އަޅުގަނޑުގެ އެންމެ ގާތް އެކުވެރި އުޚުތާ އުޅެނީ ވަރަށް ދަތިޙާލުގައެވެ! އެހީވެދެވޭނެ ތަނަވަސްކަން ނެތްނަމަ ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 43ސ
އަޅުގަނޑުގެ އެންމެ ގާތް އެކުވެރި އުޚުތާ އުޅެނީ ވަރަށް ދަތިޙާލުގައެވެ! އެހީވެދެވޭނެ ތަނަވަސްކަން ނެތްނަމަ ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ކޮބައިތޯ؟

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެންމެ ގާތް އެކުވެރިޔާ، އަޅުގަނޑުގެ އުޚުތެއް ފަދަ މިތުރު މިވަގުތު އުޅެނީ ވަރަށް ދަތިޙާލުގައެވެ. ދެދަރިން ލިބުނުތަނާ ވަރިކޮށްލައިފިއެވެ. ޚަރަދެއް ނުދެއެވެ. ކައިބޮއިހަދަނީވެސް ހެޔޮއެދޭމީހުންގެ އެހީތެރިކަމުގައެވެ.  

އަޅުގަނޑަކީވެސް ހަމަ އެފަދަ ޙާލެއްގައި ބަލިކުއްޖަކު ގޮވައިގެން ދިރިއުޅޭ އެކަނިވެރިމައަކީމެވެ. އެހެންވެ އޭނާއަށް އެހީއެއްވެދެވޭނެ އެއްވެސް ގޮތެއް މިވަގުތަކު ނެތެވެ. އެހެންކަމަށްވާއިރު އެއުޚުތާއަށް ހެޔޮއެދިގެން އަޅުގަނޑަށް ކޮށްދެވޭނީ ކޮންކަމެއްތޯއެވެ؟" 

ކިޔުންތެރިޔާ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. ދެބޭކަނަބލުންނަށް ކުރިމަތިވެފައިވާ ޙާލަތަށްޓަކައި ވަރަށް ހިތާމަކުރަމެވެ. ދެބޭކަނބަލުންނަށްވެސް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރަމެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢަމަލުވެސް ކުރައްވާށެވެ! ދެއުޚުތުންނަށްވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ  

އިސްލާމްދީނަކީ އަޚުވަންތަ ކަމުގެ ދީނެކެވެ. އެދީނުގައި ވަނީ އެއްބަޔަކު އަނެއްބަޔަކު އެކުވެރިވެ އަދި އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދުމަށް އަމުރުކުރައްވާފައެވެ. އަދި މިކަމަށް ބާރުއަޅުއްވާފައިވެއެވެ.  އެގޮތުން އިސްލާމްދީނުގައި އަޚުވަންތަކަމަށް ބާރުއެޅުއްވުމުގެ ގޮތުން  ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަޅުގަނޑުމެންނަށް އެގޮތުގައި ހިފެހެއްޓުމަށްޓަކައި އެތައް އިރުޝާދުތަކެއް ދެއްވައިފައެވެ. 

އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަމުން ޙަދީޘްކުރައްވާފައިވެއެވެ:

(دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ)  (رواه مسلم في صحيحه: 2733)

މާނައީ: "މުސްލިމް އޭނާގެ އަޚާގެ މައްޗަށް އެމީހެއްގެ ޣައިބުގައި ކުރާ (ހެޔޮ) ދުޢާ އިޖާބަވެގެންވެއެވެ. އެމީހެއްގެ ބޮލުގެ ކައިރީގައި ވަކީލުކުރެވިފައިވާ މަލާއިކަތް ބޭކަލެއް ވެއެވެ. އެމީހެއްގެ އަޚާއަށް ހެޔޮދުޢާ ކުރާ ކޮންމެ ފަހަރަކު އެމީހެއްގެ ވަކީލުކަން ހަވާލުކުރެވިފައިވާ މަލާއިކަތާ ދަންނަވައެވެ. “އާމީންއެވެ. އަދި ތިބާއަށްވެސް އެފަދައިން ދެއްވާށެވެ." 

އަޚާއަށް ސިއްރުން ދުޢާކުރާނީ ވަރަށް އިޚުލާސްތެރިކަން ހުރިމީހެކެވެ. އެމީހެއްގެ ހެޔޮދުޢާ އިޖާބަ ކުރެއްވުމުގެ އެއްސަބަބަކީ އެއީއެވެ. އޭނާ އެދުޢާ ކުރަނީ އެއްވެސް ކަމަކަށް ބޭނުންވެގެންނެއް ނޫނެވެ. އަދި ކިއެއްތަ އޭނާގެ މުސްލިމު އަޚާއަށް ހެޔޮއެދިގެން މުސްލިމުން އަޚާއަށް ހެޔޮފޯރުކުރުމަށެވެ. 

އިމާމު ނަވަވީ މި ޙަދީޘުގެ ޝަރަހައިގައި ވިދާޅުވެފައިވެއެވެ. "އަޚާގެ ހާޒިރުގައި ނޫންކަމަށް ޙަދީޘްގައި ބަޔާންވެފައިވާ ބަހުގެ މުރާދަކީ އަޚާއަށް ސިއްރުންނާއި އަދި ދުޢާކުރެވޭމީހާގެ ޙާޒިރުނޫންގޮތުގައި ދުޢާކުރެވޭ ވާހަކައެވެ. ސަބަބަކީ އެދުޢާވާހުށީ އެންމެ ބޮޑަށް އިޚުލާސްތެރިކަން ހުރި ދުޢާއަށެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. ޖަމާޢަތެއްގެ ބަޔަކަށް ދުޢާކުރި ކަމުގައިވިޔަސް މިމަތިވެރިކަން ޙާޞިލުވާނެއެވެ. 

އަދިވެސް މިޙަދީޘް އެހެން ސީޣާއަކުން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ عَبْدٍ مُسْلِمٍ يَدْعُو لِأَخِيهِ بِظَهْرِ الْغَيْبِ، إِلَّا قَالَ الْمَلَكُ: وَلَكَ بِمِثْلٍ) رواه مسلم في صحيحه: 2732) 

މާނައީ: "މުސްލިމު އަޅަކު އޭނާގެ އަޚާގެ މައްޗަށް އޭނާ ނެތްތަނުގައި ދުޢާކޮށްފިނަމަ، މަލާއިކަތް ބޭކަލަކު ދަންނަވާނެވެ: ތިބާއަށްވެސް ހަމައެފަދައިން ދެއްވާށިއެވެ."  

އެހެންކަމުން ތިބާގެ އަޚާގެ މައްޗަށް ޣައިބުގައި ދުޢާކުރުން ގިނަކުރައްވާށެވެ. އެހެނީ އެދުޢާގެ ސަބަބުން ފައިދާ ތިބާގެ އަޚާގެ މައްޗަށްލިބޭ އިރު ތިބާއަށްވެސް ފައިދާ ލިބެއެވެ. 

އެފައިދާތަކަކީ:

1. އެދުޢާއަކީ އިޖާބަވެގެންވާ ދުޢާއަކަށް ވުމެވެ.

2. އެދުޢާއަށް މަލާއިކަތް ބޭކަލެއް އާމީން ކިޔުން.

3  އަޚާގެ މައްޗަށް ކުރިދުޢާގައި އެދުނު ކަންތައް ތިބާގެ މައްޗަށް ދެއްވުން އެދި މަލާއިކަތް ބޭކަލެއް ދުޢާކުރެއްވުން ހިމެނެއެވެ.

ވީމާ މިފަދަ ކަންކަން ދެނެގަނެ މިކަންކަން ޢަމަލުކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލެއްވުން އެދި ދުޢާކުރަމުން މިލިޔުން ނިންމާލަމެވެ.

وصلى الله وسلم على محمد و آله و صحبه أجمعين. آمين 

--އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު


 

މިއަދު އޮންލައިން