ޙަޤީޤީ ޙާދިސާ: ފިރިންގެ ބޭވަފާތެރިކަމަށް ކެތްކުރުމަކީ އަމިއްލައަށް އަލިފާންޖައްސައި ފިއްސުން! އަބަދުވެސް އުޅެންޖެހޭނީ ފާރުގަނޑުގައި އަޅާވޭނަށް ކެތްނުކުރެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ޙަޤީޤީ ޙާދިސާ: ފިރިންގެ ބޭވަފާތެރިކަމަށް ކެތްކުރުމަކީ އަމިއްލައަށް އަލިފާންޖައްސައި ފިއްސުން! އަބަދުވެސް އުޅެންޖެހޭނީ ފާރުގަނޑުގައި އަޅާވޭނަށް ކެތްނުކުރެވިގެން!

އަޅުގަނޑުގެ ކޮއްކޮއަކީ 3 ދަރިންގެ މަންމައެކެވެ. ގުނަވަންތައް ބިންދުން ނޫނީ ނުކުރާ އަނިޔާއެއް ނެތެވެ. އަނގަމަތީގައި ޖެހިޖެހީނުން ވަނީ ލޭއޮހޮރުވާލައިފައެވެ. އެހައިވަރަށް އަނިޔާކޮށްފައިވެސް އެކުވެރިންގެ ގާތުގައިވެސް ހިތާވެގެން އުޅޭ މީހާގެ ގާތުގައިވެސް ބުނީ މިނަށްވުރެ އަނގަގަދަވީމާ ހަދަންޖެހުނު ގޮތް ކަމަށެވެ. 

"ދަރިންނަށް ޚަރަދުނުކޮށް، ދަރިންނާ އަޅާނުލައި ރޭގަނޑު ނިދަންވެސް ހިތަށް އެރިއިރަކު އައިސް ތިއައުޅޭ އުޅުން ހުއްޓާލައި އިޞްލާޙް ނުވެވޭނެ ނަމަ ވަރިކޮށްފައި ގެއަށް ވަންދޮރުން ނުކުންނާށޭ" ބުނުން އެއީ އަނގަގަދަކުރުން ހެއްޔެވެ؟ ބަލަ އެއީ ކޮއްކޮގެ ގެއެވެ. އެގެއަށް ފިރިމީހާއަށްވެސް ވަދެވޭނީ ކޮއްކޮގެ ރުހުމުގައެވެ. ކޮއްކޮއަށް އެއްވެސް ކަމެއް ކޮށްދޭކަށް ނޭދެއެވެ.  އަނބިމީހާވީމާ ޚަރަދުކުރަން ޖެހުނަސް ޚަރަދުކުރާކަށްވެސް ނޭދެއެވެ. އެދުނީ ދަރިންނަށް ޚަރަދުކުރާށެވެ. ގެއަށް އަވަހަށް ނިދަން ވަންނަން ބުނީ ދަންވަރު 1،2 ޖަހާފަހުން ގެއަށްގޮސް ކޮޓަރިއަށް ވަނީމާ ތުއްތު ދަރިފުޅުގެ ނިދިހަލާކުވެ މައިމީހާއަށް ނުނިދި އެތައް އިރަކު އުޅެންޖެހޭތީއެވެ. އިޞްލާޙް ނުވެވޭނެ ނަމަ ވަންދޮރުން ނުކުންނަން ބުނީ އަހަރަކަށްވުރެ ގިނަ ދުވަހު އިޞްލާޙްވާން ފުރުޞަތުދީފައެވެ. އެވަރުންވެސް ބުނީ އިޞްލާޙް ނުވެވޭނެ ނަމަ ނުކުތުމަށެވެ. ވީއިރު ކޮއްކޮއަށް ކެތްތެރި ނުވެވޭހެއްޔެވެ؟ 

ފިރިމީހާއަކީ އެއްވެސް ސަނަދެއް ނެތް މީހެއް ނަމަވެސް ޕޯޑިއަމްތަކުގަ އަތްތަޅާފަ ހަޅޭއްލަވަން ދަންނަ މީހަކަށްވުމުން މަހަކު 30،000 އަށްވުރެ ގިނަ ރުފިޔާ ސަރުކާރުންދެއެވެ. ނުލަފާކަން ދައްކަންފެށީ ބޮޑު މުސާރަ ލިބެންފެށިފަހުންނެވެ. އަނބިން އިތުރުނުކުރެވިގެން ތެޅެންފެށީވެސް ބޮޑުމުސާރަ ލިބެން ފެށުމުންނެވެ. އެއިގެ ކުރިން އެވައްތަރަކަށް ނުއުޅެއެވެ. މިހާރު ލިބޭ މުސާރައެކުގަ ޚަރަދުކުރަނީ ހިތާވެގެންއުޅޭ މީހާއަށެވެ. އެވަރުން ނުފުދިގެން މީހުންގެ އަތުން ފައިސާ ނަގާފައި ނުދޭތީ ފައިސާ ހޯދަން ގެއަށްވެސް ދެއެވެ. ދަރިންނަށް ޚަރަދުކުރަންޖެހެނީ އަނބިމީހާ އޭނާގެ ޢާއިލާގެ މީހުންނަށް އާދޭސްކޮށްގެންނެވެ. މިހާލަތަށް ދިއައިމަ ބުނަންޖެހޭ އެއްޗެއް ބުނުން އެއީ އަނގަގަދަކުރުން ހެއްޔެވެ؟ 

ބުނަން ބޭނުންވަނީ ޞާލިޙްގެފާނުގެ ޤައުމުގެ މީހުންނަށް މުޢްޖިޒާތެއްގެ ގޮތުން ފޮނުއްވެވި ޖަމަލު ކަތިލީ އެޖަމަލު އަޑުގަދަކުރާތީހެއްޔެވެ؟ ނުބައި ނުލަފާކަން ހައްދުފަހަނައަޅައިގެން ނޫންހެއްޔެވެ؟ ތިއައުޅެނީ އެމީހުންގެ މައްޗަށް ފޮނުއްވެވިފަދަ ކޯފާއެއް ނުފޮނުއްވަވައިގެންނެވެ. ކޯފާވެސް ފޮނުއްވަވަންވީމާ ފޮނުއްވަވާނެއެވެ. ކަލޭވެސް އަހަރެމެންވެސް އެއްވެސް މީހަކު ކުރާ އެއްވެސް ކަމެއް އެކަލާނގެއަށް ސިރެއް ނުވާނެއެވެ. ދެން ބުނަން އޮތް ވާހަކަ ބުނެފިއްޔާ ބައަކު ތެޅިގަންނާނެތީ އިހަށް ނުބުނެ މަޑުކޮށްލާނަމެވެ. އެހެންނަމަވެސް ޢާއިލާގެ އެންމެން ދުޢާކުރަމުން ގެންދާނަމެވެ. 

އެންމެ ދެރަވަނީ މިހައި ނުބައި ނުލަފާ މީހުންވެސް ޚަރަދުކުރާތީ އެފައިސާކޮޅުގެ ދަހިވެތިކަމުގައި ބައެއް އަންހެނުން ވިސްނާނުލައި މަޅީގައި ޖެހޭތީއެވެ. 3 ދަރިންނަށާއި އެދަރިންގެ މަންމައަށް ރަޙުމްނުކޮށް އެއްލައިލި މީހަކު އެހެން އަންހެނަކަށް ދޭން އޮންނާނީ ކޮން ލޯތްބެއްހެއްޔެވެ؟ އެހެން އަންހެނަކަށް އޮންނާނީ ކޮން ކުލުނެއް ހެއްޔެވެ؟ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކެތްތެރިކަމަކީ އެންމެ މަތިވެރި ސިފަ ނަމަވެސް ކޮއްކޮއަށް ކުރިމަތިވިފަދަ ޙާލަތެއް ކުރިމަތިވީމާ ކެތްތެރިވާން އުޅެފިނަމަ ލިބޭ އަނިޔާ މާބޮޑުވާނެއެވެ. ކޮއްކޮއަށް އެފެނުނީ އެކަމެވެ. ފިރިމީހާ އެހެން އަންހެނަކާއި ހިތާވެއްޖެކަން އެނގުނު ހިސާބުން ވަރިވިނަމަ 3 ވަނަ ދަރިފުޅެއްވެސް ނުލިބުނީހެވެ. އަދި މިހާރު އިންނާނީ ދެވަނަ ކައިވެނިވެސް ކޮށްގެންނެވެ. އިން ޝާ ﷲ 

މިސާލަކަށް ދިރިއުޅޭ ގޭގައި ހުއްޓައި އެގޭގައި އަލިފާން ރޯވީއެވެ. ކެތްކުރަން ގެއިން ނުނުކުމެ ގޭގައި ކެތެރިވެގެން ހުރެއްޖެނަމަ ވާނީ މަރެވެ. ދަތުރުކުރަމުން ދަނިކޮށް ކަނޑުވީމާ ފަތައި ސަލާމަތް ވާން މަސައްކަތް ނުކޮށް ކެތްތެރިވެގެން އަތްފައި ހަލުވާނުލައި އޮވެއްޖެނަމަ ވާނީ ކަނޑަށް ޣަރަޤެވެ. ހަމަ އެފަދައިން ފިރިމީހާ ބޭވަފާތެރިވެ އަނިޔާވެރިވާނަމަ ކެތްތެރިވެގެން ހުރެއްޖެ މީހަކަށް ވާނެ ގޮތް ކިޔުންތެރިން ނިކަން ވިދާޅުވެބައްލަވާށެވެ. 

އަޅުގަނޑު ދެކޭ ގޮތުގައި ފިރިންގެ ބޭވަފާތެރިކަމަށް ކެތްކުރަން މަސައްކަތްކުރުމަކީ ގައިގައި އަމިއްލައަށް އަލިފާންޖައްސައި ފިއްސުން ފަދަ ކަމެކެވެ. އަބަދުވެސް އުޅެންޖެހޭނީ ފާރުގަނޑުގައި އަޅާވޭން ގަދަކަމުން ކެތްނުކުރެވިގެންނެވެ. މިއީ އަޅުގަނޑުގެ ވިސްނުމެވެ. 

--މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން