އަޅުގަނޑު ބަލިވެއިނުމާއި ވިހެއުންދިމާވީ ބަރަކާތްތެރި ރަމަޟާން މަހާއެވެ. އޭގެ ސަބަބުން ގިނަ ދުވަސްތަކެއްގައިވަނީ ރޯދަ ނުހިފިއެވެ. ފަހު ހަތްދުވަސް ފިޔަވާ އެހެން ދުވަސްތަކުގެ ރޯދަ އަޅުގަނޑު ޤަޟާކޮށްފީމެވެ. الحمد لله. އޭގެ ތެރެއިން ތިން ރޯދަ އަޅުގަނޑު ހިފާފައިވަނީ ޝަޢުބާންމަހުގެ ދެބައިން ފަހުބައިގައެވެ. އަދި އަޅުގަނޑު ބޭނުންވަނީ ރަމަޟާންމަހުގެ ކުރިން ބާކީ ރޯދަތައް ފުރިހަމަކުރުމަށެވެ.
ނަމަވެސް ޝަޢުބާންމަހުގެ ދެބައިން ފަހުބައިގައި ރޯދަ ހިފުން ހުއްދަވެގެންނުވާކަމަށް އަޅުގަނޑު ކިޔާފައިވެއެވެ. އެއީ އާދަވެގެން ރޯދަ ހިފާއުޅޭ މީހަކު ފިޔަވައެވެ.
އަޅުގަނޑު އެނގެން ބޭނުންވަނީ ބާކީހުރި ރޯދަތައް ހިފަންވީތޯ ނުވަތަ ނޫންތޯއެވެ. އަދި ޖަވާބަކީ ނޫނެކޭ ކަމުގައިވާނަމަ… އަޅުގަނޑު ހިފާފައިވާ 3 ރޯދައިގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެ 3 ރޯދަ އަޅުގަނޑު އަލުން ޤަޟާކުރަންޖެހޭނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟
الحمد لله.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ.
((إِذَا انْتَصَفَ شَعْبَانُ فَلا تَصُومُوا)). [رواه أبو داود (٣٢٣٧) والترمذي (٧٣٨) وابن ماجه (١٦٥١) وصححه الألباني في صحيح الترمذي] .
މާނައީ: "ޝަޢްބާންމަސް ދެބައިވުމުން، ފަހެ ތިޔަބައިމީހުން ރޯދަ ނުހިފާ ހުށިކަމެވެ".
މިނަހީކުރެއްވުމުން އިސްތިޘްނާވާ ކަންތައްތަކެއްވެއެވެ:
1. އާދަވެ ރޯދަހިފާމީހާއެވެ. މިޘާލަކަށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އާދަކޮށް ރޯދަހިފާމީހަކަށް ޝަޢުބާން މަހުގެ ދެބައިން ފަހުބައިގަވެސް ރޯދަހިފިދާނެއެވެ. އަދި މިކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ބަސްފުޅެވެ.
((لا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلا يَوْمَيْنِ إِلا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ)) [رواه البخاري (١٩١٤) ومسلم (١٠٨٢)]
މާނައީ: "ކުރިން ރޯދަ ހިފަމުން އައި މީހަކު ފިޔަވާ އެހެން މީހުން ރަމަޟާންމަހުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ރޯދަ ނުހިފާ ހުށިކަމެވެ."
2. ޝަޢުބާންމަހުގެ ދެބައިން ފަހުބައިގެ ކުރިން ރޯދަހިފަން ފަށައިފި މީހާ، ޝަޢުބާން މަހުގެ ދެބައިން ފަހުބައިގައިވެސް ރޯދަހިފާނަމަ މިކަންވެސް އެނަހީގައި ޝާމިލުނުވެއެވެ. މިކަމުގެ ދަލީލަކީ ޢާއިޝާ رضي الله عنها ގެ އަންނަނިވި ބަސްފުޅެވެ.
((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ شَعْبَانَ كُلَّهُ ، يَصُومُ شَعْبَانَ إِلا قَلِيلا)) . رواه البخاري (١٩٧٠) ومسلم (١١٥٦) واللفظ لمسلم .
މާނައީ: ” ރަސޫލާ صلى الله عليه وسلم ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕެވިއެވެ. ޝަޢްބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ."
އިމާމު އައްނަވަވީ رحمه الله ވިދާޅުވެފައިވެއެވެ: "އެކަމަނާގެ ބަސްފުޅު (އެކަލޭގެފާނު މުޅި ޝަޢްބާންމަހު އެއްކޮށް ރޯދަ ހިއްޕެވިއެވެ. ޝަޢްބާން މަހުގެ މަދު ދުވަހެއް ފިޔަވާ އެހެން ހުރިހާ ދުވަހަކު ރޯދަ ހިއްޕެވިއެވެ.)ގައި ދެވަނަ ޖުމްލަކީ ފުރަތަމަ ޖުމްލައިގެ ތަފްސީރެވެ. އަދި އެކަމަނާގެ ބަސްފުޅުގައިވާ "އެއްކޮށް"ގެ މާނައަކީ ބޮޑުބައެވެ." [އިމާމު އައްނަވަނީގެ ބަސްފުޅު ނިމުނީ]
ފަހެ މި ޙަދީޘްފުޅުން ދަލީލުކޮށްދެނީ ޝަޢުބާންމަހުގެ ދެބައިން ފަހުބައިގައި ރޯދަހިފުން ހުއްދަކަމެވެ. އެކަމަކު އެއީ އޭގެކުރިން ރޯދަހިފަން ފަށާފައިވާ މީހަކު ރޯދަހިފަމުން ދިއުމެވެ.
3. އަދި ރަމަޟާން މަހުގެ ރޯދަ ޤަޟާކުރާމީހާވެސް އެ ނަހީއިން އިސްތިޘްނާވެއެވެ.
އިމާމު އައްނަވަވީ – رحمه الله – “المجموع” (٣٩٩/٦) ގައި ވިދާޅުވެފައިވެއެވެ: އަޅުގަނޑުމެންގެ އަޞްޙާބުން [އެބަހީ: ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން] ވިދާޅުވެފައިވެއެވެ: "ރަމަޟާން މަސް ފެށުމުގެކުރިން ޝައްކުގެ ދުވަހު ރޯދަހިފުން ޞައްޙަވެގެންނުވާކަމަށް (ޢިލްމުވެރިންގެ މެދުގައި) ޚިލާފެއެއްނުވެއެވެ. … ފަހެ މީހަކު ޤަޟާ ރޯދަހިފާނަމަ ނުވަތަ ނަދުރެއް ފުއްދުމުގެގޮތުން ނުވަތަ ކައްފާރާގެގޮތުގައި ރޯދަހިފާނަމަ، އެކަން ޤަބޫލުވެވިގެންވެއެވެ. އެހެނީ ސުންނަތް ރޯދަހިފުން އެދުވަސްވަރު ހުއްދަވެގެންވާއިރު ފަރުޟު ރޯދަހިފުން ހުއްދަވުން މާއައުލާވެގެންވެއެވެ. … ރަމަޟާން މަހުގެ ރޯދައެއް ޤަޟާކުރަންޖެހިފައިވާނަމަ، ފަހެ އޭނާގެ މައްޗަށް އެކަން ވާޖިބުވެއްޖެއެވެ. އެހެނީ އޭނާ އެ ރޯދަ ޤަޟާކުރުމަށްއޮތް ވަޤުތުވަނީ ވަރަށް ކުޑަތަންވެފައެވެ." [އައްނަވަނީގެ ބަސްފުޅު ނިމުނީ]
ޝައްކުގެ ދުވަހަކީ ޝަޢުބާންމަހުގެ ތިރީސްވަނަ ދުވަހެވެ. އެއީ ވިލާބޯވުމުގެ ސަބަބުން ނުވަތަ ހިރަފުހުގެ ސަބަބުން ނުވަތަ އެފަދަ އެހެން ކަމެއްގެ ސަބަބުން ތިރީސް ވިލޭރޭގެ ހަނދު ނުފެނުނުކަމުގައިވާނަމައެވެ. އެދުވަހަށް ޝައްކުގެ ދުވަހޭ ކިޔަނީ އެދުވަހަކީ ޝައްކުވެވިގެންވާ ދުވަހަކަށްވާތީއެވެ. އެއީ ޝަޢުބާންމަހުގެ ފަހުދުވަސްތޯ ނުވަތަ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތޯއެވެ.
ޖަވާބުގެ ޚުލާޞާއަކީ:
ޝަޢުބާން މަހުގެ ދެބައިން ފަހުބައިގައި ރަމަޟާން މަހު ގެއްލިފައިވާ ރޯދަ ޤަޟާކުރުމުގައި މައްސަލައެއް ނެތެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޝަޢުބާންމަހުގެ ދެބައިން ފަހުބައިގައި ރޯދަ ހިފުން ނަހީކުރައްވާފައިވުމުގައި މިކަން ޝާމިލުވެފަނުވެއެވެ.
ފަހެ ތިބާ ހިފާފައިވާ ތިން ރޯދަ ޞައްޙަވާނެއެވެ. އަދި ރަމަޟާންމަސް އައުމުގެ ކުރިން ބާކީހުރި ރޯދަތައް ހިފާށެވެ.
والله تعالى أعلم
- މަސްދަރު: ދިސަލަފިއްޔާ