މި 5 ކަންތައް ފުރިހަަމަކުރެވޭނެ ނަމަ ތިބާ ބޭނުންވަރަކަށް ފާފަކުރާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 11ސ
މި 5 ކަންތައް ފުރިހަަމަކުރެވޭނެ ނަމަ ތިބާ ބޭނުންވަރަކަށް ފާފަކުރާށެވެ!

އެއްދުވަހަކު ފާފަތަކަށް އަރައިގަތުމުގައި ހައްދުފަހަނައަޅާފައިވާ މީހަކު އިބްރާޙީމް ބުނު އަދްޙަމްގެ އަރިހަށްގޮސް ދެންނެވިއެވެ. އޭ ޝައިޚުއެވެ. އަޅުގަނޑުގެ ނަފްސު އަޅުގަނޑަށް ފާފަކުރުމަށްގޮވާ ހިތްވަރުދީ ހަދަނީއެވެ. އެކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުކުރަންވީ ކޮންކަމެއްތޯއެވެ؟ އެހިނދު އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ.

ފަސްކަމެއް ފުރިހަމަ ކުރެވޭނެނަމަ ތިބާ ﷲ ގެ އެންގެވުންތަކަށް ނުކިޔަމަންތެރިވެ ތިބާގެ ނަފްސު ގޮވާލާ ކަންތައްތައްކޮށް ފާފަތަކަށް އަރައިގަންނާށެވެ! އެ މީހާ ދެންނެވިއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ﷲ އަށް އުރެދި ފާފަތަކަށް އަރައިގަންނަ ނަމަ ﷲ ބައްލަވައިވޮޑިގެންނުވާ ތަނެއްގައި ހުރެގެން ފާފަކުރާށެވެ. އެމީހާ ދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ﷲ އީ އުޑުގައިވިޔަސް އަދި ބިމުގައިވިޔަސް އެއިލާހަށް އެއްވެސްކަމެއް ވަންހަނާ ވެގެންނުވާ އިލާހެވެ. ތިކަންކުރާނީ ކިހިނެއްހެއްޔެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ﷲ ބައްލަވާވޮޑިގަންނަވާއިރު ފާފަކުރަން ތިބާ ލަދެއް ނުގަނޭ ހެއްޔެވެ؟ 

ދެން އެމީހާ ދެންނެވިއެވެ. ދެން ކޮންކަމެއް ހެއްޔެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާފާފަކުރާއިރު ﷲ ގެ ބިންމަތީގައި ނޫން އެހެންތަނެއްގައި ހުރެގެން ފާފަ ކުރާށެވެ. އެމީހާ ދެންނެވިއެވެ. ސުބްޙާނަﷲ އެވެ. ތިކަންވާނީ ކިހިނެއް ހެއްޔެވެ؟ގެ ބިންމަތިން އަޅުގަނޑުދާނީ ކޮންތާކަށްހެއްޔެވެ؟  ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗެއް މިލްކު ވެވޮޑިގެންވަނީ ﷲއަށެވެ.

އަނެއްކާވެސް އެމީހާ ދެންނެވިއެވެ. ދެން ކޮންކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ފާފަތަކަށް އަރައިގަންނަ ނަމަ ﷲ ދެއްވާ ރިޒުޤު ކެއެން ހުއްޓާލާށެވެ! އެމީހާ ދެންނެވިއެވެ. އަޅުގަނޑުކެއުން ހުއްޓާލާއިފިނަމަ ވާނީ މަރެއްނޫންތޯއެވެ؟ ދެންކޮން ކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ފާފަތަށް ކުރުމުގައި ދެމިހުއްޓާ މަރުވެއްޖެނަމަ ތިބާ ނަރަކައަށް ވެއްދުމަށް މަލާއިކަތްބޭކަލުން ވަޑައިގަތުމުން އެބޭކަލުންނަށް ނުކިޔަމަންތެރިވެ އެބޭކަލުންގެ އަރިހުގައި ނުދާށެވެ. އެމީހާ ދެންނެވިއެވެ. ތިޔައީ ކިހިނެއްވާނެ ކަމެއްތޯއެވެ؟ ދެން ކޮންކަމެއްތޯއެވެ؟ އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ތިބާ ދުނިޔެމަތީގައި ކުރިކަންތައްތައްތަކުގެ ފޮތް ކިޔުމަށް އެންގެވޭހިނދު އެކަމަށް އިންކާރުކޮށް އެފޮތުގައިވާ ކަންތައްތަކަކީ ތިބާ ނުކުރާ ކަންތައްތައް ކަމުގައި ބުނާށެވެ! އެމީހާ ދެންނެވިއެވެ. ތިކަމެއް ނުވާނެއެވެ. ދެކޮނޑުގައިވާ ދެމަލާއިކަތުންވަނީ އެކަންތައް ލިޔުއްވާފައެވެ. އަދި އެކަންތައްތައް ކުރި ގުނަންތައް އެކަންތައްތައް ކުރިކަމަށް ހެކިވާނެއެވެ. 

އިބްރާޙީމް ބުނު އަދްޙަމް ވިދާޅުވިއެވެ. ކަންއޮތްގޮތަކީ މިއީއެވެ. ﷲއަށް ލަދުވެތިވެ  ތިބާ ފާފަކުރުން އަވަހަށް ހުއްޓާލާށެވެ!

އޭ އިންސާނާއެވެ! ދުނިޔޭގެ ޙަޔާތުގެ މިސާލަކީ ސައިބޯނި ބޮތްކެއްގެ މިސާލެކެވެ. އެއީ ވަގުތީ އަގެއްނެތް ތަނެކެވެ. ދުނިޔޭގެ ޖާހާ މަންޞަބަށް އާޚިރަތުގެ ދާއިމީ ޙަޔާތް ވިއްކާ ނުލާށެވެ. ދުނިޔޭގެ އަރާމާއި އުފަލާއި ޒީނަތަކީ އަގެއްލިބިފައިވާ އެއްޗެއްނަމަ ދުނިޔޭގައި އުޅުނު ޖައްބާރު ވެރިންނާއި މުއްސަނދިންނާއި މަހުޖަނުން ކޮބައިހެއްޔެވެ؟! ތިބާގެ ދެލޮލުން ޙަރާމް ތަންނަށް ނުބަލާށެވެ! ދެކަންފަތުން ޙަރާމް ވާހަކަތައް އަޑުއެހުމުން ދުރުހެލިވާށެވެ! ދުލުން އެންމެހާ ކުދިބޮޑު ފާޙިޝް ވާހަކަދެއްކުމުން ރައްކާތެރިވާށެވެ! ހިތާއި ސިކުނޑިން ޙަރާމް ކަންތައްތަކަށް މަގުފަހިވާފަދަ ކަންކަމާއިމެދު ވިސްނުމުން ދުރުހެލި ކުރާށެވެ! ﷲ ޙަރާމް ކުރެއްވި އެއްޗެއް ތިމާގެ ހަށިގަނޑުގެ ތެރެޔަށް ވާޞިލްވެދާނެކަމަށް ލަދުވެތިވާށެވެ! ލަދުވެތިގުނަވަން ރައްކާތެރި ކުރާށެވެ! ޙަރާމްކަންތައްތަކަށް މަގުފަހިވާފަދަ ތަންތަނަށް ދިއުމުން ތިބާގެ ފައި މަތަކުރާށެވެ! ފާފައެއް ކުރަންހުއްޓާ ތިބާގެ އަޖަލު ހަމަވެ، އެޙާލުގައި ތިބާ ޤިޔާމަތްކުރައްވައި ﷲ ގެ ދަރުބާރަށް ޙާޟިރުކުރެވޭނެ ކަމާއިމެދު ލަދުވެތިވެ ފާފަތަކުން ދުރުހެލިވާށެވެ!

 

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދު

 

މިއަދު އޮންލައިން