ﷲ އާއި ރަސޫލާ ޞޢޥ އާއި އިމާމުންނާއިއެކު މިހާރުވެސް ދިރިއުޅެވެން އެބައޮތް! އެކަން ކުރެވޭނެ މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ﷲ އާއި ރަސޫލާ ޞޢޥ އާއި އިމާމުންނާއިއެކު މިހާރުވެސް ދިރިއުޅެވެން އެބައޮތް! އެކަން ކުރެވޭނެ މަގު މިއޮތީ!

އިމާމެއްގެ އަރިއަހުގައި ކިޔަވަން އުޅުނު ދަރިވަރަކަށް ބުނެވުނެވެ. "ނަމާދުކޮށްލެވޭއިރަށް އަހަރެމެންނާއި ވަކިވެގެން ތިބާ އެބަދަމުއެވެ." ޖަވާބުގައި ބުންޏެވެ. "އަހަރެން މަސައްކަތްމިކުރަނީ އިމާމާއިއެކު ވީހާ ގިނަ ވަގުތު ހޭދަކޮށް އިމާމް ކަންކަން ކުރައްވާގޮތް ދަސްކުރާށެވެ." 

އިމާމް އަވަހާރަވުމުން އެމީހުން ބުންނެވެ. "މިހާރު އިމާމު އަވަހާރަވެއްޖެއެވެ. އެކަމަކު ތިބާ އަހަރެމެންގެގާތުގައި މަޑުކޮށެއް ނުލަމުއެވެ. އެއީ ކީއްވެގެންހެއްޔެވެ؟" 

ޖަވާބުގައި ބުންޏެވެ. "އިމާމް ލިޔުއްވާފައިހުރި ފޮތްތައް އެބަހުއްޓެވެ. އަހަރެން މަސައްކަތް މިކުރަނީ އެފޮތްތައް ދަސްކޮށް އިމާމްފަދަ މީހަކަށްވެވޭތޯއެވެ. ކަލޭމެންނާއިއެކު މިތަނުގައި އިންނަންވެއްޖެނަމަ ޖެހޭނީ ކަލޭމެން ބުނާ ޣީބައާއި ދައްކާ ބޭކާރުތައް އަޑުއަހާށެވެ. އެކަމުގެ ސަބަބުން އަހަރެންދާނީ ނަރަކައަށެވެ. ކަލޭމެންނަކީވެސް ހަމަ އިމާމުގެ ދަރިވަރުންނެވެ. ދުވަހަކުވެސް އިމާމް ތިއަގޮތަށް ބޭކާރު ވާހަކަތައް ދައްކަވަން ވަގުތު ހޭދަކުރެއްވިތަން ދުށިން ހެއްޔެވެ؟ ހަމަގައިމުވެސް އަހުރެން ނުދެކެމެވެ." 

މީސްތަކުންނޭވެ! މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. އަހަރެމެންނަށް މިދުނިޔޭގައި ﷲ ތަޢާލާއެއް ނުފެންނާނެއެވެ. ނަމަވެސް ޤުރުއާން އެއޮތީ ފެންނާށެވެ. އަހަރެމެންނަށް މިދުނިޔޭގައި ރަސޫލް އާއިވެސް ބައްދަލެއް ނުކުރެވޭނެއެވެ. ނަމަވެސް ޙަދީޘްފުޅުތަކާއި ސުންނަތް އެއޮތީ ފެންނާށެވެ. 4 މަޛްހަބުންކުރެ އެއްވެސް މަޛްހަބެއްގެ އިމާމަކާއިވެސް ބައްދަލެއް ނުވެވޭނެއެވެ. ނަމަވެސް އެބޭކަލުން ލިޔުއްވި ފޮތްތައް އެހެރީ ފެންނާށެވެ. 

ޤުރްއާނާއިއެކު ވަޤުތުހޭދަކުރާ މީހާ އެވަނީ ﷲ ތަޢާލާ އާއި އެކުގައެވެ. ޙަދީޘްފުޅުތަކާއި ސުންނަތް އުނގެނެން މަސައްކަތްކުރާމީހާ އެވަނީ ރަސޫލް އާއިއެކުގައެވެ. އަދި އިމާމުންނާއި ދީނުގައި ޘާބިތުވެ ތިއްބެވި ޢިލްމުވެރިންގެ ފޮތްތައް އުނގެނޭ މީހާ އެވަނީ އެބޭކަލުންނާއިއެކުގައެވެ. ވީމާ އެބޭކަލުން ދުނިޔޭގައި ނެތިގެން ފިލާވަޅު ނުލިބިފައި ތިބޭކަށް ނުޖެހޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން