ތިންވަނަ ބާބު
މުސްލިމު ޢިލްމުވެރީންގެ ނަޒަރުގައި ސިޙްރު
- ސިޙްރަކީ ކޮންއެއްޗެއް؟
- ސިޙްރުގެ ޙަޤީޤަތާމެދު ޢިލްމުވެރީންގެ ރައުޔުތައް.
- ސިޙްރުގެ ބާވަތްތައް.
- ސިޙްރާއި މުޢުޖިޒާތާ އަދިކަރާމާތާ ދެމެދުގެ ތަފާތު.
- ޖާދޫގަރު.
- ކޮންމެ އިންސާނަކަށްވެސް ޤަރީނެއް ވެއެވެ.
- ކީރިތި ނަބިއްޔާއަށް ސިޙްރުޖެހިވަޑައި ގަތުން.
ސިޙްރަކީ ކޮންއެއްޗެއް؟
ސިޙްރުގެ ތަޢާރުފް ނުވަތަ ޑެފިނިޝަން އާމެދު ޢިލްމުވެރީން ތަފާތު ގޮތްގޮތަށް ލިއުއްވާފައި ހުރެއެވެ. އޭގެ ތެރޭން ވެއެވެ. ސިޙްރަކީ އެއީ އާދަޔާ ޚިލާފު ޙާލަތްތަކަކާއި ތައްޔާރީތަކެއްގެ މަތީން، އަދި ވަރަށްވެސް ސިއްރިއްޔާތު ގޮތެއްގައި ވަކި މީހަކު ގެނެސްގަންނަ، އަދި އޭގައި ވަކި ޚާއްޞަ ޝަރްޠުތަކެއް ފުރިހަމަވެފައި ހުންނަ ޢަމަލެކެވެ. އެއީ އެޢަމަލު ކުރާމީހާގެ ނުވަތަ އެކަމަށް އެދޭމީހާގެ މަޤްޞަދް ޙާސިލުކުރުމުގެ ގޮތުން ވަކި މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް އެމީހުންގެ ގަސްދާއި ޚިލާފަށް އަސަރު ފޯރުވުމަށްޓަކައެވެ.
އަދި ބައެއް ޢިލްމުވެރީން ދެކެލައްވާ ގޮތުގައި ސިޙްރަކީ ފޮރުވިފައިވާ ސަބަބުތަކަކާ ލައިގެން އާދަޔާ ޚިލާފު ކަންތައްތަކެއް ކުރުމަށް އެމީޒާއެއްގެ ޒަރީޢާއިން ކުޅަދާނަކަން ލިބޭ ނަފްސާނީ ޚާއްޞަ މީޒާއެއް ޙާޞިލްވާ ޢިލްމެކެވެ.
އަދި އެހެން ރައުޔެއްގައި ވަނީ އެއީ އިންސާނާއަށް ކުޅަދާނަވެގެން ނުވާކަމެއް ޙާޞިލް ކުރުމުގައި ޝައިޠާނާއާ ކައިރިވެގެން އެހީހޯދޭ އެއްޗެކެވެ.
އަދިވެސް އެހެން ރައުޔެއްގައިވާ ގޮތުން ސިޙްރަކީ އެއީ އޭގެ ސަބަބު ފޮރުވިފައިވާ، އަދި ޙަޤީޤަތާ ޚިލާފަށް ޢަމަލުކުރެވޭ އަދި އޮޅުވައިލުމާއި މަކަރުވެރިކަމުގެ ސިފަ އެކުލެވިގެންވާ ގޮތުގައި ހިގާ ކަމެކެވެ.
އަދި ބައެއް ބޭކަލުން ދެކެލައްވާ ގޮތުގައި ސިޙްރަކި އެއީ ޠަބީޢަތްބަދަލުކޮށްލާ، އަދި އެއްޗެތި އޭގެ ޙަޤީޤީ ސިފަނޫން އެހެން ސިފައަކަށް ބަދަލުކޮށްލާ ޢިލްމެކެވެ.
العَلاّمَة ابن خَلْدُون ވިދާޅުވެފައި ވެއެވެ. ސިޙްރަކީ އެއީ އެކި ބާވަތުގެ تعظيم އާއި ޢިބާދާތާއި خُضُوعَة ތެރިވުމާއި އަދި ނިކަމެތިވެގަތުމާއެކު ފަލަކުތަކާއި ޕްލެނެޓްތަކާއި މަތިވެރިވެގެންވާ ޢާލަމްތަކާއި ޝައިޠާނުންތަކަށް ތަވައްޖުހުވެގެން ކުރެވޭ ކަމެކެވެ. ވީމާ އެއީ ﷲ ފިއަވައި އެހެންފަރާތަކަށް ކުރިމަތިލައި ސަޖިދަ ކުރެވޭ ކުރެވުމެކެވެ.
ސިޙްރާބެހޭގޮތުން މިފޮތުގައި އިސްވެގޮސްފައިވާ حديث ގައިވާ ސިޙްރުގެ މުރާދަކީ އެއީ ދީނުގެ އަޞްލުތަކާ ޚިލާފު، އަދި މާތް އަޚްލާޤާ تعارف ވާ ބަސްތަކަކާއި ކަންތައްތަކެއް ކަމަށް ވީހިދު، ބައެއް ފިޤްހުވެރީންގެ ގާތުގާ ސިޙްރަކީ އެއީ ގަދަ ކީރިތިވަންތަ ﷲ ފިއަވައި އެހެން ފަރާތެއްގެ تعظيم ކުރެވޭ އަދި އެފަރާތަކަށް ހުރިހާ ކާއިނާތަކާއި މަޤާދީރެއް ނިސްބަތްކުރެވޭ ގޮތުގައި އެކުލެވިގެންވާ ބަސްތަކަކާއި ކަންތަކެކެވެ.
ކުރުގޮތަކަށް މިބަޔާންކޮށްލެވުނީ ސިޙްރަކީ ކޮން އެއްޗެއްކަން އަންގައިދިނުމަށްޓަކައި ޢިލްމުވެރީން ގެންނަވާފައިވާ ތަޢާރުފު ނުވަތަ ޑެފިނިޝަންގެ ބަސްތަކެކެވެ.
މިބަސްތަކުގެ ނުވަތަ ތަޢާރުފުތަކުގެ އަލީގައި އެކި مذهب ތަކުގެ ޢިލްމުވެރީންނާއި މުޙައްޤިޤުން ދެކެވަޑައިގަންނަވާ ގޮތްތަކާއި އެބޭކަލުންގެ ތަފާތު ރައުޔުތައް ކުރުގޮތަކަށް ނަމަވެސް އަންނަނިވި ތާގައި ހާމަކޮށްލެވޭތޯ ބަލާހުށީމެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)