ނަރަކައިގެ އަލިފާނަށް ބިރުނުގަންނަނަމަ މިއަޑުއަހާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ނަރަކައިގެ އަލިފާނަށް ބިރުނުގަންނަނަމަ މިއަޑުއަހާށެވެ!

ނިކަން ވިސްނައިލަބަލާށެވެ! ރަސޫލާ ގެ ޒަމާނުގައި އެންމެ ކުޑަމިނުން ބަންގީގެ އަޑު އިއްވާނެ ތާޅަފިއްޔެއްވެސް ނެތެވެ. އަޑު ދުރަށް ފޮނުވޭނެ އެއްވެސް ގޮތެއް ނެތެވެ. އެންމެ ކުޑަމިނުން ރޭޑިއޯއެއް ، ޓީވީއެއްވެސް ނެތެވެ. އެހެންކަމާއިއެކުވެސް ކޮންމެ ނަމާދުވަގުތެއް ޖެހޭއިރު މުސްލިމުން ތިބެނީ ނަމާދުކުރަން މިސްކިތަށް ގޮހެވެ. ވަރަށް ޚާއްޞަ ޙާލަތެއް މެދުވެރިވެގެން މެނުވީ އެކަން ހަނދާނެއް ނުނެތެއެވެ. 

މިއަދު ނަމާދު ވަގުތުޖެހުމުން އެމީހަކަށް އެކަން ހަނދާންކޮށްދެވޭ ވަޞީލަތްތައް ބައިވަރެވެ. މިސްކިތްތަކުގެ ތާޅަފިލީގެ އަޑުވެސް އެހައިގަދައެވެ. އަތުގައި އޮންނަ ފޯނުގައި އިތުރަށް އަތްނުލި ނަމަވެސް ހަނދާންކޮށްދެއެވެ. 

ސުވާލަކީ މިހުރިހާ ލުއިފަސޭހަކަތަކެއް ﷲ ތަޢާލާ ދެއްވެވީމާވެސް ނަމާދަށް ފަރުވާކުޑަކުރަނީ ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތް ދުވަހަށް ނުވަތަ ނަރަކައިގެ އަލިފާނަށް ބިރުނުގަންނާތީކަމަށްބުނުން ފިޔަވައި ދޭންއޮތީ ކޮން ޖަވާބެއްހެއްޔެވެ؟ 

މީސްތަކުންނޭވެ! ކިތަންމެ ދިގުކޮށް އަދި ކިތަންމެ ގިނައިން ދެއްކި ނަމަވެސް ދައްކަން އޮތީ އެއްވާހަކައެކެވެ. ނަމާދުކުރަން ފަރުވާ ކުޑަކޮށްގެން ސުވަރުގެ ވަދެވޭނެކަމަށް އުންމީދުކުރުމެއް ނެތެވެ. ސުވަރުގެ ވަދެވޭނީ ޞިރާޠުމަގު ހުރަސްކުރެވިގެންނެވެ. ހުރަސް ނުކުރެވިއްޖެނަމަ އެމީހަކު ވެއްޓޭނީ ނަރަކައަށެވެ. 

ވީމާ އަހުރެންގެ އާދޭހަކީ ނަމާދުކުރަން ސަމާލުކަން އިތުރުކުރުމެވެ. ކުރާ ހުރިހާ ކަމެއްގެ ލިސްޓުގެ އެންމެ ކުރިއަށް ނަމާދުކުރުން އެރުވުމެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ނަމާދުގެ ޖަމާއަތް ދޫކޮށް ނުލުމެވެ. މަޖުބޫރުވެގެން ޖަމާޢަތަށް ނުދެވުނު ނަމަވެސް ވީހާއަވަހަކަށް ނަމާދުކުރުމެވެ. އަންހެންކަނބަލުން ގޭގައި ނަމާދުކުރާއިރުވެސް ވަގުތު ޖެހުމުން ލަސްނުކޮށް ވީހާއަވަހަކަށް ނަމާދުކުރާށެވެ! އެނގިހުރެ ނަރަކައަށް ވެއްޓިނުގަންނާށެވެ! 

އަބަދުހެން ނަމާދާއިބެހޭގޮތުން މިފަދަ މޭރުންތަކުން ވާހަކަދައްކަން މިޖެހެނީ ނަމާދު ފުރިހަމަނުވެ، ދެންކުރާ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެކަން ވަރަށް ސާފުކޮށް އެނގެން އޮތުމުންނެވެ. ވީމާ ނަމާދުކުރަން ދޭންޖެހޭ އަހައްމިއްޔަތުކަން ވިސްނައިދިނުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން