ކެއުމާއިބުއިން މުބާޙުކަމަށް (ހުއްދަކަމަށް) ނައްޞު އައިސްފައިވާތަކެތި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 20މ 47ސ
ކެއުމާއިބުއިން މުބާޙުކަމަށް (ހުއްދަކަމަށް) ނައްޞު އައިސްފައިވާތަކެތި-

ކެއުމާއިބުއިން މުބާޙުކަމަށް (ހުއްދަކަމަށް) ނައްޞު އައިސްފައިވާތަކެތި: 

ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރައްވާފައިނުވާ ކޮންމެ ކާބޯއެއްޗަކީ މުއުމިނުންނަށް ކެއުން ހުއްދައެއްޗެކެވެ. މިއާއިޚިލާފަށް ކާފަރުންނަށް އެންމެހާ ކާބޯއެއްޗެއް ﷲ ވަނީ ޙަރާމްކުރައްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.  

((قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنْ الرِّزْقِ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ)) الأعراف: 32 

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ﷲ، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، ﷲގެ ޒީނަތާއި، ރިޒްޤުގެ ތެރެއިން ރަނގަޅު ތަކެތި ޙަރާމްކުޅައީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ ޙަޔާތުގައި އެރަނގަޅުތަކެތި ވަނީ މުއުމިނުންނަށެވެ. އަދި ޤިޔާމަތްދުވަހުން އެތަކެތި (ހަމައެކަނި މުއުމިނުންނަށް) ޚާލިޞްވެގެންވާ ޙާލުގައެވެ." 

މިއާޔަތުން އެނގޭގޮތުގައި، މުއުމިނުންނަށް ކާބޯތަކެއްޗާއި ފޭރާމުގެ އަޞްލަކީ ޙަލާލުވުމެވެ. މިއާއިޚިލާފަށް ކާފަރުންނަށް ވަނީ އެބައިމީހުންގެ ކުފުރުގެ ސަބަބުން ކާބޯތަކެއްޗާއި ފޭރާން ޙަރާމްވެގެންނެވެ. ޙަރާމްވެގެންވާ ޙާލު ކާފަރުން ކާތަކެތީގެ ސަބަބުން ޤިޔާމަތްދުވަހުން އެބައިމީހުންނަށް އެކަމުގެ ޢުޤޫބާތް ދެވޭނެއެވެ. އަދި އެބައިމީހުން ލައިއުޅޭ ފޭރާމުގެ ސަބަބުންވެސް ޤިޔާމަތްދުވަހުން ޢުޤޫބާތް ދެވޭނެއެވެ. (އައްޝަރަޙް މުމްތިޢު: 15/7) 

އެހެންކަމުން، ކާބޯތަކެތީގެ ތެރެއިން ޙަރާމްކަމަށް ދަލީލުނުކުރާ، ޠާހިރު، ގެއްލުމެއްނުވާ ކޮންމެ އެއްޗަކީ ކެއުންހުއްދަ މުބާޙު އެއްޗެކެވެ. 

ކާބޯތަކެތި ދެބަޔަކަށް ބެހެއެވެ. އެއީ ގަސްގަހާގެހިން ލިބޭ ކާނާއާއި، ޖަނަވާރެވެ. ގަސްގަހާގެހިން ލިބޭ ކާނާ: މޭވާ، ތަރުކާރީ، ފަލަމަޑީގެ ބާވަތްތައް އަދި ފަތަކީ އޭގައި ގެއްލުމެއްނުވާނަމަ، އަދި ނަޖިހަކާއެކުވެފައިނުވާނަމަ ކެއުން ހުއްދަ އެއްޗެކެވެ. ޖަނަވާރުގެ ދެވައްތަރެއްވެއެވެ. އެއީ ކަނޑުގައި އުޅޭ ޖަނާވާރާއި، އެއްގަމުގައި އުޅޭ ޖަނަވާރެވެ. 

ކަނޑުގައި އުޅޭ ޖަނަވާރު: 

ކަނޑުގައި އުޅޭ އެންމެހާ ޖަނަވާރަކީ ކެއުން ހުއްދަ އެއްޗެކެވެ. އެތަނުގައި ކެއުން ޙަރާމްކުރައްވާފައިވާ އެއްވެސް ޖަނަވާރެއްނުވެއެވެ. ދިރިހުރި ޖަނަވާރެއްވިޔަސް، އަދި މަރުވެފައިވާ ޖަނަވާރެއްވިޔަސް މެއެވެ. ހަމައެކަނި އިސްތިޘްނާވެގެންވަނީ ވިހަ އެކުލެވޭ ޖަނަވާރެވެ. އެފަދަ ޖަނާވާރު ޙަރާމްވަނީ ގެއްލުން ލިބޭކަމަށްޓަކައެވެ. އަދި ކަނޑުގައި އުޅޭ ޖަނަވާރެއް ހިފައި، އޭތި ޤަތުލުކޮށްލީ މުސްލިމަކުކަމުގައި ވިޔަސް އަދި މުސްލިމަކު ނޫންކަމުގައި ވިޔަސް ތަފާތެއްނެތެވެ. އަދި ކަނޑުގައި އުޅޭ ޖަނަވާރުތައް، އެއްގަމުގައި އުޅޭ ޖަނަވާރުތައް ކަތިލާފަދައިން ކަތިލާކަށްވެސް ނުޖެހޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

((أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعاً لَكُمْ وَلِلسَّيَّارَةِ)) المائدة: 96 

މާނައީ: "ކަނޑުގެ ކެޔޮޅުކަންކުރުމާއި، އެތަނުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލުކުރައްވާފައިވެއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ." 

މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ.  

”(މިއާޔަތުގައިވާ) ((صَيْدُ الْبَحْرِ)) ގެ މުރާދަކީ ދިރިދިރިވާ ޙާލު އެތަނުން (އެބަހީ: މޫދުން) ނެގޭ ޖަނަވާރެވެ. އަދި ((طَعَامُهُ)) ގެ މުރާދަކީ މަރުވެފައިވާ ޙާލު އެތަނުން ނެގޭ ޖަނަވާރެވެ." 

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ)) (أبوداود، الترمذي، النسائي، ابن ماجه، وصحّحه شيخ الألباني في الصحيحة) 

މާނައީ: "ކަނޑަކީ، އެތަނުގެ ފެން ޠާހިރު ތަނެކެވެ. އަދި އެތަނުގައި މަރުވެފައިވާ ތަކެތި ޙަލާލު ތަނެކެވެ." 

އެއްގަމުގައި އުޅޭ ޖަނަވާރު: 

އެއްގަމު ޖަނަވާރަންގެ ތެރެއިން ޙަލާލުކަމަށް ޝަރުޢުގައި ނައްޞު އައިސްފައިވާތަކެތީގެ ޚުލާޞާއަކީ: 

ފުރަތަމައީ: ނަޢަމް ސޫފިއެވެ. ނަޢަމް ސޫފިއަކީ ޖަމަލާއި، ގެރިއާއި، ބަކަރިއެވެ. ނަޢަމް ސޫފި ކެއުން ޙަލާލުކަން ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

((وَالأَنْعَامَ خَلَقَهَا لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ)) النحل: 5 

މާނައީ: "އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ނަޢަމް ސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ." 

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.  

((يَا أَيُّهَا الَّذِينَ آمَنُوا أَوْفُوا بِالْعُقُودِ أُحِلَّتْ لَكُمْ بَهِيمَةُ الأَنْعَامِ إِلاَّ مَا يُتْلَى عَلَيْكُمْ)) المائدة: 1 

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަޤުދުތައް ފުއްދާށެވެ. އަދި، ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު ޙުކުމް އޮތްގޮތް ޤުރުއާނުން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، ނަޢަމް ސޫފިތައް ތިޔަބައިމީހުންނަށް ޙަލާލުކުރައްވާފައިވެއެވެ." 

ދެވަނައީ: އަހެވެ. ޖާބިރު ބިން ޢަބްދިﷲ ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. 

((نَهَى رَسُولُ اللهِ -صلى الله عليه وسلم- يَوْمَ خَيْبَرَ عَنْ لُحُومِ الْحُمُرِ الْأَهْلِيَّةِ وَرَخَّصَ فِي الْخَيْلِ)) متفق عليه 

މާނައީ: "ޚައިބަރުގެ ދުވަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙިމާރުގެ މަސް (ކެއުން) ނަހީކުރެއްވިއެވެ. އަދި އަހުގެ (މަސް) ލުއިކޮށްދެއްވިއެވެ. (އެބަހީ: ހުއްދަކަން ބަޔާންކޮށްދެއްވިއެވެ.)"  

ތިންވަނައީ: ޟައްބު އެވެ. މިއީ ސަހަރާތެރޭގައި ހަރުހަދައިގެން އުޅޭ، ބޮނޑާ ވައްތަރު ޖަނަވާރެކެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. 

((أُكِلَ عَلَى مَائِدَةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَلَوْ كَانَ حَرَامًا، مَا أُكِلَ عَلَى مَائِدَةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ)) متفق عليه 

މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ (އިންނެވި) ސުފުރާއެއްގައި (ޟައްބު) ކެވުނެވެ. (ޟައްބަކީ) ޙަރާމްއެއްޗެއްނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ (އިންނެވި) ސުފުރާއެއްގައި ނުކެވުނީހެވެ." 

މިޙަދީޘުން ބަޔާންކޮށްދެނީ ޟައްބަކީ ޙަލާލު އެއްޗެއްކަމެވެ. އެހެނީ، ޙަރާމް އެއްޗެއްކަމުގައިވާނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކެއުން މަނާކުރެއްވީހެވެ. އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ.  

((أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ مَعَهُ نَاسٌ مِنْ أَصْحَابِهِ، فِيهِمْ سَعْدٌ، وَأُتُوا بِلَحْمِ ضَبٍّ، فَنَادَتِ امْرَأَةٌ مِنْ نِسَاءِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّهُ لَحْمُ ضَبٍّ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «كُلُوا فَإِنَّهُ حَلَالٌ، وَلَكِنَّهُ لَيْسَ مِنْ طَعَامِي)) متفق عليه 

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމައާއެކު އެކަލޭގެފާނުގެ ޞަޙާބީން ތިއްބެވިއެވެ. އެބޭކަލުންގެ ތެރޭގައި ސަޢުދުގެފާނުވެއެވެ. އެބޭކަލުންގެ އަރިހަށް (ކައްކާހަދާފައިހުރި) ޟައްބުގެ މަސްގެނެވުނެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިކަނބަލުންގެ ތެރެއިން ބޭކަނބަލަކު އެއީ ޟައްބުގެ މަސްކަމުގައި ގޮވާލެއްވިއެވެ. ފަހެ، އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ތިޔަބައިމީހުން ކާށެވެ. ފަހެ، ހަމަކަށަވަރުން އެ (އެބަހީ: ޟައްބު) ޙަލާލެވެ. ނަމަވެސް އެއީ ތިމަންކަލޭގެފާނު ފަރިއްކުޅުވާ އެއްޗެހީގެ ތެރޭގައި ހިމެނޭ އެއްޗެއްނޫނެވެ." 

މިޙަދީޘުން އެނގޭގޮތުގައި ޟައްބަކީ ކެއުން ޙަލާލު އެއްޗެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަރިއްކުޅުއްވާ އެއްޗެއް ނޫނެވެ. 

ހަތަރުވަނައީ: ވަޙްޝީ ޙިމާރު (ޒެބުރާ) އެވެ. އައްޞަޢުބު ބުން ޖައްޘާމާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ (އިޙްރާމް ބަންނަވައިގެން) އަބްވާގައި ނުވަތަ ވައްދާނުގައި ހުންނަވަނިކޮށް، އައްޞަޢުބު ބުން ޖައްޘާމާ ހަދިޔާއެއްގެ ގޮތުގައި ޒެބުރާއެއް އެކަލޭގެފާނަށް ދެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެޒެބުރާ އަނބުރާ ރައްދުކުރެއްވިއެވެ. އައްޞަޢުބު ބުން ޖައްޘާމާ ވިދާޅުވިއެވެ. ތިމަންގެ މޫނުމަތިން (ހިތާމައިގެ އަޘަރު) ފެނިވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  

((إِنَّا لَمْ نَرُدَّهُ عَلَيْكَ، إِلَّا أَنَّا حُرُمٌ))  

މާނައީ: "ހަމަކަށަވަރުން، ތިމަންކަލޭގެފާނު އިޙްރާމުގައިނުވާނަމަ، އޭތި އަނބުރާ ރައްދުނުކުރެއްވީމުހެވެ." (متفق عليه)  

ހަމައެފަދައިން، އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހު ކިބައިން އިމާމް ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ޙާދިޘާއެއްވެއެވެ. އެޙާދިޘާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން އިޙްރާމް ބަންނަވައިގެން ހުންނަވަނިކޮށް، އަބޫ ޤަތާދާއަށް ޒެބުރާއެއް ފެނިވަޑައިގެން، އޭތި ހިފައި، ކަތިލައި ބައެއްބޭކަލުންނަށް އެއިން ކާން ދެއްވިއެވެ. އަދި އަނެއްބައި ބޭކަލުން އިޙްރާމްބަންނަވައިގެން ތިއްބެވުމުން ޝިކާރަކޮށްފައިވާތީވެ، އެކެއުމަށް ޖެހިލުންވެ ވަޑައިގެންނެވިއެވެ. އަބޫ ޤަތާދާ ހުންނެވީ އިޙްރާމްބަންނަވައިގެނެއް ނޫނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  

((هَلْ مَعَكُمْ مِنْ لَحْمِهِ شَيْءٌ؟)) މާނައީ:  

"އޭގެ މަހުން ބާކީ ތިޔަބައިމީހުން އަތުގައި އެބަހުރި ހެއްޔެވެ؟" ދެން އޭގެ ފައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަރިއްކުޅުއްވިއެވެ. 

މިދެޙަދިޘާއަށް ބަލައިލާއިރު، ޞަޢުބު ބުން ޖައްޘާމާ ރަޟިޔަﷲ ޢަންހު ހަދިޔާއެއްގެގޮތުގައި ދެއްވި ޒެބުރާ އެކަލޭގެފާނު ޤަބޫލުނުކުރެއްވީ އިޙްރާމް ބަންނަވައިގެން ހުންނެވުމުގެ ސަބަބުންނެވެ. އެއީ ދިރިހުރި އެއްޗަކަށް ވުމުންނެވެ. ނަމަވެސް އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހު ކައްކަވާ ހައްދަވައިގެން ގެންނެވުމުން އެއިން ފަރިއްކުޅުއްވީއެވެ. އެހެންކަމުން އިމާމް ބުޚާރީ ރަޙިމަހުﷲ، ޞަޢުބު ރަޟިޔަﷲ ޢަންހުގެ ޙަދީޘް ގެންނަވާފައިވާ ބާބު ބަންނަވާފައިވަނީ ((إِذَا أَهْدَى لِلْمُحْرِمِ حِمَارًا وَحْشِيًّا حَيًّا لَمْ يَقْبَلْ)) (މާނަ: ދިރިހުރި ވަޙްޝީ ޙިމާރެއް މުހުރިމަކަށް ހަދިޔާކުރެވިއްޖެނަމަ، އެ ޤަބޫލުނުކުރުން) މިފަދައިންނެވެ. 

ފަސްވަނައީ: މުސަޅެވެ. އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.  

((مَرَرْنَا فَاسْتَنْفَجْنَا أَرْنَبًا بِمَرِّ الظَّهْرَانِ، فَسَعَوْا عَلَيْهِ فَلَغَبُوا، قَالَ: فَسَعَيْتُ حَتَّى أَدْرَكْتُهَا، فَأَتَيْتُ بِهَا أَبَا طَلْحَةَ فَذَبَحَهَا، فَبَعَثَ بِوَرِكِهَا وَفَخِذَيْهَا إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَتَيْتُ بِهَا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَبِلَهُ)) متفق عليه 

މާނައީ: "ތިމަންމެން މައްރުއްޡަހްރާން (މިއީ މައްކާ ކައިރީގައިވާ ހިސާބެކެވެ.) ކައިރިން ދިޔައީމެވެ. ފަހެ، އެތަނުން މުސަޅަކަށް ތިމަންމެން ފާރަލީމެވެ. ފަހެ، މީހުންތައް އެއިގެ ފަހަތުން ދުވެ، ވަރުބަލިވިއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ފަހެ، ތިމަން އޭތި އަތުޖެހެންދެން ދުވީމެވެ. ދެން އޭތި ހިފައިގެން އަބޫ ޠަލްޙަތުގެފާނު އަރިހަށް އައުމުން އޭތި ކަތިލެއްވިއެވެ. ދެން އަބޫ ޠަލްޙަތުގެފާނު އެމުސަޅުގެ އުނަގަނޑާއި، ދެފަލަމަސްގަނޑު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ފޮނުއްވިއެވެ. ފަހެ، ތިމަން އެމަސްތަކާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައުމުން، އެކަލޭގެފާނު އެޤަބޫލުކުރެއްވެވިއެވެ."  

ހަވަނައީ: ޟަބްޢު (ހައިނާ) އެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ހައިނާއާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ސުވާލު ދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. 

((هُوَ صَيْدٌ وَيُجْعَلُ فِيهِ كَبْشٌ إِذَا صَادَهُ الْمُحْرِمُ)) މާނައީ: “އެއީ (އެބަހީ: ހައިނާއަކީ) ޝިކާރަކުރެވޭ އެއްޗެކެވެ.  

(އެބަހީ: ޝިކާރަކުރުން ހުއްދަ އެއްޗެކެވެ.) މުޙްރިމަކު ހައިނާއެއް ޝިކާރަކޮށްފިނަމަ އޭގެ ކައްފާރާއަކީ ކަންބަޅިއެކެވެ." (އަބުދާވުދު، އިބްނި މާޖާ، ޝެއިޚް އަލްބާނީ އިރާވާއުލް ޣަލީލުގައާއި ޞަޙީޙް އިބްނި މާޖާގައި މިޙަދީޘް ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.) 

ޢަބްދުއްރަޙްމާން ބުން އަބޫ ޢައްމާރު ވިދާޅުވިއެވެ. ތިމަން ހައިނާއާ ބެހޭގޮތުން ޖާބިރުގެފާނަށް ސުވާލު ދެންނެވީމެވެ. "ހައިނާއަކީ ޝިކާރަކުރެވޭ ޖަނަވާރެއްހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އާނއެކެވެ." ތިމަން ދެންނެވީމެވެ. "އޭތި ކެވޭނެ ހެއްޔެވެ؟" ވިދާޅުވިއެވެ. "އާއެކެވެ." ތިމަން ދެންނެވީމެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަރާތްޕުޅުން އެއާ ބެހޭގޮތުން (އެބަހީ: އޭތި ޙަލާލުކަމާމެދު) އެއްވެސް އެއްޗެއް އަޑުއެއްސެވިންތޯއެވެ؟" ވިދާޅުވިއެވެ. "އާނއެކެވެ. (އަޑުއެއްސެވީމެވެ.)" (އިބްނު މާޖާ، ޝެއިޚް އަލްބާނީ އިރާވާއުލް ޣަލީލުގައާއި ޞަޙީޙް އިބްނި މާޖާގައި މިޙަދީޘް ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.) 

ހައިނާއާމެދު ޢިލްމުވެރިން ޚިޔާލު ތަފާތުވެފައިވެއެވެ. ބައެއް ބޭކަލުން ވިދާޅުވެލައްވާގޮތުގައި ހައިނާއަކީ ފޭރާދަތުން ޝިކާރަކޮށްއުޅޭ ޖަނަވާރެކެވެ. އެހެންކަމުން ކެއުން ހުއްދައެއްނުވާނެއެވެ. ނަމަވެސް އަނެއްބައި ޢިލްމުވެރިން ދެކިލައްވާގޮތުގައި، ހައިނާއަކީ ޢާއްމުކޮށް ފޭރާދަތުން ޝިކާރަކޮށްއުޅޭ ޖަނަވާރެއްނޫނެވެ. މާބޮޑަށް ބަނޑުހައިގެންފިނަމަ ޝިކާރަކުރާ އެއްޗެކެވެ. އަދި އެބޭކަލުން ވިދާޅުވަގޮތުގައި އެއީ ފޭރާދަތުން ޝިކާރަކޮށްއުޅޭ ޖަނަވާރަކަށްވީނަމަވެސް، އެކެއުން ހުއްދަކަމަށް ދަލީލުކުރާ ޞައްޙަ ދަލީލުތައް އައިސްފައި އެބަހުއްޓެވެ. އެހެންކަމުން، ހައިނާގެ ޙުކުމަކީ ޚާއްޞަޙުކުމެކެވެ. އެހެންކަމުން ހައިނާގެ މަސްކެއުން ހުއްދައެވެ. ބަޔާންވެދިޔަ ދަލީލުތަކުން ދަލީލުކުރަނީ އޭގެމަސް ހުއްދަކަމަށެވެ. 

ހަތްވަނައީ: ކުކުޅެވެ. ކުކުޅުގެ ތެރޭގައި އަސްދޫންޏާއި، އަސްދޫނި ޢާއިލާގެ އެހެން ދޫނިތައް ހިމެނޭނެއެވެ. އިމާމް ބުޚާރީއާއި އިމާމް މުސްލިމް، އަބޫމޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކުކުޅުމަސް ކެއިންބައްލަވަނިކޮށް ފެނިވަޑައިގަތްކަމަށް ވިދާޅުވެފައިވެއެވެ. 

އަށްވަނައީ: ގޮއްފުޅަނގިއެވެ. ޢަބްދުﷲ ބުން އަބީ ޢަވްފާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.  

((غَزَوْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سَبْعَ غَزَوَاتٍ نَأْكُلُ الْجَرَادَ)) متفق عليه 

މާނައީ: "ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު ހަތް ހަނގުރާމަ ކުރެއްވީމެވެ. (އެހަނގުރާމަތަކުގައި) ތިމަންމެން ގޮއްފުޅަނގި ކެއީމެވެ." 

އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ.  

((أُحِلَّتْ لَنَا مَيْتَتَانِ وَدَمَانِ فَأَمَّا الْمَيْتَتَانِ فَالْحُوتُ وَالْجَرَادُ وَأَمَّا الدَّمَانِ فَالْكَبِدُ وَالطِّحَالُ)) (ابن ماجه، وصحّحه شيخ الألباني في الصحيحة)  

މާނައީ: "ތިމަންމެނަށް މަރުވެފައިވާ ދޭއްޗާއި، ލޭގެ ދޭތި ޙަލާލުކުރެވުނެވެ. އެއިގެތެރެއިން މަރުވެފައިވާ ދޭއްޗަކީ މަހާއި، ގޮށްފުޅަނގިއެވެ. އަދި ލޭގެ ދޭއްޗަކީ މެއާއި، ހުންކޮށްޓެވެ."  

ބަޔާންވެމިދިޔައީ، ނައްޞުތަކުގައި ޙަލާލުކަމަށް ވާރިދުވެފައިވާ ޖަނަވާރުންގެ ބައިތަކެވެ. 

(ނުނިމޭ) 

- އައްޝައިޚް މުޙައްމަދު ސިނާން

 

މިއަދު އޮންލައިން