ޢަލީ އިޙްޞާން ފިރާޤް
މާތް ރަސޫލާ (ﷺ)ގެ އަމަލުފުޅުތަކުގެ ފާރަވެރިޔާ
ކޮންމެ ދާއިރާއެއްގައިވެސް ޢިލްމުވެރިކަމުގެ ރޮނގުން ކުރިއަރައިފައިވާ މީހުންނަކީ އެބައިމީހުންގެ އެދުރުންގެ އަރިހުގައި ގިނަގިނައި ސުވާލުކޮށް ކަންތައްތައް ބޮޑަށް އޮޅުން ފިލުވާ މީހުންނެވެ. أمّ المؤمنين أمّ سلمة رضى اللّـه عنــها އަކީ މާތް ރަސޫލާގެ އަމަލުފުޅުތައް ބައްލަވައި ދިރާސާކުރައްވައި އެކަންތައްތަކާ ބެހޭގޮތުން ޚުދު ރަސޫލާ صلّى اللّـه عليه وسلّم ގެ ބަސްފުޅުތައް އަމިއްލަފުޅަށް އައްސަވާ ބޭކަނބަލެވެ.
އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޢަޞުރަށްފަހު ސުންތައް ދެރަކުޢަތް ނަމާދުފުޅެއް ކުރައްވާތަން ފެނިވަޑައިގެން أمّ المؤمنين أمّ سلمة رضى اللّـه عنــها އެކަމަނާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
[ޢަބްދުގައިސް ވަންހައިގެ މީސްތަކުން ތިމަންކަލޭގެފާނު ގާތަށް އައުމުން މެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް ނުކުރައްވައި އެބައިމީހުންގެ ކަންތައްތަކާ މަޝްޣޫލުވެވުނީއެވެ. އެހެންކަމުން ޢަޞްރުފަހުން އެދެރަކްޢަތް ކުރީއެވެ]. { مُتَّفق عَلَيْهِ }
މި ޙަދީޘުން ސުންނަތް ނަމާދު ޤަޟާ ކުރެވޭނެ ކަމަށް ޢިލްމުވެރިން ދަލީލު ނަންގަވައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ފަތިސް ނަމާދަށްފަހު ވިދާޅުވާ ދުޢާއާމެދު أمّ المؤمنين أمّ سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ފަތިސް ނަމާދު ކުރަށްވައި ސަލާމް ދެއްވާފައި " اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلاً مُتَقَبَّلاً" މި ދުޢާ ކިޔަވާ ވިދާޅުވެއެވެ.] { سنن ابن ماجه،كتاب إقامة الصلاة والسنة فيها، باب مَا يُقَالُ بَعْدَ التَّسْلِيمِ ، ޙަދީޘް 925}
أمّ المؤمنين أمّ سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. [އެއްވެސް އަންހެނަކު މަރުވާހިނދު، އޭނާގެ ފިރިމީހާ އޭނާގެ މައްޗަށް ރުހިގެންވާނަމަ، އެ އަންހެނަކު ސުވަރުގެވަންނަ ހުއްޓެވެ.] {ރިޔާޟުލް ޞާލިޙީން، ދިވެހި ތަރުޖަމާ، ޞަފްޙާ 343، ޙަދީޘް ނަންބަރު 286}
أم سلمة رضى اللّـه عنــها ވިދާޅުވެފައިވެއެވެ. އެއްރެއަކު ނަބިއްޔާ صلّى اللّـه عليه وسلّم އަވަހާރަފުޅު ލެއްޕެވުމަށްފަހު ތެދުވެވަޑައިގެންނެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ.
" سُبْحَانَ اللَّهِ مَاذَا أُنْزِلَ اللَّيْلَةَ مِنَ الْفِتَنِ وَمَاذَا فُتِحَ مِنَ الْخَزَائِنِ أَيْقِظُوا صَوَاحِبَاتِ الْحُجَرِ، فَرُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي الآخِرَةِ "
މާނައީ: [سُبْحَانَ اللَّهِ އެވެ. ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ފިތުނަތަކުގެ ތެރެއިން މިރޭ ބާވައިލެއްވުނީ ކޮންކޮން ފިތުނަތަކެއް ހެއްޔެވެ؟ އަދި ޚަޒާނާތަކުގެ ތެރެއިން މިރޭ ހުޅުވައިދެއްވުނީ ކޮންކޮން ޚަޒާނާތަކެއް ހެއްޔެވެ؟ ތިޔަބައިމީހުން ގޭގެ އަހުލުވެރިންނަށް ގޮވައި ހޭލައްވާށެވެ. ދުނިޔޭގައި ފޭރާންލައި އުޅެފައިވާ މީހުންގެ ތެރެއިން އާޚިރަތް ދުވަހު އޮރިޔާމުން އުޅެންޖެހެނީ ކިތައް އަންހެނުން ހެއްޔެވެ؟] { صحيح البخاري، كتاب العلم، باب الْعِلْمِ وَالْعِظَةِ بِاللَّيْلِ، ޙަދީޘް 115}
أمّ المؤمنين أمّ سلمة رضى اللّـه عنــها، ގެންދެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޢަމަލުފުޅުތަކާއި ބަސްފުޅުތައް އެކަމަނާގެ ސިކުނޑިފުޅުގައި ޚަޒާނާ ކުރައްވަމުންނެވެ. އެކަމަނާގެ އަރިހުގައި އެކަލޭގެފާނު ހުންނަވަން ހަމަޖެހިފައިވާ ދުވަސްތަކުގައި އެކަލޭގެފާނު ކުރައްވާ ދުޢާފުޅުތަކަށް ދާންދެން އެކަމަނާވަނީ ދަސްފުޅު ކުރައްވައިފައެވެ. އެކަމަނާވަނީ ފަހުން އައި މީސްތަކުންތައް އެކަންތައްތައް ބަޔާންކޮށްދެއްވައިފައެވެ.
އެއްފަހަރަކު شهر بن حوشب އޭ ކިޔުނު ބޭކަލަކު أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މުއުމިނުތަކުންގެ މަންމާއެވެ. ކަމަނާގެ ގެކޮޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ހޭދަކުރައްވާ ވަގުތުތަކުގައި އެންމެ ގިނައިން ވިދާޅުވާ ދުޢާއަކީ ކޮބައިތޯއެވެ؟] أمّ المؤمنين أمّ سلمة رضى اللّـه عنــها ވިދާޅުވިއެވެ. [ތިމަންކަމަނާގެ އަރިހުގައި ހުންނަވާ ވަގުތުތަކުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ގިނައިން ވިދާޅުވާ ދުޢާއަކީ " يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ " {އެބަހީ: އޭ ހިތްތައް އެފުށްމިފުށަށް އަނބުރުއްވާ ރަސްކަލާކޮ. އިބަރަސްކަލާނގެ ދީނުގައި މިއަޅާގެ ހިތް ސާބިތުކޮށް ދެއްވާންދޭވެ.] މި ދުޢާއެވެ.] {جامع الترمذي، كتاب الدعوات عن رسول الله صلى الله عليه وسلم، ޙަދީޘް 3522}
މިދެންނެވި ފަދަ އެއްތައް އެއްތައް މާތް ރަސޫލާގެ އިރްޝާދުފުޅުތަކެއް أمّ المؤمنين أمّ سلمة رضى اللّـه عنــها ވަނީ އިސްލާމީ އުއްމަތަށް އަމާނާތްތެރިކަމާއެކު ރައްދުކޮށް ދެއްވައިފައެވެ.
ޢަލީ އިޙްޞާން ފިރާޤް