ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ އަޅުންނަށް ނަމަވެސް ޒިނޭކުރަން މަޖުބޫރު ނުކުރުމަށެވެ. އަދި "--އެކަނބަލުންނަށް، އެކަމަށް މަޖުބޫރުކުރާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަނބަލުން މަޖުބޫރު ވެވުމަށްފަހު، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަންނޫރު: 33)
މިޒަމާނުގައި އަޅުންގެ ނަމުގައި ބައަކު ނެތެވެ. ނަމަވެސް އެކަނބަލުންގެ ނިކަމެތިކަން ބޮޑުކަމުން އަޅުންފަދައިން ގޭގޭގައި ނޯކިރީކޮށް ބުރަ މަސައްކަތްކުރާ އަންހެނުން ބައިވަރެވެ. އެއިގެ ތެރޭގައި ޒުވާން ނުލާހިކު ރީތި އަންހެންކުދިންވެސް ބައިވަރެވެ. އެފަދަ ނިކަމެތި ކުދިންނަށް މަޖުބޫރުކުރުވައިގެން ޒިނޭކުރާ ޞާޙިބުން ނަދުކަމަށް ބުނެވޭކަށް ނެތެވެ.
މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ފުރަތަމަ ކަމަކީ ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ބޮޑުފާފައެކެވެ. ދެވަނަކަމަކީ މަޖުބީރުކުރުވައިގެން އެކަންކުރުމުން އޭނާއަށް ޙައްޤުވާ ފާފަ މަޖުބޫރުކުރިވި މީހާގެ ބޮލުގައި އަޅަންޖެހިދާނެ ކަމެވެ. އަޅަން ނުޖެހޭނެ ކަމަށް ބުނެވޭނެ ހަމަ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.
ތިބާއަށް ލިބިފައިވާ ތަނަވަސްކަމަކީ ތިބާގެ މޮޅުކަމުން ލިބިފައިވާ ތަނަވަސްކަމެއް ނޫނެވެ. ﷲ ތަޢާލާ ދެއްވެވުމުން ލިބިފައިވާ ތަނަވަސްކަމެކެވެ. ވީއިރު ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުންކޮށްގެން ބޮޑެތި ފާފަތައް ކުރުންވެގެންދާނީ ކިހައިބޮޑު ފާފައަކަށް ހެއްޔެވެ؟
އާޚިރަތް ދުވަހު ތިބާގެ އެއްވެސް ބާރެއް ނެތި ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުރެ ޖަވާބުދާރީވާން ޖެހޭނެ ވަގުތައް ވިސްނައިލާށެވެ! ހިތުގައި އެވަގުތާއިމެދު ބިރުވެތިކަން އުފައްދަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން