ބައްޕައާ ފިރިމީހާއާ ދަރިފުޅު ޝަހީދުވުމުން ކަންބޮޑުނުވެ ރަސޫލް ޞޢޥ, އަށް ކަމެއްވެދާނެތީ ކަންބޮޑުވެވަޑައިގެންނެވި އަންޞާރީ ކަމަނާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ބައްޕައާ ފިރިމީހާއާ ދަރިފުޅު ޝަހީދުވުމުން ކަންބޮޑުނުވެ ރަސޫލް ޞޢޥ, އަށް ކަމެއްވެދާނެތީ ކަންބޮޑުވެވަޑައިގެންނެވި އަންޞާރީ ކަމަނާގެ ވާހަކަ-

އަޅުގަނޑުމެންގެ ބަލިކަށިވެފައިވާ ޢަޤީދާ ވަރުގަދަކޮށް އަޅުގަނޑުމެންގެ ހަށިގަނޑުގައި ދައުރުވަމުންދާ ލޭ ހޫނުކޮށް އެކަލޭގެފާނުދެކެ ޙަޤީޤީ ލޯބިވާ ބަޔަކަށްވުމަށާއި ދީނާށާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް މަލާމާތްކުރާ މީހުންނަކީ އަޅުގަނޑުމެންގެ ދުޝްމަނުންކަމުގައި ދެކި، އެމީހުންގެ މަކަރުވެރި ދަލުން ސަލާމަތްވުމަށް، މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން އެކަލޭގެފާނު ދެކެވާ އިޚްލާސްތެރި ލޯބި ތަޞައްވަރުކޮށްލުމަށް މި ޙަޤީޤީ ޙާދިސާއިން ޢިބްރަތް ޙާޞިލްކޮށްލަމާތޯއެވެ! 

އުޙުދު ހަނގުރާމައިގައި މުސްލިމުންގެ ތެރޭގައި، ކީރިތި ރަސޫލާ صلى الله عليه و سلم ޝަހީދުވެވަޑައިގަތް ޚަބަރުފެތުރިގެން ދިޔައެވެ. ހަނގުރާމައިގެ މައިދާނުގައި ހުރި އަންޞާރީ އަންހެން ބޭކަނބަލަކާއި ހަމައަށްވެސް މި ޚަބަރު ދިޔައެވެ. އެ ވަގުތު އެކަމަނާ އަވަސް އަވަހަށް ކީރިތި ރަސޫލާގެ صلى الله عليه و سلم ޙާލުކޮޅާއި މެދު ހިތްހަމަ ޖެއްސުމަށް ދިޔައެވެ. މަގުމަތީން ދިމާވި މީހެއް ކައިރިން އެއްސެވިއެވެ. "ކީރިތި ރަސޫލާ  صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟" އެ މީހާ ބުންޏެވެ. "އިއްނާލިއްﷲ ވަ އިއްނާ އިލައިހި ރާޖިޢޫން އެވެ. ކަނބުލޭގެ ބައްޕާފުޅު ޝަހީދުވެއްޖެއެވެ." 

އެހިނދު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟ " އެ މީހާ ބުންޏެވެ. "އެކަލޭގެފާނުގެ ޙާލުކޮޅު ރަނގަޅެވެ."

އެ ގޮތުން ދެވަނަ މީހެއް ކައިރިން ސުވާލު ކުރެއްވިއެވެ. "ކީރިތި ރަސޫލާ صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟" އެ މީހާ ބުންޏެވެ. "އިއްނާލިއްﷲ ވަ އިއްނާ އިލައިހި ރާޖިޢޫން އެވެ. ކަނބުލޭގެ ފިރިކަލުން ޝަހީދުވެއްޖެއެވެ." 

އެހިނދު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ صلى الله عليه و سلم ކިހިނެއް ހެއްޔެވެ؟" އެ މީހާ ބުންޏެވެ. "އެކަލޭގެފާނުގެ ޙާލުކޮޅު ރަނގަޅެވެ." 

ހަމަ ކުރިންވެސް ކުރި ސުވާލުތައް ކުރުމަށް ފަހު ދަނިކޮށް ތިންވަނަ މީހެއް ކައިރިން އެހުމުން ދަރިކަލެއްވެސް ޝަހީދުވެއްޖެކަން އެނގުނެވެ. އަދި ކީރިތި ރަސޫލާގެ صلى الله عليه و سلم ޙާލުކޮޅު ރަނގަޅުކަމަށް ބުނެވުނެވެ. 

ވިސްނާ ބަލާށެވެ. އެކަމަނާގެ ބައްޕާފުޅާއި ފިރިކަލުންނާއި ދަރިފުޅަށްވުރެވެސް ބޮޑަށް އެކަމަނާއަށް މުހިންމުވީ، މާތް  ނަބިއްޔާ صلى الله عليه و سلم އެވެ. ޚަބަރެއް ލިބުނަސް އެ ކަމަނާ ލޮލުން ކީރިތި ރަސޫލާ صلى الله عليه و سلم ދެކި ޙާލުކޮޅާއިމެދު ޔަޤީން ކުރަން ބޭނުންވިއެވެ. އެގޮތަށް ދަމުންގޮސް އެކަމަނާއަށް ކީރިތި ރަސޫލާ صلى الله عليه و سلم ފެނިވަޑައި ގަތުމުން، އެކަމަނާގެ ހިތުގައި ވީ ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.  

މާތް ނަބިއްޔާ صلى الله عليه و سلم ސަލާމަތްފުޅުން އެބަ ހުންނެވިކަން އެނގުމުންނެވެ. ދެން ބުންޏެވެ. "ކަލޭގެފާނު ހެޔޮޙާލުގައި ހުންނެވިއްޔާ، އެހެން ކޮންމެ މުޞީބަތަކީވެސް އާދައިގެ ކުޑަ ކަމަކެވެ!"

 

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

 

 

 

މިއަދު އޮންލައިން