އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ-13: ދަރިކައުކަނބަލުން

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 11ސ
އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ-13:  ދަރިކައުކަނބަލުން

ޢަލީ އިޙްޞާން ފިރާޤް

 

ދަރިކައުކަނބަލުން:

أمّ المؤمنين أمّ سلمة رضى اللّـه عنــها އަށް އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ سلمة بن أبي سلمة އާއި عمر بن أبي سلمة އާއި زينب بنت أبي سلمة އާއި درة بنت أبي سلمة އާއި أُم كُلْثُوم بنتُ أبي سَلَمَة އެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފަރާތްޕުޅުން أمّ المؤمنين أمّ سلمة رضى اللّـه عنــها އަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ.

މިބޭފުޅުންގެ ތެރެއިން سلمة بن أبي سلمة ގެ ކައިވެނިފުޅު ކުރެވުނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު  حمزة ގެފާނުގެ ދަރިކަނބަލުން  أُمامة އާއެވެ. މިކައިވެނިފުޅު ކުރެވުނު އިރު އެދެބޭފުޅުނަންކީ ތުއްޕުޅު ދެބޭފުޅުންނެވެ. އެކުދީންގެ ކާވެނިފުޅުކޮށް ދެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެވެ. سلمة بن أبي سلمة އަވަހާރަވީ عبد الملك بن مروان ގެ ޚިލާފަތުގެ ދުވަސްވަރުގައެވެ.

عمر بن أبي سلمة އުފަންވީ ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައެވެ. އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގެންނެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އޯގާވެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައެވެ. އެކަލޭގެފާނު މެދުވެރިއެއްނެތި ސީދާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން ޙަދީޘް ރިވާކުރެއްވިއެވެ.  ޢަލީގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި عمر بن أبي سلمة އަށް ބަހުރެއިންގެ ގަވަރުނަރުކަން ދެއްވިއެވެ. عمر بن أبي سلمة އަވަހާރަވީ ހިޖުރައިން 83 ވަނަ އަހަރުގައެވެ.

زينب بنت أبي سلمة އަކީ އެކަމަނާގެ ޒަމާނުގައި އުޅުއްވި ޢިލްމުވެރިންގެ ތެރޭގައި އަރާ އިންނެވި ބޭކަނލެކެވެ. އެކަމަނާވަނީ ސީދާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުން ޙަދީޘް ރިވާކުރެއްވިއެވެ.  ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންނާ ޚާއްޞަ ގާތްކަމެއް ބެހެއްޓެވިއެވެ. އެކަމަނާވަނީ ނަބިއްޔާގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޒައިނަބު ބިންތި ޖަހުޝް އާއި އުއްމުޙަބީބާ އާއި ޢާއިޝަތުގެފާނުގެ ކިބައިން ޙަދީޘް ރިވާ ކުރައްވައިފައެވެ. އަދި އެކަމަނާގެ މައިކަނބަލުން أمّ المؤمنين أمّ سلمة رضى اللّـه عنــها ގެ އަރިހުންވެސް ޙަދީޘް ރިވާކުރެއްވިއެވެ. 

زينب بنت أبي سلمة އާ ކައިވެނިކުރެއްވީ عبد الله بن زَمْعَة بن الأسود بن المطّلب بن أسد بن عبد العُزّى بن قُصَيّ އެވެ. އޭނާގެ ފަރާތްޕުޅުން އެކަމަނާއަށް ހަ ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން ލިބިވަޑައިގެންނެވި ކަމަށް އިބްނު ސަޢުދު އޭނާގެ ތަބަޤާތުގައި ބަޔާން ކުރައްވައިފައިވެއެވެ. 

ابن عبد البر ވިދާޅުވާ ގޮތުގައި زينب بنت أبي سلمة އަކީ އެކަމަނާގެ ޒަމާނުގެ އަންހެނުންތަކުގެ ތެރެއިން ފިޤުހުވެރިކަމަށް އަރާ ހުންނެވި ބޭފުޅެކެވެ.  أبو رافع ވިދާޅުވެފައިވެއެވެ. ތިމަން މަދީނާގެ އަންހެނުންގެ ތެރެއިން ފިޤުވެރި މީހެއްގެ ވާހަކަ ދައްކާނަމަ އަބަދުވެސް زينب بنت أبي سلمة ނަން ގަންނަމެވެ.

زينب بنت أبي سلمة އަކީ ވަރަށް ހިތްވަރުފުޅު ގަދަ ކެތްތެރި ބޭކަނބެލެކެވެ. ޔަޒީދު ބިން މުޢާވިޔަތުގެ ދައުރުގައި އޭނާގެ ލަޝްކަރުގެ މީހުންނާ މަދީނާގެ މީސްތަކުންނާ ދެމެދުގައި ހިނގު وقعة الحرة ގެ ނަމުން ނަންދެވުނު ހަމަނުޖެހުން ގަނޑުގެ ތެރޭގައި އެކަމަނާގެ ދެދަރިކަލުން ޝަހީދުވިއެވެ. އެދެދަރިކަލުންގެ ފުރާނަނެތް ހަށިގަނޑު އެކަމަނާގެ އަރިހަށް ގެނެވުނު ހިނދު ފަރުބަދައެއް ފަދައިން ކެތްތެރިވެވަޑައިގެން ސާބިތު ކަމާއެކު ހުންނަވައިފައި ވިދާޅުވިއެވެ. 

[ إنا لله وإنا إليه راجعون. މީގެ ތެރެއިން ފުރަތަމަ ކުއްޖާ އެބައިމީހުންނާ ހަނގުރާމަ ކުރުމުން ދުރުވެގަތެވެ. އޭނާ ޝަހީދުކުރެވުނީ އޭނާގެ ގޭގައި ހުއްޓައެވެ. ދެވަނަ ކުއްޖާ އެބައިމީހުންނާ ހަނގުރާމަ ކުރިއެވެ. އޭނާގެ ނިޔަތަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެހެންވެ އޭނާގެ މައްޗަށް އަހަރެން ކުރާ ހިތާމަ އަދި ވަކީން ބޮޑެވެ.]

{ أسد الغابة في معرفة الصحابة - عز الدين ابن الأثير.} 

މި ހިތާމެވެރި ޙާދިޘާގެ ދިހަ އަހަރުފަހުން زينب بنت أبي سلمة އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 73 ވަނަ އަހަރުގައެވެ. ފަސްދާނުލެވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުއޭ ކިޔުނު ޤަބަރުސްތާނުގައެވެ. 

درة بنت أبي سلمة އާއި أُم كُلْثُوم بنتُ أبي سَلَمَة އާ ބެހޭ ގޮތުން މާގިނަ މަޢުލޫމާތެއް އިސްލާމީ ތާރީޚުގެ މަސްދަރުތަތަކުން ފިލާކަށް ނުހުރެއެވެ. أمّ المؤمنين أمّ سلمة رضى اللّـه عنــها މިދެންނެވުނު ހުރިހާ ދަރިކައުކަނބަލުންނަކަށްވެސްވަނީ ޞަޙާބީންގެ މަތިވެރި ދަރަޖަ ލިބިވަޑައިގެންފައެވެ. 

- ޢަލީ އިޙްޞާން ފިރާޤް

 

 

 

މިއަދު އޮންލައިން