ޝަރުޢުގައި ނައްޞެއް އައިސްފައިނުވާތަކެތި:
ޝަރުޢުގައި ޙަލާލުކަމަށް އަދި ޙަރާމްކަމަށް ނައްޞެއް އައިސްފައިނުވާ ކޮންމެ ކާބޯއެއްޗަކީ އޭގެ އަޞްލުގައި ޙަލާލުއެއްޗެކެވެ. އެހެނީ، ކުރިން ދެންނެވިފައިވާނޭފަދައިން، ޙަރާމްކަމަށް ދަލީލެއްނެތްނަމަ ކާބޯތަކެތީގެ އަޞްލަކީ ޙަލާލުވުމެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ އަންނަނިވި އާޔަތުން އެކަމަށް ދަލީލުކުރެއެވެ.
((هُوَ الَّذِي خَلَقَ لَكُمْ مَا فِي الأَرْضِ جَمِيعاً)) البقرة: 29
މާނައީ: "އެކަލާނގެއީ ބިމުގައިވާ އެންމެހާ ތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި ހެއްދެވި އިލާހެވެ."
އަދި އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވާ މަރުފޫޢު ޙަދީޘެއްގައިވެއެވެ.
((مَا أَحَلَّ اللَّهُ فِى كِتَابِهِ فَهُوَ حَلاَلٌ، وَمَا حَرَّمَ فَهُو حَرَامٌ، وَمَا سَكَتَ عَنْهُ فَهُوَ عَافِيَةٌ، فَاقْبَلُوا مِنَ اللَّهِ عَافِيَتَهُ، فَإِنَّ اللَّهَ لَمْ يَكُنْ نَسِيًّا ». ثُمَّ تَلاَ هَذِهِ الآيَةَ (( وَمَا كَانَ رَبُّكَ نَسِيًّا)) (الحاكم والبيهقي، وصحّحه شيخ الألباني في الصحيحة)
މާނައީ: "ﷲ، އެއިލާހުގެ ފޮތުގައި ޙަލާލުކުރައްވާފައިވާ އެއްޗަކީ ޙަލާލު އެއްޗެކެވެ. އަދި އެއިލާހު ޙަރާމްކުރައްވާފައިވާ އެއްޗަކީ ޙަރާމް އެއްޗެކެވެ. އަދި އެއިލާހު ވަކި އެއްޗެއް ބަޔާންނުކުރައްވާ އެއްޗަކީ ޢާފިޔަތެކެވެ. (އެބަހީ: އެއިލާހުގެ ރަޙްމަތުން ތިޔަބައިމީހުންނަށްޓަކައި ޢަފޫވެގެންވާ އެއްޗެކެވެ.) ފަހެ، ތިޔަބައިމީހުން ﷲ ޙަޟްރަތުން އައިސްފައިވާ އެއިލާހުގެ ޢާފިޔަތު ޤަބޫލުކުރާށެވެ. ފަހެ ހަމަކަށަވަރުން، ﷲ ހަނދުމަނެތިވެވޮޑިގެންނުވެތެވެ." ދެން (( وَمَا كَانَ رَبُّكَ نَسِيًّا)) مريم: 64 މިއާޔަތް ކިޔަވާވިދާޅުވިއެވެ. (އާޔަތުގެ މާނައީ: "އަދި ކަލޭގެފާނުގެ ވެރިރައްބަކީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.")
- އައްޝައިޚް މުޙައްމަދު ސިނާން