ޝައްކެއްނެތް ގޮތުގައި ސިޙްރުގެ ޙަޤީޤަތާމެދު ދީނުގެ ވަރަށްގިނަ ޢިލްމުރެރީންނާއި މުއައްރިޚުން ވާހަކަ ދައްކަވާފައި ވެއެވެ. ކުރީން އެބޭކަލުންނާމެދު އިޝާރާތް ކުރެވިފައިނުވާ އެތައް ބައެކެވެ. އާއެކެވެ! العلاّمة ابن خلدون ފަދަ شيخ الإسلام ابن تيميّة އާއި الفخر الرّا زى ފަދަ ބޭކަލުންވެސް ސިޙްރަށް ޙަޤީޤަތެއް ލިބިގެންވާކަމާމެދު ވާހަކަ ދައްކަވާފައި ވެއެވެ. ދިގުވެދާނެ ކަމަށްޓަކައި އެބޭކަލުންގެ ވާހަކަތައް ވަކިވަކީން ނުގެނެސް ކުރުކޮށްލަމެވެ. އެހެނީ އެބޭކަލުންގެ ވާހަކަތައްވެސް ހިމެނިފައިވަނީ ޖުމްހޫރުލްޢުލަމާއުގެ ވާހަކަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެކަށީގެންވާ މިންވަރަކަށް ބަޔާންވެ އެވާހަކަތައް އިސްވެ ހިގައްޖެއެވެ.
ނަމަވެސް މިރޮގުން އައިސްފައިވާ މިނޫން ބައެއް ބޭކަލުންގެ ވާހަކަ އިތުރު ފައިދާއަކަށްޓަކައި މިތާގައި ހާމަކޮށްލަމެވެ. މިގޮތުން ބަލާއިރު މަޝްހޫރު މުއައްރިޚު އިބްނު ބައްޠޫތާ އިންޑިއާއަށް ކުރެއްވި ދަތުރުތަކުގައި ދެކެލެއްވި ސިޙްރުގެ ކަންތައްތައް ބަޔާން ކުރައްވާފައި ވެއެވެ. އަދި ހަމަ އެފަދައިން އިބްނު އިޔާސް އޭނާގެ ތާރީޚުގައިވެސް، އަދި އެނޫންވެސް ވަރަށްގިނަ ބޭކަލުން އެފަދަ ވާހަކަތައް ބަޔާން ކުރައްވާފައިވެއެވެ.
މިޞްރުގެ ކުރީގެ މުފްތީއެއް ކަމުގައިވާ الشيخ عبد اللطيف حمزة ވިދާޅުވެފައިވެއެވެ. ފިޤްހުވެރީންގެ ޖުމްހޫރު (ނުވަތަ أغلبيّة )ކަޑައަޅާފައިވާ ގޮތުގައި ސިޙްރަކީ އެއަށް ޙަޤީޤަތެއްވާ، އަދި އެއިން ގެއްލުންވެސް ދޭއެއްޗެކެވެ. އެހެންނަމަވެސް ﷲގެ އިޒްނަފުޅުން މެނުވީ ގެއްލުމެއް ނުދެވޭނެއެވެ.
އަލްބޫޠި ވިދާޅުވެއެވެ. ސިޙްރަކީ އެއީ ސާބިތުވެގެންވާ ޙަޤީޤަތެއްގެ ވެރި އެއްޗެއްކަމަށް ވުމުން، އަސަރު ފޯރުވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށް ކަމަށްވުމާއި ތައުޙީދުގެ ޤަޟިއްޔާއާ ތަޢާރުޟު ވާކަމަށް ބައެއްމީހުން ހީކުރެއެވެ. އޭގެ ޖަވާބަކީ ސިޙްރަކީ އެއީ ސާބިތު ޙަޤީޤަތެއް ލިބިގެންވާ އެއްޗެއްކަމަށް ބެލެވުމުން ޤަޞްދުކުރެވޭ މާނައަކީ އެއީ އޭގެ ޒާތުގައި އަސަރު ފޯރުކޮށްދޭ އެއްޗެއް ކަމަށް ވުމެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ ވިހައާމެދު ނުވަތަ ބޭހާމެދު އަހުރެމެން ބުނާ ބަސްފަދައިންވާ ކަމެކެވެ. މިސާލަކަށް ވިހައަކީ ސާބިތުވެގެންވާ ޙަޤީޤީ އަސަރެއް އެއަށް ލިބިގެންވާ އެއްޗެއްކަމަށް އަހުރެމެން ބުނަމުއެވެ. އަދި ބޭހަކީވެސް ހަމައެފަދަ ޙަޤީޤީ އަސަރެއްގެ ވެރި އެއްޗެއް ކަމަށް ވެސް އަހުރެމެން ބުނަމުއެވެ. މިއީ އިންކާރު ނުކުރެވޭނޭ ތެދު ބުނުންތަކެއްމެއެވެ. ނަމަވެސް މިހުރިހާ ކަމެއްގައިވެސް ޙަޤީޤީ مُؤَثِّرْ އަކީ الله سبحانه وتعالى އެވެ. ސިޙްރާމެދު އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. "وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ" ( ﷲ ގެ އިޒްނަފުޅާލައިގެން މެނުވީ އެއްވެސް މީހަކަށް އެސިޙްރުން ގެއްލުން ދެވޭނެ ބައަކު ކަމުގައި އެބައިމީހުން ނުވެއެވެ.)
އަލްއިމާމުލް މާޒިރީ رحمه الله ވިދާޅުވެފައިވެއެވެ. އަހުލުއްސުއްނަތުގެޖަމާޢަތުގެ މީހުންނާއި އިސްލާމީ އުއްމަތުގެ ޖުމްހޫރުލް އުލަމާއު ދެކެވަޑައިގަންނަވަނީ ސިޙްރަކީ ސާބިތުވެގެންވާ އެއްޗެއްކަމާއި އެނޫންވެސް ސާބިތުވެގެންވާ އެހެނިހެން އެއްޗެތީގެ ޙަޤީޤަތްފަދައިން އެއަށްވެސް ޙަޤީޤަތެއް ލިބިގެންވާ ކަމަށެވެ. އެހެނީ الله تعالى އެކަލާނގެ ފޮތުގައި އޭގެ ވާހަކަ ބަޔާން ކުރައްވާފައި ވެއެވެ. އަދި އެއީ އުގެނެވޭ އެއްޗެތީގެ ތެރޭގައި ހިމެނޭ އެއްޗެއްކަންވެސް ބަޔާންވެގެންވެއެވެ. އަދި އެއީ އޭގެ ސަބަބުން ކާފިރުވެވޭ ކަމެއް ކަމާއި ދެމަފިރީންގެ ދެމެދު ދުރުކުރުވާ އެއްޗެއްކަމުގެ އިޝާރާތްވެސް ކުރައްވާފައިވޭ މެއެވެ. ވީއިރު ޙަޤީޤަތެއް ނުވާ ކަމަކާމެދު މިހުރިހާ ކަމެއް އައިސްފައިވުމީ އެކަށީގެންވާ ކަމެއްނޫނެ
ވީމާ މިފަދަހުރިހާ ކަމަކުންވެސް ބަޔާންވެ އެގެނީ ސިޙްރަކީ އޭގައި ތަފާތު ގޮތްތަކެއް ހުރިކަމުގައިވިއަސް ސާބިތު ވެގެންވާ ޙަޤީޤަތެއް ކަމެވެ. އަދި އެއީ ހިގަމުންދާ ވާޤިޢީ ކަމެއްކަމަށް ވީހިދު ވަރަށްގިނަ މީހުންނަށް އެކަންތައް ޖެހިފައިވެއެވެ. އަދި ޖެހެމުންދޭވެސް މެއެވެ. ނަމަވެސް މިޒަމާނަކަށް އައިސް ވަރަށްވެސް ބޮޑަށް އެކަންތައް މަދުވެފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)