އަނބިންނަށް ރަނގަޅަށް ކަންކަންކުރަން އިލްތިމާސްކޮށް ދެވިފައި ހުންނަ ދަރުސްތަކާއި ގުޅިގެން ފިރިހެން ބޭފުޅުންވެސް ސުވާލު އުފައްދަވައެވެ. "އަނބިން ފިރިންނަށް ހެޔޮވާން، އޯގާތެރިވާން، ވަފާތެރިވާން، އެހީތެރިވާން ނުޖެހޭނެތޯއެވެ؟"
ޖަވާބުގައި ޢިލްމުވެރިން ވިދާޅުވަނީ ދެމަފިރިން ވެސް އެކަކު އަނެކަކަށް ހެޔޮލަފާވާން ޖެހޭނެ ކަމަށެވެ. އަދި ދެއްވާ ދަރުސްތަކުގައި އެކަން ފާހަގަވެސް ކުރައްވައެވެ.
ޤަބޫލުކުރަން އުނދަގޫވި ނަމަވެސް އިސްލާމީ ޤައުމުތަކުގައި މިހައިތަނަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކީ ފިރިމީހާގެ މައްސަލަތަކެވެ. އަދި ކައިވެނި ރޫޅުމުން ގިނަފަހަރު ބޮޑަށް ގެއްލުން ލިބި ނިކަމެތިވަނީވެސް އަނބިންނެވެ. ކައިވެނި ރޫޅުމަސްފަހު ދަރިން ބެލުމުގެ ޒިންމާވެސް އުފުލަން ގިނަފަހަރު ޖެހިގެންދަނީ އަނބިމީހާއަށެވެ.
މިކަމުގެ ހެއްކަކަށް ސައުދިއަރަބިޔާ، ޔޫއޭއީ ފަދަ ޤައުމުތަކުގައި ދެވަނަ ކައިވެންޏެއް ނުކުރެވިފައި ތިބި އަންހެނުންގެ އަދަދު 2 މިލިއަނަށްވުރެ ގިނަކަމަށް މީގެ އެތައް އަހަރެއްގެ ކުރީގެ ދިރާސާތަކުންވެސް ދައްކައެވެ. އެކަމުގެ ސަބަބުން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި ސަރުކާރުތަކުން މިހާރު ގެންދަނީ އެފަދަ އަންހެނުންނަށް އަލުން ކައިވެނިކުރެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި އެފަދަ އަންހެނުންނާއި ކައިވެނިކުރުމުން އިނާޔަތްވެސް ދެމުންނެވެ. ދެއަންތބަށް ކައިވެނިކުރަންވެސް ހިތްވަރުދެމުންނެވެ. ފިރިހެނުންނަށް މިފަދަ މައްސަލަތައް ކުރިމަތިވެގެން އުޅޭކަން ފާހަގަކުރެވިފައެއް ނުވެއެވެ.
އިސްލާމް ދީނުގައި ދެމަފިރިންނަށްވެސް ޒިންމާތަކެއްވެއެވެ. ޒިންމާތައް ތަފާތުވިނަމަވެސް ދެމީހުންނަށްވެސް ޒިންމާތަކެއް ވެއެވެ. އަންހެނުންނަށް ހެޔޮކޮށްހިތުމުގެ ވާހަކަ ދެއްކުން ގިނަކުރަންޖެހޭ ސަބަބުތައް ބައިވަރެވެ. ޙައްޖަތުލްވިދާޢުގައި ރަސޫލް ﷺ ދެއްވެވި އެކުރު ޚުޠުބާގައިވެސް އަންހެނުންނަށް ހެޔޮކޮށް ހިތުމާއި އެމީހުންގެ ޙައްޤުތައް އަދާކުރަން ވަނީ ވަޞިއްޔަތްކުރައްވަވައިފައެވެ.
ޔަޤީންކުރާށެވެ! އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް އެމީހަކު އަދާކުރަންޖެހޭ ޒިންމާތަކާއި ޙައްޤުތައް އަދާނުކޮށްފިނަމަ ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާބެތެވެ. ވީމާ އެކަމުގައި އަނހެން، ފިރިހެން ބަލައި މިންއެޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން