ޖާދޫގަރު:
ޖާދޫހަދާ މީހަކީ ސިޙްރުވެރިއެއްކަމަށް ހީކުރުމަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫނެވެ. އެހެނީ ޖާދޫގެ ކުޅިވަރުތައް ބިނާ ވެފައި ވަނީ އޭނާގެ އަތުގެ އަވަސް އަދި ލުއި ޙަރަކާތުގެ މައްޗަށެވެ. އަދި ކުޅިބަލަން ތިބޭ މީހުން އެކަމުގައި ޝައުޤުވެރިކުރުވައި مشغُول ކުރުވުމުގެ ކުޅަދާނަކަމުގެ މައްޗަށްވެސް މެއެވެ. އަދި އެއީ އެއްވެސް އިންސާނަކަށް އެއްވެސް ސިފައެއްގައި ގެއްލުމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ތަސްލިޔާއަކާއި ހިތްއުފާކޮށްލުމެއް މެނުވީ އެއިން ޤަސްދު ކުރެވިގެނެއް ނުވެއެވެ. އައި އޭނާ އެކުޅިވަރުތައް ކުޅެނީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. އޭނާ އެމަސައްކަތުގައި ބޭނުންކުރާ ތަކެއްޗަކީ ލޮލަށް ފެންނަ އާދައިގެ ތަކެއްޗެވެ. މީހުންނަށް އޮޅުންނުފިލާ ޒާތުގެ ބުރަ ތަކެއްޗެއް ނޫނެވެ.
އަދި ސިޙްރުގައިވާ ފަދައިން ރަމްޒުތަކާއި ކިއެވެލިތަކާއި ވަކި ޚާއްޞަ ހެދުމެއް ލުމާއި މިފަދަ ކަންތަކެއް ޖާދޫގައި ހިމެނިގެންވެއެވެ. އަދި ހަމައެފަދައިން އޭނާގެ ކުޅިވަރުތަކުގައި އާދައާ ޚިލާފު އެހެން ބާރުތަކަކަށް ނުވަތަ ނުބައިވެގެންވާ ރޫޙުތަކެއްގެ މައްޗަކަށް އިޢުތިމާދު ކުރުމެއް ނުވެއެވެ. އެހެންކަމުން ކުރިން މާބޮޑު ތައްޔާރީ ތަކެއް ކޮށް ޙަރަކާތްތަކެއް ހިންގައި ހެދުމަކާ ނުލައި ކޮންމެ ތަނެއްގްގައިވެސް އަދި ކޮންމެ ވަގުތެއްގައިވެސް މީހުންނަށް އޭނާގެ ކުޅިވަރުތައް ދެއްކިދާނެއެވެ. މިއާޚިލާފަށް ސިޙްރުވެރިއާގެ ހުރިހާ ޢަމަލެއްވެސް އަމާޒުކުރެވިގެންވަނީ ގެއްލުން ދިނުމާދިމާއަށެވެ. އެހެންކަމާއެކު ވަކި ވަޤުތުތަކެއްގައި ވަކި ޝަރްޠުތަކަކާއި ވަކި މާއްދާތަކަކާ އެކުގައި މެނުވީ އޭނާއަކަށް އެސިޙްރެއް ހެދޭކަށް ނޯވެއެވެ.
ޖާދޫގެ ކުޅިވަރުތައް ކުޅޭ މީހަކީ މަގުމަތީގައާއި ޢާންމު މަޙައްލުތަކުގައާއި މައިދާންތަކުގައި އޭނާގެ ކުޅިވަރުތައް ދައްކަމުންދާ މީހެކެވެ. މިގޮތުން އޭނާގެ ކުޅިވަރުތަކައިގެން ތިބާއާ ހަމައަށްވެސް އޭނާގެ ދެފައިން ހިގާފައި އަންނާނެއެވެ. އެއީ ތިބާގެ ހިތަށް އުފާވެރިކަން ވައްދައިދީ ހިތާމަތައް ފިލުވައިލަދިނުމަށްޓަކައެވެ. މިރޮގުން ތިބާގެ އޯގާވެރިކަމާއި ދީލަތިކަން އިތުރުވެގެން ދިއުމަށް އޭނާ އެދޭނެއެވެ. ނަމަވެސް މިއާޚިލާފަށް ސިޙްރުވެރިއާގެ ގާތަށްދަނީ ތިބާއެވެ. އަދި އޭނާގެ ކިބައިން ކަންތަކަށް އެދެމުއެވެ. އަދި އޭނާގެ އޯގާތެރިކަމަށްވެސް އެދެމުއެވެ. އެއީ ތިބާއަށް ޖެހިފައިވާ ގިލަންވެރިކަން ފިލުވައިލުމަށްޓަކައެވެ. ނަމަވެސް ގިނަފަހަރަށް ކަންވާގޮތަކީ އެއްވެސް ފައިދާއެއް ނެތްގޮތުގައި ތިބާގެ އަތުން ފައިސާތަކެއް ގެއްލިގެން ދިއުމެވެ. ނުވަތަ އެސިޙްރުވެރިއާ ތިބާގެ ފައިސާތަކެއް ބްލެކްމެއިލް ކޮށްލުމެވެ. އެހެނީ އޭނާގެ ހިތުގައި ރަޙްމުގެ ޒައްރެއްގެ މިންވަރުވެސް ވާތީއެއް ނުފެންނާނެ އެވެ. އެއްވެސް އިންސާނެއްގެ މައްޗަކަށް އޭނާގެ ހިތުގައި އޯގާވެރިކަމެއް ނުވަތަ ރަޙްމުގެ ކުޑިފަށެއްވެސް ނޯންނާނެއެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)