އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ- 5: ކުރެއްވެވި ބައެއް ސުވާލުތަކަށް ﷲ ވަޙީ ބާވައިލެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 12ސ
އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ- 5: ކުރެއްވެވި ބައެއް ސުވާލުތަކަށް ﷲ ވަޙީ ބާވައިލެއްވެވި!

ޢަލީ އިޙްޞާން ފިރާޤް

 

އަންހެނުންގެ ދިފާއުގައި

أمّ المؤمنين أمّ سلمة رضى اللّـه عنــها  ކުރެއްވި ބައެއް ސުވާލުތަކާ ބެހޭގޮތުން ޤުރްއާނުގެ ބައެއް އާޔަތްތައްވެސް ބާވައިލައްވައިފައެވެ. އެކަމަނާ އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވިއެވެ.

[އޭ މާތް ގެ ރަސޫލާއެވެ. ޖިހާދު ކުރުން އޮންނަނީ ފިރިހެންގެ މައްޗަށެވެ. ނަމަވެސް އަންހެނުންނަށް ޖިހާދު ކުރުމެއްނޯވެއެވެ. ވާރުތަ މުދާވެސް އަޅުގަނޑުމެން އަންހެނުންނަށް ލިބެނީ މަދުންނެވެ.] 

أمّ المؤمنين أمّ سلمة رضى اللّـه عنــها  މި ސުވާލާ ގުޅިގެން ނިސާ ސޫރަތުގެ 32 ވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގައި އަރަހުށި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِّمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّهَ مِن فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا ﴿٣٢﴾

މާނައީ: [ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ.] {އަލްޙާކިމު، މުސްތަދުރަކު، ވޮލިޔުމް 2، ޞަފްޙާ 305-305} 

أمّ المؤمنين أمّ سلمة رضى اللّـه عنــها  އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވިދާޅުވިއެވެ. [ކީރިތި ޤުރްއާނުގައި ފިރިހެނުންގެ ވާހަކަ ގިނައިން ބަޔާން ކުރައްވައިފައި އެހާވަރަށް އަންހެނުންގެ ވާހަކަ ބަޔާން ނުކުރައްވަނީ ކީއްވެގެންތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ މިވާހަކަފުޅަށް ވަކިޖަވާބެއް ނުދެއްވިއެވެ. أمّ المؤمنين أمّ سلمة رضى اللّـه عنــها  ވިދާޅުވެފައިވެއެވެ.

ތިމަންކަމަނާ އެއްދުވަހަކު އިސްތަށިގަނޑުގައި ފުނާއަޅަން ހުއްޓައި މާތް ރަސޫލާ صلّى اللّـه عليه وسلّم މިންބަރުކޮޅަށް އަރާވަޑައިގެން ޚުތުބާ ދެއްވަން ފެއްޓެވި އަޑުއިވިވަޑައިގެންފިއެވެ. ދެންތިމަންކަމަނާ ޚުތުބާ އަޑުއެއްސެވުމަށްޓަކައި އަވަސްއަވަހަށް އިސްތަށިގަނޑު އައްސައިލައިގެން ތަންކޮޅެއް ކައިރިއަށް ޖެހިވަޑައިގަތީމެވެ.  އޭރު އެކަލޭގެފާނު މި (އަޙްޒާބު ސޫރަތުގެ 35 ވަނަ)  އާޔަތް ކިޔަވާ ވިދާޅުވަމުން ގެންދަވައެވެ.

إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾‏

މާނައީ: [ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.]

{އިމާމު އަޙްމަދު، މުސްނަދު، ވޮލިޔުމް 6، ޞަފްޙާ 306} 

މިދެންނެވި އަޙްޒާބު ސޫރަތުގެ 25 ވަނަ އާޔަތުގައި އެވަނީ ދަރުމައާއި ސަވާބު ދެއްވުމުގައި އެއްވެސް ޖިންސަކަށް އަރަހުށި މާތްއިސްކަން ނުދެއްވާނެކަން ބަޔާން ކުރައްވައިފައެވެ. أمّ المؤمنين أمّ سلمة رضى اللّـه عنــها  ކުރެއްވި ސުވާލުގެ ޖަވާބު އެކަމަނާއަށް މިއާޔަތް ބާވައިލެއްވުމުން އޮޅުންފިލާވަޑައިގެން ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގެންނެވިއެވެ. މި ހާދިޘާއިންވެސް އެކަމަނާ ޤުރްއާނުގެ އާޔަތްތަކާމެދު ފުންކޮށް ވިސްނާވަޑައިގަންނަވާކަން ދޭހަވައެވެ. 

 

 

މިއަދު އޮންލައިން