ޢަލީ އިޙްޞާން ފިރާޤް
ޢިލްމުވެރިކަން
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ޢިލްމުވެރި ބޭކަނބަލަކީ أمّ المؤمنين السّيّدة عائشة رضى اللّـه عنها އެވެ. އެކަމަނާއަށްފަހު ޢިލްމުވެރިކަމުގެ މައިދާނުގައި އަންހެނުންގެ ތެރެއިން އެންމެ އަރާ އިންނެވި ބޭކަނބަލަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها އެވެ. އަންހެނުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި ކަނބަލަކީ أمّ المؤمنين أمّ سلمة رضى اللّـه عنــها އެވެ.
أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އަރިހުން 378 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން ބުޚާރީ އާއި މުސްލިމު އިއްތިފާޤުވެވަޑައިގެންފައިވަނީ 13 ޙަދީޘާ މެދުގައެވެ. މީގެ އިތުރަށް ބުޚާރީގައި 3 ޙަދީޘް އަދި މުސްލިމުގައި 13 ޙަދީޘްވެއެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنها އާވެސް ބައެއް ފަހަރު أمّ المؤمنين أمّ سلمة ގެ އަރިހުން ބައެއް ދީނީ މައްސަލަތައް އޮޅުން ފިލުއްވައެވެ.
أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އަރިހުން ބަޔާންވެގެންވާ ޙަދީޘްތައް ޙަދީޘް ފޮތްތަކުގެ ޠަހާރާތާއި، ނަމާދާއި، ޒަކާތާއި، ޙައްޖާއި ޢުމްރާއާއި، ޖަނާޒާއާ ބެހޭ ބާބުތަކުގައި ވަރަށް ގިނައިން ރިވާވެގެންވެއެވެ.
ޞަޙާބީންގެ ތެރެއިން ވަރަށް ދަރަޖަ މަތިވެރި ބޭކަލުންވެސް އެކަމަނާގެ މަޝްވަރާއާއި ލަފާފުޅު ހޯއްދަވައެވެ. އެއްފަހަރަކު عبد الرّحمن بن عوف رضى اللّـه عنــه އެކަމަނާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [އޭ މަންމާއެވެ. ތިމަންކަލޭގެފާނުގެ އަތުގައި މުދާ ވަރަށް ގިނަ ވެއްޖެއެވެ. އެކަމުގެ ސަބަބުން ތިމަންކަލޭގެފާނު ހަލާކުވެދާނެތީ ބިރުގަންނަވަމެވެ.] أمّ المؤمنين أمّ سلمة رضى اللّـه عنــها ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ކަލޭގެފާނުގެ މުދާ މީސްތަކުންގެ މައްޗަށް ހޭދަކުރާށެވެ.]
- ޢަލީ އިޙްޞާން ފިރާޤް