ސިޙްރުގެ ބާވަތްތައް

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 30ސ
ސިޙްރުގެ ބާވަތްތައް

ސިޙްރަކީ އޭގައި ތަފާތު ވަރަށްގިނަ ބާވަތްތަކެއް އެކުލެވިގެންވާ އެއްޗެއްކަމުގައި ޢިލްމުވެރީން ވިދާޅުވެފައިވެއެވެ، އޭގެތެރޭގައި މިބަޔާންކުރާ ބާވަތްތައް ހިމެނިގެންވެއެވެ.

1- މަކަރާއި އޮޅުވައިލުމުގެ ތެރޭން ގެނެވޭ ސިޙްރު: މިއީ ޚިޔާލުކުރުވުމެކެވެ. ނުވަތަ ހީކުރެވުމެކެވެ.  މިއަށް އެއްވެސް ޙަޤީޤަތެއް ލިބިގެނެއްނުވެއެވެ. މިބާވަތުގެ ސިޙްރަކީ ލުއި އަދި އަވަސް ޙަރަކާތުގެ ގޮތުން މޮޅުކަމާއި ކުޅަދާނަ ކަމާއެކު ޖާދޫގަރުން ގެނެސްގަންނަ ޢަމަލެކެވެ. ވަރަށް ދިގު ތަމްރީނުތަކަކާއި ފަރިތަކުރުން ތަކަކަށް ފަހުގައެވެ. އެބައިމީހުން އެޢަމަލުތަކުގައި ގެނެސްގަންނަ ކަންތައްތަކުގެ ޙަޤީޤަތާ ދުރަށް، އެމީހުން ބޭނުން ދިމާއަކަށް މީހުންގެ ނަޒަރުތައް އަބުރައިލައެވެ. މިރޮގުން الله تعالى وحى ކުރައްވާފައި ވެއެވެ. " فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ" الأعراف 116   (އިތުރު ޝަރަޙައާއެކު މާނައަކީ: ފަހެ އެސިޙްރުވެރީން އެމީހުންގެ ވައުބުރިތަކާއި އަސާތައް އުކިހިދު މީސްތަކުންގެ ލޯތަކަށް ޙަޤީޤަތް  އޮޅުވައިލިއެވެ. އަދި އެއީ ދުވަމުންދާ ހަރުފަތަކެއްހެން ހީކުރުވައި މީސްތަކުން ބިރުގެންނެވިއެވެ. މިގޮތުން ބޮޑުވެގެންވާ ސިޙްރެއް އެބައިމީހުން ގެނައެވެ.)

މިބާވަތުގެ ސިޙްރަކީ ބަލާމީހުންގެ ފެނުމަށް ބަދަލުގެންނަ ގެނައުމެކެވެ. ނުވަތަ އޮޅުވާލުމާއި މަކަރުގެ ގޮތް ބޭނުންކުރުމެކެވެ. މިއީ ދުނިޔޭގެ ވަރަށްގިނަ ތަންތާގައި އެކިއެކި ސަރކަސްތަކުގައި ޖާދޫގަރުން ހަދައިއުޅޭ ޖާދޫ ހިމެނިގެންވާ ބާވަތެވެ. މިބާވަތަކަށް ދިވެހީންނެއް ސިޙްރެކޭ ނުކިޔާނެއެވެ. ނަމަވެސް ޢަރަބިބަހަކީ ޝާމިލްވެގެންވާ ތަނަވަސް ބަހަކަށް ވުމާއެކު މިބާވަތުގެ ކަންތަކަށްވެސް ސިޙްރޭ ކިޔަނީއެވެ.

 - 2 މަންތަރު ހެދުމުންނާއި ގޮށްތަޅައި އެއަށް ފުމެހެދުމުންނާއި، އަމާޒު ކުރެވޭ މީހާގެ ސޫރަކުރަހައިގެން ހަދާ ސިޙްރު، މިކަންތައްތަކުގައި އަސަރު ކުރުންވަނީ ކިއަވާ ކިއެވެލި ތަކާއި ލިއާ ލިއުންތަކާއި ކުރަހާ ކުރެހުންތަކުންނެވެ. މިރޮގުން ނުބައިކަންތައް ކުރުމާއި ގެއްލުންދިނުމުގެ މަގަށް އެމީހުން ވާޞިލުވެއެވެ. މިކަމަށް އިޝާރާތް ކުރައްވައި الله تعالى وحى  ކުރައްވާފައި ވެއެވެ. "وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ " )އަދި ގޮށްތަކަށް ފުމެހަދާ ސިޙްރުވެރީންގެ ނުބއިކަމުން ރައްކާތެރި ކޮށްދެއްވުންއެދި ﷲ ގެ حضرة ން ވާގިއެދެމެވެ.(

މިބައި މީހުން ގޮށްތަކަށް ފުމެ ކިއަވާ ކިއެވެލީގައި ﷲ ގެ އިސްމުފުޅުތައްވެސް އެކުލެވިފައި ހުރެދާނެއެވެ. އަދި މަލާއިކަތުންގެ ނަންފުޅުތައްވެސް އެކުލެވިފައި ހުރެދާނެއެވެ. އަދި މަލާއިކަތުންގެ ނަންފުޅުތައްވެސް އެކުލެވިފައި ހުރެދާނެމެއެވެ. އަދި ބައެއް ކިއެވެލީގައި ވަރަށް ބޮޑެތި ހުވާތައް އެކުލެވިގެންވެއެވެ. އޭގެ ސަބަބުން ނުބައިވެގެންވާ ރޫޙުތައް އޭނާ އެދޭކަންތައް ކޮށްދިނުމަށް އެބުރިގަންނާނެއެވެ. ސިޙްރުވެރީން މިގޮތުން ކިއަވާ ކިއެވެއްޔަކީ ބައެއްފަހަރަށް އެއީ ކޮންއެއްޗެއްކަން އެގޭ ކިއެވެއްޔެއް ކަމުގައި ވެދެއެވެ. އަނެއްބައި ފަހަރަށް އެއީ އެއްވެސް މާނައެއް ދޭހަނުވާ ޒާތުގެ އެއްޗެއްކަމުގައި ވެދެއެވެ. ފަހަރެއްގައި އެއީ އިބްލީސްގެ ނަންތަކެއްކަމުގައި ވެދާނެއެވެ. ނުވަތަ ފޮރުވިގެންވާ ނުބައި ރޫޙްރަކެއްގެ ނަންތަކެއް ކަމުގައިވެސް ވެދާނެއެވެ. މިފަދަ ގޮތްގޮތަށް ޢިލްމުވެރީން ލިއުއްވާފައި ހުރެއެވެ.  

3  - އަކަކުރެހުން ތަކާއި މިނޫންވެސް މިބާވަތުގެ ލިއުންތަކުގެ ބޭނުން ކޮށްގެން ހަދާ ސިޙްރު، މިތަކެތި ލިއެއުޅެނީ ޢަރަބި ލަފްޒުތައް ހުންނަ ގޮތާ ތަފާތުކޮށް ވަކި ޚާއްޞަ ގޮތަކަށެވެ. ނުވަތަ އަކުރުތަކުގެ މެދުގައި އެއްވެސް ގުޅުމެއް ނެތްގޮތެއްގައި ވަކިކޮށްލެވިފައިވާ ޢަރަބި އަކުރުތަކަކުންނެވެ. އެއަކުރުތައް އަތުރާލެވިފައި ހުންނަނީ ވަކި ޚާއްޞަ ގޮތަކަށެވެ. ޙަޤީޤަތުގައި އެއީ ފަލަކުތަކާ ގުޅުމެއްހުރި ޚާއްޞަނަންތަކެއް ކުރެހުމެކެވެ. އަދި ހަމައެފަދައިން މުނާސިބުވެގެންވާ ޢަދަދުތަކަކަށް ރުޖޫޢަވެގެންވާ ވަޤުތުތަކަކާ ގުޅުމެއްހުރި ނަންތަކެއްގެ ކުރެހުމެއްވެސް މެއެވެ. އެކުރަހާފައި ހުންނަނީ ވަކި ޚާއްޞަ ސިފައަކަށެވެ. 

4 - ޕްލެނެޓްތަކާއި ތަރިތަކުގެ ވާސިޠާއިން ހިގާ ސިޙްރު، ފަހެ الله سبحانه وتعالى މިއިން ކޮންމެއެއްޗެއްވެސް ހައްދަވާފައިވަނީ އޭގައި ވަކިބާރަކާއި ޚާއްޞިއްޔަތެއް ލައްވާފައެވެ. މިހެންކަމުން އެއިން ކޮންމެ އެއްޗަކުންވެސް ވަކި އަސަރެއް ފާޅުވާ ގޮތްވެއެވެ. މިގޮތުން އިބްރާހީމުގެފާނާމެދު الله  تعالى وحى  ކުރައްވާފައި ވެއެވެ. " فَنَظَرَ نَظْرَةً فِي ٱلنُّجُومِ  فَقَالَ إِنِّي سَقِيمٌ " – الصافات 88. 89  (އެކަލޭގެފާނު ތަރިތަކަށް ބައްލަވައިލެއްވިމެއެވެ. އަދި ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންވަނީ ބަލިވެއެވެ) އިބްނު ޒައިދު ވިދާޅުވިއެވެ. އެކަލޭގެފާނަށް ޚާއްޞަ ތަރިއެއް ވެއެވެ. ވަކިސިފައެއްގައި އެތަރިއަރާ ކޮންމެފަހަރަކު އިބްރާހީމް ޢަލައިހިއްސަލާމަށް އާލާސްކަންފުޅު ޖެހިވަޑައިގަނެއެވެ. އެހެންކަމުން އެގޮތުގެމަތީން އެތަރި އަރާފައިވާތަން އެފަހަރު އެކަލޭގެފާނަށް ފެނިވަޑައިގަތްހިދު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންވަނީ ބަލިވެއެވެ. މަޤްޞަދަކީ ހަމަ ޔަޤީނުންވެސް އަހުރެން ބަލިވާނެއެވެ. 

5 - ޝައިޠާނުން ބޭނުންކޮށްގެން ހަދާ ސިޙްރު، މިކަން ވެވެނީ ވަކިގޮތަކުން އެޝައިޠާނުންނާ ކައިރިވެގެންނެވެ. އަދި އެއެއްޗެއްސާ ގުޅިގެންނެވެ. މިގޮތުން ސިޙްރުވެރީންގެ މަޞްލަޙަތުތައް ޙާޞިލު ކުރުމަށާއި މީހުންނަށް ގެއްލުންދީ އުދަގޫދީ ހެދުމަށާއި މީހުންގެ ދުރު ޚަބަރުތައް ގެނައުމަށްޓަކައި އެސިޙްރުވެރީންގެ ޚިދުމަތުގެ ދަށަށް އެޝައިޠާނުން ލައެވެ.

މިއީ ސިޙްރުގެ އެންމެ ނުބައިވެގެންވާ އަދި އެންމެ ނުރައްކާތެރި ބާވަތެވެ. الله تعالى وحى ކުރައްވާފައި ވެއެވެ. " وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ" (އެހެނެއްކަމަކު ޝައިޠާނުން ކާފިރުވިއެވެ. މީސަތަކުންނަށް ސިޙްރު އުގަންނައިދިނުމުންނެވެ.) މިހެންކަމުން ސިޙްރުވެރިއާ ކާފިރުވެ ހަޑިމުޑުދާރުވީ ވަރަކަށް އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނު އަޅުތަކުންނަށް ޢަދާވާތްތެރިވެ ދެކޮޅުވެރިވީ ވަރަކަށް އޭނާގެ ސިޙްރު ވަރުގަދަވެފައި އޭގެ އަސަރުކުރުން ބޮޑުވާނެއެވެ. އިންސާނުންގެ ތެރޭގައި ހިމެނޭ މިބާވަތުގެ ސިޙްރުވެރީންނަކީ ޖިންނިއަށް ތަބަޢަވެގެންވާ އަދި އޭނާއަށް އަޅުކަންކުރާ މީހުންނެވެ. الله تعالى وحى ކުރައްވާފައި ވެއެވެ. " بَلْ كَانُوا يَعْبُدُونَ الْجِنَّ أَكْثَرُهُمْ بِهِمْ مُؤْمِنُونَ " سبأ 41 (އަދި ކީއްހެއްޔެވެ؟ އެމީހުން އަޅުކަންކުރާ ކަމުގައިވީ ޖިންނި ޝައިޠާނުންނަށެވެ. އެމީހުން ކުރެ ގިނަމީހުންވަނީ އެޝައިޠާނުންނަށް އީމާންވެގެންނެވެ.) 

ފަހެ އެޝައިޠާނުން އެދޭ ކަންތަކުގައި އެޝައިޠާނުންނަށް ކިއަމަންތެރިކަން އަދާކުރާ ކަމުގައި ވަނީވިއްޔާ މެނުވީ ސިޙްރުވެރިއާގެ ޚިދްމަތުގެ ދަށަކަށް އެޝައިޠާނުންނެއް ނުލެވޭނެ އެވެ. އަދި އޭނާގެ ބޭނުންތަކެއްވެސް ފުއްދައެއް ނުމެދޭނޭމެއެވެ. އެއީ މުޑުދާރު ކާފިރު އެއްޗެއެހިތަކެކެވެ. މުއުމިން އަޅާގެ ކިބައިން ކުފްރާއި މަގުފުރެދުން މެނުވީ އެހެންކަމަކަށް އެއެއްޗެސެއް ނޭދޭނެ އެވެ.

އިސްވެ ބަޔާންވެ އެދިއައީ ސިޙްރުގެ ބާވަތްތައް ކަމުގައި ޢިލްމުވެރީން ލިއުއްވާފައިވާ ބައެއް ބާވަތްތަކެވެ. އަދި މިނޫން ބާވަތްތަކާމެދު ގައިވެސް ބައެއް ޢިލްމުވެރީން ވާހަކަދައްކަވާފައި ހުރެއެވެ. ނަމަވެސް ދިގުވެދާނެ ކަމަށްޓަކައި މިހިސާބަށް ކުރުކޮށްލަމެވެ.

(--އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

މިއަދު އޮންލައިން