ސިޙްރަކީ ޙަޤީޤަތެއްލިބިގެންވާ އެއްޗެއްކަމަށް ޤަބޫލުކުރައްވާ ޢިލްމުވެރީންގެ ރައުޔުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 34ސ
ސިޙްރަކީ ޙަޤީޤަތެއްލިބިގެންވާ އެއްޗެއްކަމަށް ޤަބޫލުކުރައްވާ ޢިލްމުވެރީންގެ ރައުޔުތައް-

އެކަން އެހެން ހުރިއިރު ޢިލްމުވެރީންގެ ޖުމްހޫރު، ނުވަތަ أغلبيّة ލިބިގެންވާ ބޮޑު ޖަމާޢަތުގެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ސިޙްރަކީ އެއަށް ޙަޤީޤަތެއް ލިބިގެންވާ އެއްޗެކެވެ. އަދި އޭގެ މައްޗަށް ޙަޤީޤީ އަސަރުތަކެއްވެސް ތަރްތީބު ވެގެން އަންނަ އެއްޗެއްމެއެވެ.

މިރޮގުން ބަލާއިރު شافعى مذهب އާއި حنبلى مذهب ގެ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ސިޙްރަކީ އެއިން އަސަރު ތަކެއް ނަތީޖާ ވެގެން އަންނަ ޙަޤީޤަތެއް ލިބިގެންވާ އެއްޗެކެވެ. މިގޮތުން ސިޙްރުޖެހިފައިވާ މީހަކު އެސިޙްރުގެސަބަބުން މަރުވެދާނެއެވެ. ނުވަތަ އޭނާގެ ޠަބީޢަތާއި މިޒާޖު ބަދަލުވެގެން ހިގައިދާނެއެވެ. އަދި ސިޙްރުވެރިއާއަށް އޭނާގެ ސީދާ ޢަމަލުތަކާ ނުލައި އޭނާގެ ދެކޮޅުވެރީން ބަލިކޮށްލެވިވެސް ދާނެއެވެ.

الإمام القرطبى ލިއުއްވާފައި ވެއެވެ. ޢިލްމުވެރީން ވިދާޅުވެއެވެ. އިންސާނުންނަށް އާދައިގައި ކުޅަދާނަވެގެންނުވާ ކަންތައްތައް ސިޙްރުވެރިއާގެ އަތްމައްޗަށް ފާޅުވާކަމާމެދު އިންކާރެއް ނުކުރެވޭނެއެވެ. އެކަންތައްތަކުގެ ތެރޭގައި ބަލިޖެއްސުމާއި ދެމަފިރިން ދުރުކުރުމާއި ބުއްދި ގޯސްކޮށްލުމާއި ބާރުކަޑުވައިލުމާއި މިނޫންވެސް އަޅުތަކުންގެ ބާރުގެދަށުގައިވުން މުސްތަޙީލް ކަމުގެ މައްޗަށް ދަލީލް ލިބިފައިވާ ކަންތައްތަކުގެ ތެރޭގައި އެތައް ކަމެއް ހިމެނިގެންވެއެވެ.  

ކަންމިހެން ހުރުމާއެކު ސިޙްރަކީ އެއަށް ޙަޤީޤަތެއް ލިބިގެންވާ އެއްޗެއްކަމަށް ވިދާޅުވާ ބޭކަލުން ދެބައަކަށް ބެހިގެންވެއެވެ. އެއްބައަކީ ސިޙްރުގެ ސަބަބުން އަންނަ އަސަރަކީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހިމެނިފައިވާ އެއްޗެއްކަމަށް ދެކެލައްވާ ބައެކެވެ. އެގޮތުން އެބޭކަލުން ދެކެލައްވަނީ އޭގެ އަސަރުކުރަނީ ބައެއް ނަފްސު ތަކަށެވެ. އަދި ކުރަނީވެސް ބައެއް އަސަރުމެއެވެ. މިގޮތުން ފަތުޙުލްބާރީގައިލިއުއްވާފައި ވެއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވަނީ ސިޙްރުން އަސަރުކުރުވަނީ ހަމައެކަނި ދެމަފިރީން ދުރުކުރުމުގައެވެ. އަދި ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި ގިނަފަހަރަށް ނުވަތަ ޢާއްމު ގޮތެއްގައިސިޙްރުގެ އަސަރު ފޯރަނީ ބަލިކަށި ނަފްސުތަކަށެވެ. އެއީ މިސާލަކަށްކުޑަކުދީންނާއި ބަލިމީހުންނާއި އަންހެނުންނާއި ދީނީގޮތުން ސާބިތުކަމެއް ނެތް ضَعيف މީހުންނެވެ. ރަސޫލުންނާއި ނަބިއްޔިންނަށް ދިމާވާ ސިޙްރަކީ އެއީ އިމްތިޙާނުގެ ގޮތުންނާއި ތަޝްރީޢުގެ ގޮތުން ދިމާވާ ކަމެކެވެ.  

އަނެއްބައި ބޭކަލުން ދެކެލައްވަނީ ސިޙްރުގެ އަސަރަކީ އެހާ ހަނި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފައިވާ އެއްޗެއް ނޫންކަމަށާއި އެއީ ވަރަށް ތަނަވަސް ގޮތެއްގައިވާ އެއްޗެއް ކަމަށެވެ. އެރޮގުން ބަލާއިރު އެބޭކަލުން ބުނުއްވަނީ ސިޙްރުގެ ސަބަބުން ޙަޔަވާނަކު އިންސާނަކަށް ބަދަލުވެގެން ހިގައިދާނެއެވެ. އަދި އިންސާނަކު ޙަޔަވާނަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. ނަމަވެސް މިގޮތަށް ބުނެވޭ ބަހަކީ މުޢުތަބަރު ބަހެއްކަމަކަށެއް ނުބެލެއެވެ. ވީމާ އިތިބާރުހުރި މަޤްބޫލު ރައުޔަކީ، އަދި އޭގެ މައްޗަށް އިޢްތިމާދު ކުރެވޭ ބަހަކީ ފުރަތަމައަށް ނަންގަނެވުނު ބޭކަލުންގެ ބަހެވެ. އެއީ ސިޙްރުގެ އަސަރު ފޯރާނީ ބައެއް ނަފްސުތަކުގެ މައްޗަށް ކަމަށާއި އަދި ވަކި ކަންތަކެއްގައި ކަމަށް ނުވަތަ ވަކި މިންވަރަކަށް ކަމަށް ބުނެވޭ ބަހެވެ. 

ކަންމިހެން ހުރުމާއެކު މިމައްސަލައިގައި ހޯދައި بحث ކޮށް ހަދާ މީހަކަށް ލާޒިމުވެގެންވަނީ ވާޤިއުމުގެ މައްޗަށް (ނުވަތަ ޙަޤީޤަތުގައި ކަންހިގަމުންދާ ގޮތުގެ މައްޗަށް) ބަލައި އެކަމުގެ މައްޗަށް ޙުކުމް ކުރުމުގައި ސީދާ ވެގެންވާ ތެދު ނަޒަރަށް އޭގެ ޙައްޤު މަޤާމް ދިނުމެވެ.

މިގޮތުން ބަލާއިރު ސިޙްރުގެ މައްޗަށް ޙަޤީޤީތެދު އަސަރުތަކެއް ނަތީޖާ ވެގެން އައިސްފައިވާކަން ސާބިތުކޮށްދޭފަދަ ވާޤިޢީ ދަލީލުތަކެއް ވޭހެއްޔެވެ؟ އަދި ޤުރްއާނާއި ޞަޙީޙު ސުންނަތުން އެކަމުގެ މައްޗަށް ދަލީލުކުރާ ނައްޞުތަކެއް ވޭހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު ހަމައަށް ވާޞިލުވުމަކީ މައްސަލައާމެދު ހޯދައި ބަލާ ކޮންމެ باحث އަކުމެ ކުރާނެކަމެކެވެ.

ޙަޤީޤަތަށް ބަލާއިރު ސިޙްރު ހެދުމުގެ ފަންނަށް އެންމެ މޮޅުކަމަށް މަޝްހޫރުވެފައިވާ ބައަކީ އިހުޒަމާނުގެ މިޞްރުމީހުންނެވެ. އެބައިމީހުންނާމެދު ކީރިތި ޤުރްއާނުގައި އަހަރެމެންނަށް ޚަބަރު ދެއްވާފައިވެއެވެ. މިގޮތުން ފިރްޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭން އެންމެމޮޅު ސިޙްރުވެރީން އެއްކުރިއެވެ. ދެން އެމީހުންގެ ކަންތައްވީ ކިހިނެއްހެއްޔެވެ؟ ފަހެ ޙަޤީޤަތެއްނެތް ޚިޔާލެއް މެނުވީ އެމީހުން ނުގެނެއެވެ. މިވާހަކަ ބަޔާންކުރައްވައި الله تعالى وحى ކުރައްވަނީ "يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَى" (އެމީހުންގެ ސިޙްރުގެ ސަބަބުން އެކަލޭގެފާނަށް ހީފުޅުވީ އެތަކެތި ދުވާކަމަށެވެ.) އެތަކެއްޗަކީ އެސިޙްރުވެރީން އުކާވައުބުރިތަކާއި އަސާތަކެވެ. ވީމާ، އެއީ އެމީހުންނަކީ އެދުވަސްވަރު ދުނިޔޭގައި ތިބި، ނުވަތަ ފަހަރެއްގައިވެސް ދުނިޔޭގައި އުޅުނު އެންމެމޮޅު ސިޙްރުވެރީން ކަމަށްވާއިރު ޙަޤީޤަތެއްނެތް ޚިޔާލެއް މެނުވީ އެމީހުންނަށް ނުގެނެވޭނެކަމަށް އޮތް ޞަރީޙް ބަސްފުޅެކެވެ. ސިޙްރަކީ ޙަޤީޤީ އަސަރެއް ލިބިގެންވާނަމަ އެފަދަ ސީރިއަސް ދަޑިވަޅެއްގައި އެއެއްޗެއް އެބައިމީހުން ހެދީސްކަން ކަށަވަރެވެ. އެހެނީ އޮޅުވާން ބޭނުން މަޤާމެއްގައި ފިރްޢައުނު ހުރިހާ ސިޙްރުވޭރީން އެއްކުރުމުން އެމީހުންނަށް ގެނެވުނުހައިވެސް އެއްޗަކީ ޙަޤީޤަތެއް ނެތް ހުސް ޚިޔާލެއް ކަމަށްވުމީ ބުއްދި ޤަބޫލުކުރާ ކަމެއްނޫނެވެ. އެމީހުންނަށް އެނޫން އެއްޗެއް އެގޭކަމަށް ވާނަމަ އެއެއްޗެއް ގެނައީސްކަން ޔަޤީނެވެ. ޙަޤީޤަތުގައި އިސްވެދިޔަ އާޔަތުން ސާފުކޮށް ދަލީލުކުރަނީ ސިޙްރުން ކޮށްދޭ ހުރިހައިވެސް ކަމަކީ ފިރްޢައުނުގެ ސިޙްރުވެރީން ގެނައިފަދަ ޚިޔާލީ ކަމެއް ކަމަށެވެ.

މިބަޔާންވެދިޔައީ، ސިޙްރަކީ އެއަށް ޙަޤީޤަތެއްނުވާ ޚިޔާލީ ކަމެއްކަމަށް ދެކެލައްވާ ޢިލްމުވެރީންގެ ޙުއްޖަތެވެ. ކަން މިހެން ހުރިއިރު ސިޙްރަކީ އެއަށް ޙަޤީޤަތެއްވާ، އަދި އޭގެމައްޗަށް ޙަޤީޤީ އަސަރުތަކެއް ނަތީޖާވެގެން އަންނަ އެއްޗެއްކަމަށް ދެކެވަޑައިގަންނަވަނީ ޢިލްމުވެރީންގެ ޖުމްހޫރު، ނުވަތަ أغلبيّة އޮތް ބޮޑު ޖަމާޢަތުގެ އަހްލުވެރީން ކަމަށް ވުމާއެކު އެބޭކަލުން ޤުރްއާނުން ގެންނަވާ އެންމެބޮޑު ޙުއްޖަތަކީ هاروت އާއި ماروت އާމެދު الله وحى ކުރައްވާފައިވާ މިއާޔަތެވެ. " وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنْزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوت " الخ البقرة 102 (ސުލައިމާނުގެފާނު ކާފިރެއް ނުވެއެވެ. އެހެންނެއް ކަމަކު ޝައިޠާނުން ކާފިރުވިއެވެ. މީސްތަކުންނަށް ސިޙްރު އުގަންނައި ދިނުމުންނެވެ. އަދި ާބިލްގައިވާ ހާރުތާއި މާރޫތާއި ދެމަލާއިކަތުންނަށް ބާވައިލެއްވުނު ތަކެތިވެސް މެއެވެ.)

ނަމަވެސް ޙަޤީޤީ ނަޒަރަކުން ބަލާއިރު މިއާޔަތް ޙުއްޖަތަކަށް ނުފުދެއެވެ. އެހެނީ ސިޙްރުގެ ޙަޤީޤަތާމެދު އެއާޔަތުގައި އެއްވެސް ވާހަކައެއް އައިސްފައެއް ނުވެއެވެ. ފަހެ ސިޙްރަކީ ބާވަތެއްގެ ފިތުނައެކެވެ. ނުވަތަ ދެމަފިރީން ދުރުކުރުމަށްޓަކައި ދެބައޮޑުވާ މީހުންކުރެ ބައެއްމީހުންކުރާ ހީލަތްތެރި މަސައްކަތެކެވެ. މިމަކަށްޓަކައި މިފަދަ މީހުންގެ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން އަންނަ އަސަރުތަކާމެދު އެއާޔަތުގައި އަލިއަޅުވާލައްވާފައި ވެއެވެ. މިގޮތުން  وحى ކުރައްވާފައި ވެއެވެ. " فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ " (ފަހެ ދެމަފިރިންގެ ދެމެދު ދުރުކުރާނޭ ތަކެތި އެދެމަލާއިކަތުންގެ ކިބައިން އެމީހުން އުގެނެއެވެ.) ވީމާ އެބައިމީހުން އެހަދާ ސިޙްރުގެ ސަބަބުން ވާނޭހައިވެސް ކަމަކީ އެއީ ދެމަފިރީންގެ ދެމެދު ދުރުކުރުމެވެ. އެއީ އެސިޙްރާ ނުލައިވެސް ކުރެވިދާނެ ކަމެކެވެ. އެހެނީ ކަންހިގަމުންދާ ގޮތަށް ބަލާއިރު ދެބައޮޑުވައި ދޭތެރެޖައްސާ މީހުންކުރެ ވަރަށް ގިނަބައަކު ދެމަފިރީންގެ ދެމެދުގައި ފިތުނަ އުފައްދައި އެމީހުން ވަރިކުރުވަމުން ގެންދާތަން އަހުރެމެންނަށް ވަރަށްގިނައިން ފެނެއެވެ.

ވީމާ އިސްވެދިއަ އާޔަތަށް ބަލާއިރު ސިޙްރަކީ އެއަށް ޙަޤީޤީ އަސަރެއް ލިބިގެންވާ އެއްޗެއްކަމަށް ބުނެވޭ ދަލީލެއް ހުއްޖަތެއް އެ އާޔަތަކުން ލިބޭކަށް ނެތެވެ. މިހެން ކަމުން ސިޙުރަކީ އެއަށް ޙަޤިޤި އަސަރެއް ލިބިގެންވާ އެއްޗެއްކަމަށް ވިދާޅުވާ، ޢިލްމުވެރީންގެ ޖުމްހޫރަށް އޮތީ ކީރިތި ނަބިއްޔާ އަށް ސިޙްރުޖެހިވަޑައިގެން ކަމަށް ޢާއިޝަތުގެފާނުންގެ އަރިހުން އަލްއިމާމުލް ބުޚާރީ އާއި އަލްއިމާމުލް މުސްލިމް ރިވާކުރައްވާ حديث ން ދަލީލް ނެންގެވުމެވެ. އެ حديث ގެ މާނާއިގައި ވަނީ رسول الله صلّى الله عليه وسلّم ކަންތައް ކުރައްވާ ކަމަށް (އެބަހީ: އެއްދާން ކުރައްވާ ކަމަށް) އެކަލޭގެފާނަށް ޚިޔާލުފުޅު ކުރެއްވޭއިރު ޙަޤީޤަތުގައި އެކަމެއް ނުހިގައެވެ.

މިވާހަކަ އައިސްފައިވާ حديث އަކީ ޞައްޙަ حديث އެކެވެ. އެحديث ރިވާކުރައްވާފައިވާ އެއްވެސް ބޭކަލަކާމެދު طَعْن ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިފަދަ ޙަދީސްތައް ފުދެނީ ފަރްޢީ މައްސަލަ ތަކުގައެވެ. އިޢްތިޤާދީ މައްސަލަތަކެއްގައެއް ނޫނެވެ. ފަހެ މިފަދަ حديث ތަކަކީ ކިތަންމެ ޞައްޙަ حديث ތަކެއްކަމުގައި ވިއަސް އެއީ أحاد ގެ ޙަދީސްތަކެކެވެ. އެއިން ظَنَّ (ނުވަތަ ހީކުރުން) މެނުވީ ފައިދާއެއް ނުކޮށްދެއެވެ. ވުމާއެކު ސިޙްރަކީ އެއިން ބައެއްފަހަރަށް ޙަޤީޤީ ބައެއް އަސަރުފޯރާ އެއްޗެއް  ކަމަށްވުން މަނައެއްނުކުރެވެއެވެ.

އިސްވެ ބަޔާންވެ ދިއަ އާޔަތުން ސިޙްރަކީ އެއަށް ޙަޤީޤަތެއް ލިބިގެންވާ އެއްޗެއްކަމުގެ މާނަ ދޭހަނުވާ ކަމަށާއި އެއިން ދޭހަވަނީ ސިޙްރަކީ ޚިޔާލެއްކަމަށް ބުނެވޭ ބަހުގެ ޖަވާބުގައި ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. ސިޙްރުގެ ތެރޭގައި ޚިޔާލު ކުރުވުމެއް ނުވަތަ ހީކުރުވުމެއް ވާކަމާމެދު އަހަރެމެން ދެކޮޅެއް ނަހަދަމެވެ. އަދި ކީއްހެއްޔެވެ؟ ސިޙްރުގެ ތެރޭގައި އެކަންވެސް ވެއެވެ. އަދި ޙަޤީޤަތެއް ލިބިގެންވާ ކަންތައްވެސް ވޭމެއެވެ. 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

މިއަދު އޮންލައިން