އަދި ބުނެވޭގޮތުގައި ސިޙްރާމެދު އެންމެ ޞައްޙަ ބަހަކީ އެއީ ޚިޔާލުކުރެވުމެކެވެ. (ނުވަތަ ހީކުރެވުމެކެވެ.) ނަމަވެސް އޭގެ އަސަރު ހަށިގަޑަށް ކުރެއެވެ. ބަލިވުމުންނާއި މޮޔަވުމުންނާއި މަރުވުމުންނެވެ. (އޭގެ މާނައަކީ އެއިން ކުރާ އަސަރުގެ ތެރޭގައި ބަލިވުމާއި މޮޔަވުމާއި މަރުވުން ހިމެނިގެން ވެއެވެ.) އެއީ ދެކެވޭ ވާހަކައިން ޠަބީޢަތަށާއި ނަފްސަށް އަސަރުފޯރާ ފަދައިންނެވެ. މިސާލަކަށް މީހަކު އޭނާ ނުރުހޭ ވާހަކައެއް އަހައިފިނަމަ މޫނުރަތްވެ ރުޅިއާދެއެވެ. އަދި ބައެއްފަހަރަށް އެކަމުން ހުންއައިސް މަރުވެސް ވެދެއެވެ. އެހެނީ އެއީ ހަށިތަކަށް އަސަރު ފޯރުވަނިވި ބަލިތައް ފަދައިންވާ އެއްޗެކެވެ.
އަދި ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސިޙްރާމެދު ދެގޮތަށް ވާހަކަ ދެކެވުނު ކަމުގައި ވިއަސް ޞައްޙަ ގޮތަކީ ސިޙްރަކީ ދެބާވަތެއްގެ އެއްޗެކެވެ. އެއްބާވަތަކީ ޢިލްމީ ހީލަތާއި އަވަސްވެގެންވާ ލުއި ޙަރަކާތުގެ މައްޗަށް އިޢްތިމާދު ކުރެވިގެންވާ ޚިޔާލު ކުރުވުމެކެވެ. ނުވަތަ ހީކުރުވުމެކެވެ. އަނެއްބާވަތަކީ އެއަށް ޙަޤީޤަތެއްހުރި ބާވަތެކެވެ. އޭގެ ސަބަބުން ދެމަފިރީން ވަރިވެ ދެއެވެ. އަދި އޭގެ ސަބަބުން އުދަގުލާއި ގެއްލުން ލިބޭގޮތް ވެއެވެ.
ކުރީންވެސް ބަޔާންކުރެވިފައިވާނޭ ފަދައިން އިލްމުވެރީންގެ ޖުމްހޫރު ނުވަތަ ގިނަ ޢިލްމުވެރީން ވިދާޅުވަނީ ސިޙްރަކީ އެއަށް ޙަޤީޤަތެއް ލިބިގެންވާ އެއްޗެކެވެ. މިއީ އެންމެ ޞައްހަވެގެންވާ ރައުޔުމެއެވެ. މިރައުޔުގެ މައްޗަށް އެބޭކަލުން ދަލީލު ދައްކާފައި ވެއެވެ. ކީރިތި ޤުރްއާނުގެ ބައެއް ނައްޞުގެ އިތުރުން ކީރިތި ރަސޫލާ ﷺ ގެ ސުންނަތުންވެސް ދަލީލު ދައްކަވާފައިވެއެވެ. އޭގައިވާ ގޮތުން ކީރިތި ރަސޫލާއަށް ޔަހޫދީ ސިޙްރުވެރިއާ ލަބީދުބުނުލް އަޢުޞަމް ސިޙްރު ހެދިއެވެ. ދެން ﷲގެ ވަޙީއާއެކު ކީރިތި ރަސޫލާ ﷺ ގެ އަމުރުފުޅަށް، ذَرْوَان އޭ ކިއުނު ވަޅުން، އެސިޙްރު ހަދާފައިވާ އެތި ނެގެވުނެވެ. އެއޮތީ ގޮށްތަކެއް ޖަހައިފައެވެ. ދެން އެއިން ކޮންމެ ގޮށެއް މޮހައިލެވޭހިދު އެކަލޭގެފާނަށް ލުއިފުޅުވެއެވެ. އެހެން އައިސް ހުރިހާ ގޮށްތަކެއް މޮހެވި ނިމުނުހިދު، އެކަލޭގެފާނުންގެ ގައިކޮޅުގައި ބަދެވިފައިވާ ވާގަޑެއް މޮހައިލެވުމުން ހަށިކޮޅަށް ލުއިވެ ހިތްވަރުފުޅު ލިބިވަޑައިގެން ދިޔަފަދައެވެ.
އަދި ރިވާވެގެންވާ ގޮތުގައި عبد الله بن عمر رضي الله عنهما ޚައިބަރަށް ވަޑައިގެން އެތާނގެ ގަސްތަކުގައިވާ މޭވާގެ ހިސާބު ބެއްލެވުމަށް އުޅުއްވިހިދު ޔަހޫދީން އެކަލޭގެފާނަށް ސިޙްރު ހެދުމުން އެކަލޭގެފާނުގެ އަތްޕުޅު ބަންދުވިއެވެ. އަދި ޢާއިޝަތުގެފާނުގެ އަރިހަށް އަންހެނަކު އައިސް ދެންނެވިއެވެ. އޭއުއްމުލްމުއުމިނީންއެވެ! އަންހެނަކު އެކަބުލޭގެ ޖަމަލު ބަދެފިނަމަ އެކަބުލޭގެ މައްޗަށް އޮތީ ކޮންކުށެއްތޯއެވެ؟ ދެން ޢާއިޝަތުގެފާނަށް އެކަބުލޭގެ އެދެންނެވި އެއްޗެއް ވިސްނިވަޑައި ނުގަތުމާއެކު ވިދާޅުވިއެވެ. އެކަބުލޭގެ މައްޗަކަށް އެއްވެސް ކުށެއްނެތެވެ. ދެން އެކަބުލޭގެ ދެންނެވިއެވެ. ތިމަންގެ ފިރިމީހާއަށް އަންހެނުންގެ ބޭނުން ނުކުރެވޭނެ ގޮތުން އޭނާ ބަދެފީމެވެ. (ނުވަތަ އޭނާގެ އާލަތުގެ ބާރު ކަޑުވާލައިފީމެވެ.) ދެން އެހެން މީހުންނަށް ޢާއިޝަތުގެފާނު ވިދާޅުވިއެވެ. މީނދަ ސިޙްރުވެރި ކަނބުލޭގެ ތިމަން ކަމަނާގެ އަރިހުން ނެރެލާށެވެ.
މިބަޔާންވެ ދިއައީ ސިޙްރު ޙަޤީޤަތާމެދު އައިސްފައިވާ ބައެއް ރިވާޔަތް ތަކެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)