ސިޙްރާއި މުޢުޖިޒާތާ ދެމެދުގެ ތަފާތާ މެދު އަލްބޫޠީ ވިދާޅުވެއެވެ. ނަބީބޭކަލުންގެ އަތްޕުޅުމައްޗަށް ފާޅުވާ މުޢުޖިޒާތަކީ ނަބީކަމުގެ ދައްވާއާ ގުޅިގެން އަންނަ، އަދި އެއިން ތަޙައްދީ ކުރެވި ގޮންޖެހެވިގެންވާ އެއްޗެކެވެ. އެއީ އެބޭކަލުންގެ ދަޢްވާގެ ތެދުކަމުގެ ދަލީލެއްގެ ގޮތުންނެވެ. ސިޙްރަކީ އެގޮތަށްއޮތް އެއްޗެއްނޫނެވެ. އަދި މީގެއިތުރަށް ސިޙްރުވެރިއާގެ ބާރަކީ ވަކިމިންވަރެއްގައިވާ އެއްޗެކެވެ. ފަހެ އެއަށް ޙަޤީޤަތެއް ލިބިގެންވިއަސް އެއީ ވަކި ޙުދޫދެއް ފަހަނަޅައިދާ އެއްޗެއް ނޫނެވެ. އެއްވެސް ޙާލެއްގައި އެއަކުން ޙަޤީޤަތެއް ބަދަލުކޮށް ޖައުހަރުތަކެއް އެހެން އެއްޗަކަށް ނެހެދޭނެއެވެ.
މިހެންކަމުން ފިރްޢައުނުގެ ސިޙްރުވެރީންގެ ސިޙްރާމެދު الله تعالى وحى ކުރައްވާފައި ވަނީ މިފަދައިންނެވެ. " فَإذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَىٰ " طه 66 (ފަހެ އެހައިރުން އެބައިމީހުންގެ ސިޙްރުގެ ސަބަބުން އެކަލޭގެފާނަށް ހީފުޅުވީ އެމީހުންގެ ވައުބުރިތަކާއި އަސާތައް ދުވާކަމަށެވެ.) ވީއިރު ސިޙްރުޖެހުނީ ލޯތަކަށެވެ. ވައުބުރިތަކަކަށް އަދި އަސާތަކަކަށް ވެސް ނޫނެވެ. މިކަމުން ރަގަޅަށް އެގޭގޮތުގައި ސިޙްރު އަބަދުވެސް ގުޅިފައިވަނީ އިންސާނާގެ ހަށިގަޑާއެވެ. ނުވަތަ އޭނާގެ ޙިއްޞުތަކާއި ގުނަވަންތަކާއެވެ. މިގޮތުން ލޮލުން ފެންނަ ބައެއް އެއްޗެތި އެސިޙްރުގެ ސަބަބުން އޭގެ ޙަޤީޤަތް އޮތްގޮތްނޫން އެހެން ގޮތަކަށް ފާޅުވެގެންދެއެވެ.
الإمام النّووى ވިދާޅުވެއެވެ. އާދަތައް ފޫއަޅުވައިފަނިވި ކަންތައް ނަބީބޭކަލުންގެ އަތްމައްޗަށާއި ވަލީވެރީންގެ އަތްމައްޗަށާއި ސިޙްރުވެރިއާގެ އަތްމައްޗަށް ފާޅުވެއެވެ. ނަމަވެސް ނަބީބޭކަލުން ގެންނަވާ އެބާވަތުގެ ކަންތައްތަކުން ޚަލްޤުތަކުންނަށް ތަޙައްދީ ކުރައްވައި ގޮންޖައްސަވައެވެ. އަދި މީސްތަކުން އެފަދަކަމެއް ގެނައުމަށް ނުކުޅައްދަވައެވެ. އަދި އެފަދަ ކަންތަކުން އާދަތައް ފޫއަޅުވައި ﷲ އާމެދު އެބޭކަލުން ޚަބަރުދެއްވައެވެ. އެއީ މީސްތަކުން އެބޭކަލުން ތެދުކޮށް ﷲ އަށް އީމާން ވުމަށްޓަކައެވެ. ފަހެ އެބޭކަލަކީ ދޮގުވެރިއެއްނަމަ އެބޭކަލެއްގެ އަތްމައްޗަކަށް އާދަ ފޫއަޅުވައިފަނިވި ކަމެއް ފެނިގެނެއް ނުދާނެއެވެ.
ވަލީވެރީންނާއި ސިޙްރުވެރީންނަކީ އެމީހުންގެ އެބާވަތުގެ ކަންތަކުން މީސްތަކުންނަށް ތަޙައްދީކުރާ (ގޮންޖަހާ) ބައެއްނޫނެވެ. އަދި ނަބީކަމުގެ މައްޗަކަށް އެމީހުން ދަލީލެއްވެސް ނުގެންނާނެއެވެ. އަދި އެމީހުން އެކަމަށް ދައުވާ ކުރިނަމަވެސް އެރޮގުން އެމީހުންގެ އަތްމައްޗަކަށް އެކަމެއް ފާޅެއްވެސް ނުމެވާނެމެއެވެ.
ވަލީވެރީންގެ ކަރާމާތަކީ ޙައްޤު އެއްޗެކެވެ. އެއީ އާދަތައް ފޫއަޅުވައިފަނިވި ކަންތައް އެބޭކަލުންގެ އަތްމައްޗަށް ފާޅުވުމެވެ. އޭގައި އެބޭކަލުންގެ އެއްވެސް ޢަމަލެއް ހިމެނިފައެއް ނުވެއެވެ. ދުޢާކުރެއްވުމާއި ޞާލިޙު ޢަމަލުކުރެއްވުން އެކަމުގެ ސަބަބެއްކަމުގައި ހިމެނިދާނެއެވެ. އަދި އެއީ ތަޙައްދީ އާއި ގޮންޖެހުމުގެ ރޮގުން ހިގާކަމެއްވެސް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އެބޭކަލުންނަށް އެކަމުގެ ސަބަބު އެގިވަޑައިނުގަތް ކަމުގައިވިއަސް އެބޭކަލުންގެ އަތްމައްޗަށް الله تعالى ހިންގަވާ ކަމެކެވެ.
شَيْخُ الإسْلاَم ابْنُ تَيْميّة ވިދާޅުވެފައި ވެއެވެ. ވަލީވެރީންގެ ކަރާމާތާއި ޝައިޠާނީ ޙާލަތްތަކާ ދެމެދުގައި ތަފާތު އެތައްކަމެއް ވެއެވެ. އޭގެތެރޭން އެއްކަމަކީ ވަލީވެރީންގެ ކަރާމާތްތަކުގެ ސަބަބަކީ އީމާނާއި ތަޤްވާ އެވެ. ޝައިޠާނީ ޙާލަތްތަކުގެ ސަބަބަކީ ﷲ އާއި އެކަލާގެ ރަސޫލާ ﷺ ނަހީކުރައްވާފައިވާ ކަންތަކެވެ.
ފަހެ ނަމާދުކުރުމުންނާއި ޒިކުރު ކުރުމުންނާއި ޤުރްއާން ކިޔެވުން ނޫން ގޮތަކުން ޙާޞިލްވާ ކަންތަކަކީ އަދި ކިއެއްތަ! ޝައިޠާނާ ލޯބިވާ ކަންތަކުންނާއި މަޚްލޫޤާތުގެ ކިބައިން އެހީއަށް އެދި ގޮވުންފަދަ އޭގައި ޝިރްކު އެކުލެވި ގެންވާ ކަންތަކުން ޙާޞިލްވާ ނަތީޖާ އަކީ ނުވަތަ މީސްތަކުންނަށް އަނިޔާވެރިވެ ފާޙިޝް ކަންތައް ކުރުމުގެ މައްޗަށް އެކަންކަމަށް އެހީތެރިކަން ލިބޭކަންތަކަކީ ޝައިޠާނީ ޙާލްތަކުގެ ތެރެއިންވާ ކަންކަމެވެ. އެއީ ރަޙްމާނީ ކަރާމާތުގެ ތެރޭންވާ ކަންކަމެއް ނޫނެވެ.
އަލްއިމާމު އަންނަވަވީ ވިދާޅުވެއެވެ. ވަލީވެރިއާއާއި ސިޙްރުވެރިއާގެ ދެމެދުގައިވާ ތަފާތު ދެގޮތަކުން ބެލެވެއެވެ. އެއްގޮތަކީ މުސްލިމް ޢިލްމުވެރީން އިޖްމާޢުވެފައިވަނީ ފާސިޤެއްގެ އަތްމައްޗަށް މެނުވީ ސިޙްރު ފާޅެއްނުވާނެއެވެ. އަދި ފާސިޤެއްގެ އަތްމައްޗަކަށް ކަރާމާތެއް ފާޅެއްނުވާނެއެވެ. އެކަންތައް ފާޅުވާނީ ވަލީވެރިއެއްގެ އަތްމައްޗަށެވެ. ދެވަނަގޮތަކީ ސިޙްރަކީ މަސައްކަތްތަކެއް ކޮށް އުދަގޫތަކެއް އުފުލައި ހޭނުންތަކެއް ހޭނުމުގެ ނަތީޖާއެއްގެ ގޮތުން އުފެދިގެން އަންނަ އެއްޗެކެވެ. ކަރާމާތަކީ އެއިން އެއްވެސް ކަމަކަށް ބޭނުންވާ ކަމެއްނޫނެވެ. ގިނަފަހަރަށް އެކަންތައް ދިމާވަނީ އިއްތިފާޤީ ގޮތެއްގައެވެ. އެއީ އެކަމަށް ނޭދި އަދި އެކަމުގެ ޝުޢޫރެއްވެސް ނެތިފައި ވަނިކޮށެވެ.
މިހާމަކޮށްލެވުނީ ޢިލްމުވެރީން ވިދާޅުވެފައިވާ ބަސްތަކުގެ އަލީގައި ސިޙްރާއި މުޢުޖިޒާތާ އަދި ކަރަމާތާ ދެމެދުގައިވާ ބައެއް ތަފާތުތަކެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)