މިހާރަކަށް އައިސް އެންމެ ގިނައިން އަޑުއިވޭ އެއް ޝަކުވާއަކީ ކޮންމެވެސް މީހަކު އެމީހާގެ އަނބިދަރިންނަށް ޚަރަދުނުކުރާ ކަމުގެ ޝަކުވާއެވެ. ދެމަފިރިން އެކުގައި ދިރިއުޅޭއިރުވެސް ޢާއިލާއަށް ކުރަންޖެހޭ ޚަރަދުނުކޮށް އެހެން ބައަކަށް ޚަރަދުކުރާކަމުގެ ޝަކުވާއެވެ.
އެޙާލަތުގައި ފުރަތަމަކަމަކަށް އެމީހާގެ ބެލުމުގެދަށުގައި ތިބި އަނބިދަރިންނަށް ޚަރަދުނުކުރުމުން އެމީހަކު ދާނީ ފާފަވެރިވަމުންނެވެ. ދެވަނަ ކަމަކަށް އެނަގައިލަނީ ނަރަކައިން މިންޖުވެވި ސުވަރުގެ ލިބެން އޮތް މަގެވެ.
ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ އެތިކޮޅަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ޞަދަޤާތް ކުރެވޭނެ މަގުތައް ވަރަށް ގިނައެވެ. އެހެނީ އަނބިމީހާއަށް ކާންދޭ ލުޤްމާއަކީވެސް ޞަދަޤާތެކެވެ.
ޞަދަޤާތް ދިނުމުގައި އެންމެ ހެޔޮކަންބޮޑީ އެމީހެއްގެ އަނބިދަރިންނަށާއި ޢާއިލާއަށް ޚަރަދުކުރުމެވެ. ހަމަ އެއާއިއެކު ﷲ ތައާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެން ޢާއިލާއަށް ހޭދަކުރިނަމަ އެކުރާ ހޭދަ ވާނީ ޞަދަޤާތަށެވެ. (ޞަހީޙް މުސްލިމް)
Abu Mas'ud reported Allah's Messenger (way peace be upon him) as saying:
When a Muslim spends on his family seeking reward for it from Allah, it counts for him as sadaqa.
Saheeh Muslim
އެމީހަކަށް ލިބުނު މިންވަރަކުން ރަނގަޅު ކާބޯތަކެތި އަނބިދަރިންނަށް ކާން ބޯން ދިނުމުން ޞަދަޤާތުގެ މަތިވެރިކަން އިތުރުވެގެންދާނެއެވެ. ލިބޭ ސަވާބުވެސް އިތުރުވާނެއެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން