ދަރިން ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް ކިތަންމެ ބޮޑުވި ނަމަވެސް ދަރިންގެ އުމުރުން 7 އަހަރުން ފެށިގެން ނަމާދުކުރުމަށް ދަރިންނަށް ވަޞިއްޔަތްކުރަން ޖެހޭނެއެވެ. އަދި 10 އަހަރުވުމުން ނަމާދުކުރުވަން ޖެހެނެއެވެ.
ދަރިން ގާތު ނަމާދަށް ދާން ބުނުމުން ނުދާނަމަ ގިނަ ފަހަރު މައިން ބަފައިން އަޅައެއް ނުލައެވެ. ބޮޑެތިވުމުން ނަމާދަށް ދާން ދަރިންނަށް ހަނދާންކޮށްދޭން މައިންބަފައިން ލަދު ވެސް ގަނެއެވެ. ނަމަވެސް ދަރިން ކިތަންމެ ބޮޑުވި ނަމަވެސް ނަމާދަށް ދާން ހަނދާންކޮށްދީ އެކަމަށް ބާރުއެޅުމަކީ މައިން ބަފައިން ކޮންމެހެން ވެސް އަދާކުރަންޖެހޭނެ ޒިންމާއެކެވެ.
ﷲ ތަޢާލާ ތިމާއާއި ޙަވާލުކުރައްވަވާ މަސްއޫލިއްޔަތެއް އަދާކުރަން އެއްވެސް މީހަކު ރުހޭތޯ ބަލާކަށް ނުޖެހޭނެއެވެ. އޮތީ އެ މަސްއޫލިއްޔަތު އަދާކުރުމެވެ.
ލުޤްމާން ސޫރަތުގެ 17 ވަނަ އާޔަތުގެ މާނައިގައި ވަނީ "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމް ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާއަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ."
މިއީ ލުޤްމާންގެފާނު ދަރިންނަށް ދެއްވި ނަޞޭޙަތްތަކުގެ ތެރެއިން ނަޞޭޙަތެކެވެ. ނަމަވެސް ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި އޮތުމުން އެއަށް އަމަލުކުރަން ޖެހޭނެއެވެ. ޤުރްއާނުގެ އާޔަތެއްގެ ގޮތުގައި އެއޮތީ ހަމައެކަނި ކިޔަވައިލާކަށް ނޫނެވެ. ކިޔަވައި ޢަމަލުވެސް ކުރުމަށެވެ.
ދަރިންގެ އެކި ޢުމުރުގައި ނަމާދުކުރަން ބުނަން ބޭނުންކުރާ ޢިބާރާތް ޢުމުރާއި ގުޅޭނެ ގޮތަށް ބަދަލުކުރަން ޖެހޭނެއެވެ. ބަލައިގަތުން ފަސޭހަވާނީ އެއިރުންނެވެ. ކޮންމެ ޢިބާރާތަކުން ނަމަވެސް މިއީ ނުބުނެ ދޫކޮށްލެވެން އޮތް ބަހެއް ނޫނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން