށް އެޝައިޠާނުން ދާނެއެވެ. އެހެންކަމުން އަނެއް ދުވަހު އާދައިގެމަތީން ގޭގޭގައި މީރުވަސް ދުވާ ޒާތުގެ ދުންބުރުވައި އުޅެނީ އެގޭގެއިންމުޑުދާރު ރޫޙޫތައް ނެރެ ބޭރުކޮށްލުމަށެވެ.
ކަންމިހެން ހުރިއިރު ސިޙްރުވެރި އަންހެނާގެ އެފަދަ ތަންތަން ބުއިމަށް އެޤަރީން ކަލޭގެ ކިހާ އުފާވާނެހެއްޔެވެ؟ ވުމާއެކު ހަޑިމުޑުދާރު ކަމަށް ޝައިޠާނުން ލޯބިކުރާ ކަމަށްޓަކައި ސިޙްރުވެރި އަންހެނުންނާއި ފިރިހެނުން ތަޢުމީދު ކުރެވުނީއްސުރެން ފެށިގެން (ރަސްމީގޮތުން ސިޙްރުވެރީންގެ ތެރެއަށް ވަނުމުގެ އިޙްތިފާލް ކުރެވުނީއްސުރެން ފެށިގެން) އެމީހުން ފެންވަރައި ތާހިރުވެ އުޅުމަކީ މުޅީން މަނާކަންކަމެވެ.
ގިނަ ޙާލަތްތަކުގައި، މިބުނެވިދިއަ ޤަރީންކަލޭގެ ފާޅުވާނީ ކުއްތާއެއްގެ ސިފައިގައެވެ. ނުވަތަ މުސަޅެއްގެ ނުވަތަ ބޮކެއްގެ ނުވަތަ ފައިދިގު މަކުނެއްފަދަ އޮޅުކުރެވޭ ކުޑަ ޙަޔަވާނެއްގެ ސިފައިގައެވެ. ނަމަވެސް ދިގު މުއްދަތަކަށް ސިޙްރުގެ މަސައްކަތްކޮށް ކުރިއަރާފައިވާ ސިޙްރުވެރީންނަށް ޤަރީންކަލޭގެ ފާޅުވާނީ ސިންގާއެއްގެ ނުވަތަ އެފަދަބޮޑު މިނިކާ ޖަނަވާރެއްގެ ސިފައިގައެވެ. އަދި ވަރަށް މަދު ޙާލަތްތަކެއްގައި ކުޑަ ފިރިހެން ކުއްޖެއްގެ ނުވަތަ އަންހެން ކުއްޖެއްގެ ނުވަތަ ޒުވާނެއްގެ ނުވަތަ ބޮޑުފިރިހެނެއްގެ ސިފައިގައިވެސް ފާޅުވެދެއެވެ.
އަދި ހަމައެފަދައިން ބައެއް ނާދިރު ޙާލަތްތަކުގައި ޤަރީނުގެ މަތީން ހަދުމަނެތި ކޮށްލައި އެހެން ކަންތައްތަކެއްގައި ސިޙްރުވެރިއާ مشغول ވެގެން އުޅެފިނަމަ އޭނާ ދެކޭނީ އެއީ ފިލައި ރައްކާވުމަށް އޮތް ރަގަޅު ފުރުޞަތެއް ކަމުގައެވެ. އެގޮތުން އޭނާ ފިލައި ރައްކާވާނެމެއެވެ. މިހެން ވެއްޖެނަމަ ސިޙްރުވެރިއާގެ ފަރާތުން އެހިގި އިހްމާލާމެދު ވަރަށް ދަތިގޮތެއްގައި ކަން ހިންގޭނެއެވެ. އެއީ އޭނާގެ ސަބަބުން ޝައިޠާނީ ދަވްލަތަށް އެމީހުންގެ އެކަކު ފިލުމުން ލިބުނު ގެއްލުމަށްޓަކައެވެ. މިހެންކަމުން ސިޙްރުވެރިއާއަށާއި އޭނާގެ ޢާއިލާއަށް މުޞީބާތް ޖެހޭނެއެވެ. ފަހެ ސިޙްރުވެރީން އެއްވާ އެންމެފުރަތަމަ ޙަފްލާގައި ސިޙްރުވެރިއާއަށް އޭނާގެ އިހްމާލަށްޓަކައި ޢުޤޫބާތް ދިނުމުގެ ގޮތުން ޝައިޠާނާގެ މަންދޫބު އެގެއްލުނު ޤަރީނުގެ ބަދަލުގައި އެ ސިޙްރުވެރިއާގެ ދަރިއަކު އަތުލުމަށް ވަރުގަދައަކަށް ހިފައިލާނެ އެވެ. ވީމާ އޭނާއަށް ޖެހޭނީ އެކަމަށް ބޯލަބާ ޝައިޠާނާއަށް އެދަރި ޙަވާލުކުރާށެވެ. ދެން ޝައިޠާނާ އެދަރި އަތުލައި ފޮރުވާނެއެވެ. އަދި ނުބައިވެގެންވާ ރޫޙަކަށް އެދަރި ޙަވާލުކުރާނެއެވެ. އެއީ އިންސާނުންނަށް ލޮލަށް ނުފެންނަ ހިސާބު ދުރުތަނެއްގައި އޭނާ އަންގާ ގޮތެއްގެމަތީން ޝައިޠާނީ ޢާލަމްގައި ޚިދުމަތް ކުރުމަށެވެ. ދެން ސިޙްރުވެރިއާ އަކަށް އޭނާގެ މުޅި ޙަޔާތުގައިވެސް ދުވަހަކުވެސް އެދަރިފުޅެއް ނުފެންނާނެއެވެ. އަދި އެކުއްޖާގެ ޚަބަރެއްވެސް ނުމެވާނެމެއެވެ. ސިޙްރުވެރިއާގެ ދަރިއަކު ނެތްނަމަ އޭނާއަށް ޢުޤޫބާތް ލިބޭނީ އެހެން ސިފައެއްގައެވެ.
އާއެކެވެ! ކުރީން ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން ސިހްރުވެރިއާއާ ޙަވާލުކުރެވޭ "އެކުވެރިއާ" ( ޤަރީން ނުވަތަ ކޮމްޕޭނިއަން) އާމެދު އަދި އެޤަރީންގެ ފަރާތުންލިބޭ ޚިދުމަތާމެދު ކަންހުރި ގޮތަކީ މިއީއެވެ.
(--އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)