ޚުލުޤްފުޅު:
أمّ المؤمنين أمّ سلمة رضى اللّـه عنــها އަކީ ވަރަށް ޚުލުޤުފުޅު ހެޔޮ ދީންވެރި ތަޤުވާވެރި ބޭކަނބަލެކެވެ. އެކަމަނާއަށް ފަހަރެއްގައިވެސް ގޯސްކަމެއް ކުރެވިއްޖެނަމަ އެކަމަށް ތައުބާވެވަޑައިގެންނެވުމަކީ އެކަމަނާގެ އާދަފުޅެކެވެ.
އިބްނު ސަޢުދު ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ކުރެއްވި ދަތުރުފުޅެއްގައި އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ދެ އަނބިކަނބަލެއްކަމުގައިވާ އުއްމު ސަލަމަތުގެފާނާ ޞަފިއްޔަތުގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އޮޅިވަޑައިގެން އުއްމުސަލަމަތުގެފާނުގެ ދުވަހުގައި ޞަފިއްޔަތުގެފާނުގެ ހައުދަޖު ގެ ކައިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އިރުކޮޅަކު ޞަފިއްޔަތުގެފާނާ ވާހަކަފުޅު ދައްކަވަން މަޑުކޮށްލެއްވިއެވެ. އެތަން އުއްމުސަލަމަތުގެފާނަށް ފެނިވަޑައިގެން އެކަމަނާގެ ހިތްޕުޅުގައި ޣީރަތްތެރިކަން އުފެދުނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމުން އެކަމަނާ ވިދާޅުވިއެވެ.
[އަޅުގަނޑުގެ ދުވަހުގައި، އެ ޔަހޫދީމީހާގެ އަންހެން ދަރިޔާ ވާހަކަފުޅު ދައްކަވަން ހުންނެވީ ކީއްކުރަންތޯއެވެ؟]
އުއްމު ސަލަމަތުގެފާނު ވިދާޅުވެފައިވެއެވެ. [އެދުވަހު އެހެން ޞަފިއްޔާގެ ވާހަކަ ބުނެވުނީތީ އަހަރެން ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އަހަރެންގެ ފާފާ ފުއްސެވުން އެދިވަޑައިގެން މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް އަހަރެން އެދުނީމެވެ. އެދުވަހު އެހެން ބުނެވުނީ އަހަރެންގެ ޣީރަތްތެރިކަމުގެ ބޮޑުކަމުންނެވެ.] {އިބްނު ސަޢުދު، ޠަބަޤާތު، ވޮލިޔުމް 8، ޞަފްޙާ 76}
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަމުރުފުޅުތަކަށާއި ނަހީފުޅުތަކަށް ބޯލެންބެވުމަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها ކުޑަވެސް ފަސްޖެހިވަޑައިގެންނެވި ކަމެއް ނޫނެވެ.
އެކަމަނާގެ ކުރީގެ ފިރިކަލުން އަބޫސަލަމަތު އަވަހާރަވުމުން އެކަމަނާއަށް ވަރަށް ފުން ހިތާމަފުޅެއް ލިބިވަޑައިގެންނެވިއެވެ. އެހެންކަމުން ޢަރަބީންގެ އާދަކާދައިގެ މަތީން އަންހެނުން އެއްކުރައްވައިގެން [ރުއިމުގެ ހަފްލާ] އެއް ބާއްވަން އެކަމަނާ ނިންމެވިއެވެ. ކަންދިމާ ކުރި ގޮތުން އެވަގުތު އެތަނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވަޑައިގެންނެވިއްޖެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
[މާތްﷲ، މިގެއިން ދެފަހަރު ފައްސަވައިލައްވައިފައިވާ ޝައިޠާނާ އަލުން މިގެއަށް ވައްދަން އުޅުއްވަނީތޯއެވެ؟]
أمّ المؤمنين أمّ سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ އެހެން ޙަދީޘް ކުރެއްވުމުން އަހަރެން ރުއިން ހުއްޓައިފީމެވެ. ދެން އޭގެ ފަހަކުން ނުވެސް ރޮމެވެ.] { صحيح مسلم كتاب الجنائز، باب الْبُكَاءِ عَلَى الْمَيِّتِ، ޙަދީޘް 922}
- ޢަލީ އިޙްޞާން ފިރާޤް