ދަރިން ނަމާދުނުކުރަނީހެއްޔެވެ؟ ތިމާއަކީ ނަމާދުކުރާ މީހަކަށްވެހުރެ ނިކަން މިދުޢާކުރަންފަށައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިން ނަމާދުނުކުރަނީހެއްޔެވެ؟ ތިމާއަކީ ނަމާދުކުރާ މީހަކަށްވެހުރެ ނިކަން މިދުޢާކުރަންފަށައިބަލާށެވެ!

ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުންގެ ދަރިން ނަމާދު ނުކުރުމެވެ. އެހެންކަމަށްވާނަމަ ފުރަތަމަ ކަމަކަށް ތިމާ އަކީ ނަމާދު ޤާއިމްކުރާ މީހަކަށްވާށެވެ! އެކަމުގައި ދަރިންނަށް ނަމޫނާ ދައްކާށެވެ! އަދި ވީހާ ގިނައިން ދަރިންނާއިއެކުގައި ނަމާދުކުރަން މަސައްކަތްކުރާށެވެ. ފިރިހެނަކުނަމަ ދަރިން މިސްކިތަށް ގެންދާށެވެ. އަނހެނަކުނަމަ ގޭގައި ދަރިން ގޮވައިގެން ނަމާދުކުރާށެވެ.

އެކަންކުރަމުން ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާކުރާށެވެ. ނަމާދު ކުރަމުން ވެސް މި ދުޢާކުރުން މުހިންމެވެ. އަބަދުވެސް ހުންނަންވާނީ ނަމާދު ޤާއިމުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިއެދިކަމަށްވާތީއެވެ.

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ

"އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމްކޮށްއުޅޭ މީހެއްކަމުގައި ލައްވަވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލް ކުރައްވާނދޭވެ!" (އިބްރާހީމް ސޫރަތުގެ 40)

ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ނަމާދު ޤާއިމުކުރި ވަރަކުންނެވެ. ވީމާ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ މީހުން ކަމުގައި ލެއްވެވުމަކީ އަބަދުވެސް އެންމެ ބޮޑަށް އެދެންޖެހޭނެ ކަންތަކެވެ. އަދި ދުޢާކުރަން ޖެހޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމާއި ވެސް އެކުގައެވެ. ކޮންމެ ކަމެއް ޙާޞިލުކުރަން ނަމަވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން