ދުނިޔެއާ ވެރިކަމުގެ ދަހިވެތިކަމުގަ އުފަންވާ ތަނުން ނުވަދިހަ ހާސް ކުޑަކުދިން މެރި ފިރުއަޢުނަށް ޖެހުނީ ކަނޑަށް ޣަރަޤްވާން ނޫންތޯ؟ އެވަރުންވެސް ހަމަ ނުވިސްނެނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ދުނިޔެއާ ވެރިކަމުގެ ދަހިވެތިކަމުގަ އުފަންވާ ތަނުން ނުވަދިހަ ހާސް ކުޑަކުދިން މެރި ފިރުއަޢުނަށް ޖެހުނީ ކަނޑަށް ޣަރަޤްވާން ނޫންތޯ؟ އެވަރުންވެސް ހަމަ ނުވިސްނެނީތަ؟

ދުނިޔެއާއި ވެރިކަމުގެ ދަހިވެތިކަމުގަ އެންމެން ތެޅިފޮޅެނީއެވެ. ތިމާއަށް ކާމިޔާބުލިބިދާނެހެން ހީވާ ކޮންމެކަމެއް ކުރަނީއެވެ. މީހަކު ބުނާހައިކަމެއްވެސް ކުރަނީއެވެ. އަޅެ އެންމެ ފަހަރަކުވެސް ކީރިތި ޤުރްއާން ބަލައި ދިރާސާކޮށްލެވޭހެއްޔެވެ؟

ކަހީނުން ދިން ލަފައާއި ގުޅިގެން ފިރުއައުނަށް އޭނާގެ ވެރިކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދުމުން ބަނީ އިސްރާއީލު ވަންހައިން އުފަންވި 90000 ކުޑަކުދިން، އެކުދިން ދުނިޔޭގެ އަލިކަން ދެކޭ ވަގުތު މަރައިލި ކަމަށް ބުނެވެއެވެ. މީގެ އިތުރުން ޖަލުތަކުގައާއި އެހެންވެސް ގޮތްގޮތުން މަރާފައިވަނީ ކިތައް ހާސް މީހުންކަން އެނގޭނެ އެއްވެސް ގޮތެއްވެސް ނެތެވެ.

ފިރުއައުނަކީ އެތައް ސަތޭކަ އަހަރެއް ވަންދެން ތިމާ ނޫން ކަލަކު ނުވާ ކަމަށް ބުނެ ތިމާއަކީ ކަލެއް ކަމަށް ދައުވާކުރަމުން އައި މީހެކެވެ. އެވަރުގެ ޖައްބާރު ފިރުއައުނުވެސް ދުނިޔެއަކީ އެއްވެސް އަގެއް ނެތް ތަނެއް ކަމާއި އެނބުރި ދާންޖެހޭނީ ﷲ ތައާލާގެ މަތިވެރި ހަޟްރަތަށް ކަމުގައި ޤަބޫލުކުރިއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނުކުމެ ކަނޑަށް ޣަރަޤުވެގެންދިއައީ އެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ ބުއްދީގެ ބޭނުންކުރަން ޖެހޭ ވަގުތު ފާއިތުވެގެން ދިއުމުންނެވެ. ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަމަށް ހެކިވެ ﷲ ތަޢާލާއަށް އަޅުކަންކުރަން ދެއްވެވި ފުރުޞަތު ފާއިތުވެގެން ދިއުމުންނެވެ.

އަހަރެމެންނަކީ މުސްލިމުންނެވެ. މިބުނާ ބަހުގެ ޙަޤީޤަތް މުސްލިމުންނަށް މާ ރަނގަޅަށް އެނގޭނެއެވެ. ﷲ ތައާލާގެ ޙަޟްރަތުގައި މުޅި ދުނިޔޭގެ އަގުގައި މަދިރިއެއްގެ އެންމެ ފިޔައެއްގެ ބުރަދަން ވެސް ނެތްކަން އެންމެ ރަނގަޅަށް އެނގޭނީ މުސްލިމުންނަށެވެ. ނަމަވެސް މިއަދު މުސްލިމުން މިތިބީ ކޮންފަދަ ބޮޑު ޖާހިލުކަމެއްގެ ތެރޭގައި ހެއްޔެވެ؟

ދުނިޔޭގެ ދަހިވެތިކަމުގައި ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ޢާއިލާއެއް ނަމަ ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ ޢާއިލާގެ ވެރިކަން ލިބިގަނެ ޢާއިލީ މުދައުތަކުގެ މައްޗަށް ވެރިވެގަނެވޭތޯއެވެ؟ ފިރިމީހާ ބަލަނީ އަނބިމީހާގެ މައްޗަށްވެރިވެގަނެވޭތޯއެވެ. އަނބިމީހާ ބަލަނީ ފިރިމީހާގެ މައްޗަށް ގަދަވެގަނެވޭތޯއެވެ. ދަރިން ބަލަނީ މައިންބަފައިންގެ މައްޗަށް ގަދަވެގަނެވޭތޯއެވެ. ޤައުމުގެ ވެރިކަން ލިބިއްޖެ ނަމަ ބަލަނީ ކޮންމެ ގޮތަކުން ނަމަވެސް ދައުލަތުގެ ޚަޒާނާ އަމިއްލަ ޖީބަށް ކަހައިލެވޭތޯއެވެ.

މީސްތަކުންނޭވެ! ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް އެއްވެސް މީހަކަށް މުޅި ދުނިޔެއެއް ނުލިބޭނެއެވެ. ލިބޭނީ ހަމަ ވަރަށް މަދު މިންވަރެކެވެ. ނަމަވެސް މަރުވުމުގެ ވަގުތު ޖެހުމުން އެހިސާބުން އެކަން ދާނީ ފުރިހަމަވެގެންނެވެ. މިހުރިހާ ކަންކަމަކީ ހަމަ މުސްލިމުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. ހިތާމައަކީ ވިސްނައި ނުލެވޭ ކަމެވެ. ވީއިރު މިއަދުގެ ގިނަ މީހުންނަކީ ފިރުއައުނަށްވުރެ ޖާހިލު ބައެއްކަމަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރިން ބުނި ފަދައިން ކިތަންމެ ވަރަކަށް ތެޅި ފޮޅުނު ނަމަވެސް މުޅި ދުނިޔެއެއް ނުލިބޭނެއެވެ. ވީމާ އެކަން ކުރަން ތެޅިފޮޅުމުގެ ބަދަލުގައި އާޚީރަތް ހޯދައިގެން އެދުވަހުގެ މުއްސަނދިކަމަށް އެދޭ ބައަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ދުނިޔެއެއް ނުލިބޭނެއެވެ! ނަމަވެސް އާޚީރަތް ހޯދޭނެއެވެ. ވީމާ މަސައްކަތްކުރަން ޖެހޭނީ ފޯރާނެ ކަމުގެ ޔަޤީންކަން އޮތް މަންޒިލަށް ދަތުރުކުރަން ނޫން ހެއްޔެވެ؟ ބުއްދިވެރިންނަކީ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން