ޢަލީ އިޙްޞާން ފިރާޤް
އަވަހާރަވުން:
أمّ المؤمنين أمّ سلمة رضى اللّـه عنــها ވަނީ އެކަމަނާގެ ޙަޔާތްޕުޅުގައި ނަބަވީ ދައުރާއި ހަތަރު ޚަލީފާއިގެ ދައުރު ދެކެވަޑައިގެންފައެވެ. އުމައްޔަތުވަންހައިގެ ވެރިކަމުން ބައެއްވެސް ދެކެވަޑައިގެންފައެވެ. ދަރަޖަ މަތިވެރި އެތައް ޞަޙާބީންގެ ވަކިވެދިޔުން ބަރުދާސްތު ކުރައްވައިފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ ހުރިހާ އަނބިއަނބިކަނބަލުން އަވަހާރަވީ أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ ޙަޔާތްޕުޅުގައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފަހުން އަވަހާރަވި ބޭކަނބަލަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها ކަމަށް އިމާމު ޛަހަބީ އައްސިޔަރު އަޢުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވެއެވެ.
أمّ المؤمنين أمّ سلمة رضى اللّـه عنــها އަވަހާރަވި އަހަރަކާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 59 ވަނަ އަހަރުކަމަށާއި 60 ވަނަ އަހަރުކަމަށާއި، 61 ވަނަ އަހަރުކަމަށާއި 62 ވަނަ އަހަރުކަމަށް ރިވާވެފައި ހުންނަ ރިވާޔަތްތައް ހުރެއެވެ. ގިނަ ރިވާޔަތްތަކުން ސާބިތުވަނީ އެކަމަނާ އަވަހާރަވީ ޔަޒީދު ބިން މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ކަމަށެވެ. ޔަޒީދުގެ ޚިލާފަތުގައި ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ކާފަދަރިކަލުން ޙުސައިންގެފާނު ޝަހީދުކޮށްލެވުނު އިރުވެސް أمّ المؤمنين أمّ سلمة رضى اللّـه عنــها ދުނިޔޭގައިންނެވިއެވެ.
އިމާމު ޛަހަބީ ރިވާ ކުރައްވައިފައިވެއެވެ. ޙުސައިންގެފާނު ޝަހީދުކުރެވުނު ޚަބަރު ލިބިވަޑައިގެންނެވުމުން أمّ المؤمنين أمّ سلمة رضى اللّـه عنــها ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު އެކަމަނާގެ ހޭފުޅުނެތުނެވެ. އޭގެ ދުވަސްކޮޅެއްފަހުން އެކަމަނާ އަވަހާރަވެއްޖެއެވެ. ޙުސައިންގެފާނު ޝަހީދުކުރެވުނީ 61 އެއްވަނަ އަހަރުގެ ތެރޭގައެވެ. ޔަޒީދުގެ ވެރިކަމުގެ ދުވަސްވަރުގައެވެ.
الحارث بن أبي ربيعة އާއި عبد الله بن صفوان ، ޔަޒީދުގެވެރިކަމުގެ ދުވަސްވަރުގައި أمّ المؤمنين أمّ سلمة رضى اللّـه عنــها އަށް ވަޑައިގެންނެވިއެވެ. ބިމަށް ގަންބަވައިގަންނަވާނެ ލަޝްކަރަކާ ބެހޭގޮތުން ސުވާލުކުރެއްވުމަށްޓަކައެވެ. އެ ލަޝްކަރަކީ ކަޢުބާއާ ހަމަލަދޭން ދަނިކޮށް ބިމަށް ގަންބަވައިގަންނާނެ ކަމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ބަޔާން ކުރައްވައިފައިވާ ލަޝްކަރެކެވެ. މި ޙަދީޘް ޞަޙީޙު މުސްލިމުގައިވެއެވެ. ފިތުނަތަކާއި ޤިޔާމަތްވުމުގެ ވާހަކަތައް ނަންގަންނެވުނު ފޮތުގައެވެ. باب الْخَسْفِ بِالْجَيْشِ الَّذِي يَؤُمُّ الْبَيْتَ ގައެވެ. މި ރިވާޔަތުންވެސް އެކަމަނާ ޔަޒީދުގެވެރިމުގެ ދުވަސްވަރުގައި ދުނިޔޭގައި އިންނެވިމަށް ދަލީލުލިބެއެވެ.
ހިޖުރައިން 60 ވަނަ އަހަރުގެ ތެރޭގައި މުޢާވިޔަތުގެފާނު އަވަހާރަވުމުން ދެން އިސްލާމީ ވެރިކަން ލިބިވަޑައިގެންނެވީ އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދަށެވެ. ޔަޒީދު އަވަހާރަވީ ހިޖުރައިން 64 ވަނަ އަހަރުގެ ތެރޭގައެވެ.
أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވި ބޭކަލަކާ މެދުވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެއް ރިވާޔަތެއްގައިވަނީ އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ އަބޫހުރައިރަތުގެފާނު ކަމަށެވެ. ދެ ވަނަ ރިވާޔަތުގައިވަނީ އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ސަޢީދު ބިން ޒައިދު ކަމަށެވެ. ތިންވަނަ ރިވާޔަތުގައިވަނީ އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރެއްވީ އެކަމަނާގެ އަޚާގެ ދަރިކަލުން عبد الله بن عبد الله بن أبي أمية ކަމަށެވެ.
މިދެންނެވި ރިވާޔަތްތަކުގެ ތެރެއިން އެންމެ ރާޖިޙު ބަހަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ އެކަމަނާގެ އަޚާގެ ދަރިކަލުން عبد الله بن عبد الله بن أبي أمية ކަމުގައި ބަޔާން ކުރާ ރިވާޔަތެވެ. އެހެނީ އަބޫހުރައިރާ އާއި ސަޢީދު ބިން ޒައިދު ވަނީ އެކަމަނާގެ ކުރިން އަވަހާރަވެފައެވެ. އެދެބޭކަލުން އަވަހާރަވީ މުޢާވިޔަތުގެފާނުގެ ޚިލާފަތުގައެވެ. أمّ المؤمنين أمّ سلمة رضى اللّـه عنــها އަވަހާރަވިއިރު މުސްލިމުންގެ ވެރިއަކަށް ހުންނެވީ މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދެވެ.
أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ ހަށިކޮޅު ކަށްވަޅުފުޅުގައި ވެޑުއްވެވީ އެކަމަނާގެ ދެދަރިކަލުންކަމުގައިވާ ޢަމްރު ބިން އަބީސަލަމަތާއި، ސަލަމަތު ބިން އަބީސަލަމެތެވެ. ޢަބްދުﷲ ބިން ޢަބްދުﷲ ބިން އަބީ އުމައްޔަތާއި ވަހަބު ބިން ޒަމްޢަތުގެ އެހީފުޅާއެކުގައެވެ. ޢަމްރު ބިން އަބީސަލަމާ ވިދާޅުވާ ގޮތުގައި އެކަލޭގެފާނުގެ މައިކަނބަލުން أمّ المؤمنين أمّ سلمة رضى اللّـه عنــها އަވަހާރަވީއިރު އުމުރުފުޅަކީ 84 އަހަރުފުޅެވެ. މިވާހަކަ މިގޮތަށް އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ.
- ޢަލީ އިޙްޞާން ފިރާޤް