ޢަލީ އިޙްޞާން ފިރާޤް
ޙިކުމަތްތެރިކަން:
أمّ المؤمنين أمّ سلمة رضى اللّـه عنــها އަކީ ވަރަށް ޙިކުމަތްތެރި ބޭކަނބަލެކެވެ. ހާލަތާ ގުޅޭ ގޮތަށް މުނާސަބު މަޝްވަރާ ދެއްވާ ބޭކަނބެލެކެވެ. މީހުންގެ ތަބީޢަތު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަނބެލެކެވެ. ޙައްޤުބަސް ވިދާޅުވުމުގައި ކުޑަވެސް ފަސްޖެހިވަޑައިގަތުމެއް ނެތް ބޭކަނބަލެކެވެ.
ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު މައްކާއަށް އަރާވަޑައިގެން ޢުމްރާގެ އަޅުކަން އަދާކުރައްވާ ތަނެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންގެ އިސްތަށިފުޅު ތުރުކުރައްވައި އަނެއްބައި ބޭކަލުންގެ އިސްތަށިފުޅުން ބައެއް ކަނޑުއްވާފައިވާ މަންޒަރެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް މި ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނަށް ވިދާޅުވެދެއްވެވިއެވެ. އެބޭކަލުން އެކަމާ ވަރަށް އުފާފުޅު ކުރެއްވިއެވެ. އެބޭކަލުންގެ މަޝްވަރާގެ މަތިން މާތް ރަސޫލާ صلّى اللّـه عليه وسلّم މައްކާއަށް ޢުމްރާވެވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނާއެކު ފަނަރަ ސަތޭކައެއްހާ ޞަޙާބީބޭކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މައްކާގެ މުޝްރިކުންނަށް މި ޚަބަރު ލިބުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަޞްހާބުން މައްކާއަށް އެރިޔަ ނުދިމުނަށްޓކައި ހަނގުރާމައިގެ ހަތިޔާރާއެކު ނުކުމެގެންފިއެވެ. މައްކާގެ ޙުރުމަތްތެރި ބިމުގައި ލޭއޮހޮރުވިޔަ ނުދެއްވުމަށްޓަކައި އިތުރު އެކަލޭގެފާނު މައްކާގެ މުޝްރިކުންނާއެކު ޞުލްހަނާމާއެއް ލިޔުއްވުމަށް ނިންމެވިއެވެ. އެ ޞުލްހަނާމާ ނުވަތަ އެގްރިމެންޓްގައި މައިގަނޑު ހަތަރު ޝަރުތެއް ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޝަރުތަކީ، މުސްލިމުން މިއަހަރު ޢުމްރާގެ އަޅުކަން އަދާނުކޮށް އެނބުރި މަދީނާއަށް ދިޔުމަށެވެ. އަންނަ އަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަޞްޙާބުން ވަޑައިގެން ތިން ދުވަހުގެ ތެރޭގައި ޢުމްރާގެ މަތިވެރި އަޅުކަން ކުރައްވައި ފުރިހަމަ ކުރެއްވުމަށެވެ.
މިދެންނެވި ޞުލްޙަނާމާ އެކުލަވައިލުމަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘް ކުރެއްވިއެވެ. [ތެދުވެވަޑައިގެން ތިޔަބޭކަލުން ޤުރުބާން ކުރައްވަން ގެންނެވި ނަޢަމުސޫފިތައް ޤުރުބާން ކުރައްވާށެވެ. އަދި އިސްތަށި ބާލުއްވާށެވެ.] މިހެން ތިންފަހަރު ޙަދީޘް ކުރެއްވިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިދެންނެވި ބަސްފުޅަކަށް އެއްވެސް ޞަޙާބީބޭކަލަކު އިޖާބައެއް ނުދެއްވިއެވެ. އެއީ އެބޭކަލުންގެ ނަޒަރުގައި އެކުލަވައިލެވުނު ޞުލްޙައިގެ އެއްވަސްވުމުގައި މުސްލިމުންނަށް މާގިނަ މޮޅުތަކެއް ވާތީ ފެނިވަޑައި ނުގެންނެވުމުންނެވެ. އަދި އެ އަހަރުގެ ޢުމްރާވެސް ނުކޮށް އެނބުރި ވަޑައިގަންނަވާން ޖެހުމުނެވެ.
ޞަޙާބީންގެ ފަރާތުން ފެނިވަޑައިގެންނެވި ކަންތައްތަކުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހިތްޕުޅަށް ނުތަނަވަސްކަން ވެރިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ ފޭލިގެކޮޅަށް ވަޑައިގެން ކަންތައްވީގޮތް ވިދާޅުވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ.
[އޭ މާތްﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުގެ އަމުރު ކުރެއްވި ފަދައިން އެބައިމީހުން އަމަލުކުރަން އެދިވަޑައިގަންނަވާނަމަ ކަލޭގެފާނު އެއިން ބޭކަލާ އެއްވެސް ވާހަކަފުޅެއް ވިދާޅުނުވެ، ނުކުމެވަޑައިގެން ޤުރުބާން ކުރައްވާށެވެ. އިސްތަށިފުޅު ތުރުކުރައްވާ މީހާ ގެންނަވައި އިސްތަށިފުޅު ތުރުކުރައްވާށެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ މަޝްވަރާއާ އެއްގޮތަށް އަމަލުފުޅު ކުރެއްވިއެވެ. އެކަލޭގެފާނު ޤުރުބާން ކުރައްވާ އިސްތަށިފުޅު ތުރުކުރައްވާތަން ފެނިވަޑައިގެންނެވުމުން ޞަޙާބީންވެސް އެގޮތަށް އަމަލުފުޅު ކުރައްވަން ފެއްޓެވިއެވެ. މިވާހަކަ މިގޮތައް އައްރަޙީޤުލް މަޚުޠޫމުގައްޔާއި، ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ.