ކީރިތި ނަބިއްޔާ އަށް ސިޙްރުޖެހިވަޑައިގަތްކަމާމެދު ޝައްކުކޮށްގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 58ސ
ކީރިތި ނަބިއްޔާ އަށް ސިޙްރުޖެހިވަޑައިގަތްކަމާމެދު ޝައްކުކޮށްގެން ނުވާނެ!

ކީރިތި ނަބިއްޔާ އަށް ސިޙްރުޖެހިވަޑައިގަތުން-: 

ކީރިތި ނަބިއްޔާ އަށް ސިޙްރު ޖެހިވަޑައިގަތް ވާހަކައަކީ ސާބިތުވެ އެގެންއޮތް މަޝްހޫރު ވާހަކައެކެވެ. އެކަމަކު މިމައްސަލައާ މެދުގައިވެސް ޢިލްމުވެރީންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. 

وَقَدْ ثَبَتَ فِى الصَّحِيْحَيْنِ عَنْ عَائِشَة رَضِيَ اللهُ عَنْهَاأنَّهَا قَالَتْ " سُحِرَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ حَتَّى إِنْ كَانَ لَيُخَيَّلُ إِلَيْهِ أَنَّهُ يَأتِى نِسَاءَهُ وَلَمْ يَأْتِهِنَّ " وَذَالِكَ أَشَدُّ مَايَكُوْنُ مِنَ السِّحْرِ. (أخرجه البخاى ومسلم وأبوداود وأحمد)

މާނައީ عاِشَة رَضِىَ اللهُ عنها ގެ އަދިހުން ރިވާވެގެންވާ ގޮތުގައި ދެޞަޙީޙުގައި ސާބިތު ވެފައިވެއެވެ. ހަމަކަށަވަރުން އެކަމަނާ ވިދާޅުވިއެވެ. رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ އަށް ސިހްރު ޖެހިވަޑައިގަތެވެ. އެގޮތުން ހަމަކަށަވަރުން އެކަލޭގެފާނުގެ އަނބިއަނބިކަބަލުންނާ އެއްދާން ކުރައްވާކަމަށް އެކަލޭގެފާނަށް ޚިޔާލު ކުރެއްވޭ ކަމުގައި ވިއެވެ. ނަމަވެސް އެކަލޭގެފާނަކަށް އެކަބަލުންނަކާ އެއްދާނެއް ނުކުރެއްވެއެވެ. އެއީ ސިޙްރުގެ ތެރޭންވާ އެންމެ ގަދަފަދަ ބާވަތެވެ. (މިޙަދީސް އިޚްރާޖް ކުރެއްވީ އަލްބުޚާރީ އާއި މުސްލިމް އާއި أبوداؤود އާއި أحمد بن حنبل އެވެ. މިޙަދީސްގެ އެންމެފަހުގެ ޢިބާރާތް އެއީ ރާވީގެ ބަސްފުޅެއްކަމަށް ބެލިފައި ވެއެވެ.)

އަލްއިމާމުލް ޢައްލާމާ އިބްނު ޤައްޔިމިލް ޖައުޒިއްޔާ ވިދާޅުވެފައި ވެއެވެ: މީސްތަކުންކުރެ ބައަކު، ކީރިތި ރަސޫލާ އަށް ސިޙްރުޖެހިވަޑައިގަތުމާމެދު އިންކާރު ކުރެއެވެ. އެބައިމީހުން ބުނެއެވެ. އެއީ ކީރިތި ރަސޫލާ އާއިމެދު އެކަށީގެންވާ ކަމެއްނޫނެވެ. މިގޮތުން އެމީހުން ބުނަނީ އެއީ އުނިކަމެއް ކަމަށް ނުވަތަ ޢައިބެއް ކަމަށް ޚިޔާލު ކުރެވިގެންނެވެ. 

ނަމަވެސް ކަންހުރީ އެމީހުން ހީކުރާފަދަ އަކުންނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އެކިއެކި ބައްޔާއި ވޭނާއި އުދަގޫ ތަކުގެ ތެރޭން އެކަލޭގެފާނަށް ޖެހިވަޑައިގަންނަވާ ކަންތައްތަކުގެ ބާވާތުގެ ތެރެއިން ހިމެނިންވާ ކަމެކެވެ. ފަހެ އެއީ ބަލިތަކުގެ ތެރޭން ބައްޔެކެވެ. އެބަލި އެކަލޭގެފާނަށް ޖެހިވަޑައިގަތުމަކީ ވިހައިގެ އަސަރު ޖެހިވަޑައިގަތުންފަދަ ކަމެކެވެ. އެދެމެދުގައި އެއްވެސް ފަރަގެއް ނުވެއެވެ. 

މިސިޙްރުން އެކަލޭގެފާނަށް ފޯރިހައިވެސް އަސަރަކީ އެކަލޭގެފާނުގެ ހަށިކޮޅަށާއި ގުނަވަން ފުޅުތަކުގެ ބޭރުފުށަށް ފޯރި އަސަރެކެވެ. އެކަލޭގެފާނުގެ ބުއްދިފުޅަކަށް އަދި ހިތްޕުޅަކަށްވެސް އެކަމުގެ އެއްވެސް އަސަރެއް ނުފޯރައެވެ. މިހެންކަމުން އެކަލޭގެފާނުގެ އަބިއަބިކަބަލުންނާ އެއްދާންކުރައްވާ ކަމަށް އެކަލޭގެފާނަށް ހީފުޅުވާ ހީފުޅުވުން އެއީ ތެދު ހީފުޅުވުމެއްކަމަށް އެއީ ތެދު ހީފުޅެއްކަމަކަށް އެކަލޭގެފާނު އިޢްތިޤާދެއް ނުކުރައްވައެވެ. އަދި ކީއްހެއްޔެވެ؟ އެއީ ހަމައެކަނި ހީފުޅެއްކަމާއި ޙަޤީޤަތެއް ނޫންކަން އެކަލޭގެފާނު ރަގަޅަށް ދެކެވަޑައިގަނެއެވެ. މިއީ ބައެއް ބަލިބަލީގެ ސަބަބުންވެސް ދިމާވާ ގޮތެކެވެ. والله أعلم 

އިސްވެ ބަޔާންވެ އެދިއައީ އިބްނު ޤައްޔިމިލް ޖައުޒިއްޔާ ވިދާޅުވެފައިވާ ބަސްކޮޅެކެވެ. 

އަދި ހަމަ މިމޭރުމުން ބަލާއިރު القاضى عيّاض މިފަދައިން ވިދާޅުވެފައި ވެއެވެ. ސިޙްރަކީ ބަލިތަކުގެ ތެރޭން ބައްޔެކެވެ. އަދި ޖެހޭ ބަލިތަކުގެ ތެރޭން عارضى ކަމެކެވެ. އެހެންކަމުން އެއީ ކީރިތި ރަސޫލާ އާ މެދު ޖާއިޒުވެގެންވާ ކަމެކެވެ. އެއީ އެކަލޭގެފާނަށް ޖެހިވަޑައިގަންނަވާ އެހެނިހެން އާލާސްކަންފުޅުތައްވެސް ފަދައިންނެވެ. އެފަދަ އާލާސްކަންފުޅަކީ އެކަލޭގެފާނުގެ ނަބީކަމާމެދު ޠަޢުނު ކުރެވޭނެ ކަމެއްނޫނެވެ. 

އަދި އެކަލޭގެފާނަށް ކަމެއް ހީފުޅުވާއިރު ޙަޤީޤަތުގައި އެކަލޭގެފާނަށް  އެކަމެއް ނުކުރެއްވޭ ކަމަށް ވުމުގެ މައްސަލައާމެދު ދެނެގަތުން ހުއްޓެވެ! ފަހެ އެކަލޭގެފާނުގެ ތެދުވެރިކަމުގެ ތެރެއަށް ވަންނަ އެއްވެސް ކިލަބުކަމެއް އެކަމުގައި ނުވެއެވެ. އެއީ އެފަދަ ކަންތަކުން އެކަލޭގެފާނު ރައްކާތެރި ކުރެއްވިގެންވާ ކަމުގެ މައްޗަށް ކީރިތި ޤުރްއާނާއި މުސްލިމުންގެ އިޖްމާޢުން ދަލީލް ޤާއިމް ވެފައިވާ ކަމަށްޓަކައެވެ. 

އިސްވެ ބަޔާންވެ އެދިއައީ ޒާދުލްމަޢާދުއެވެ ކިއުނު ފޮތުގައި ސިޙްރުގެ ބައްޔަށް ފަރުވާ ކުރެއްވުމުގައި ކީރިތި ރަސޫލާ ޢަމަލު ކުރެއްވިގޮތާ ބެހޭ ބާބުގައި القاضى عيّاض ލިއުއްވާފައިވާ ވާހަކަކޮޅެކެވެ. 

ކަންމިހެން  ހުރިއިރު އަލްމާޒަރީއެވެ ކިއުނު ޢިލްމުވެރިއަކު ލިއުއވާފައިވެއެވެ: އިސްވެދިއަ حديث އާމެދު މުބްތަދިޢުންގެ ބައަކު އިންކާރުކުރެއެވެ. އަދި އެމީހުން ހީކުރެއެވެ. އެކަމަކީ ނަބީކަމުގެ މަޤާމަށް އުނިކަންލިބޭ ކަމެކެވެ. އަދި އެކަމާމެދު ޝައްކު އުފެދޭ ގޮތް ވާނެވެސް ކަމެކެވެ. ވީމާ އެކަމަށް ދަލީލުކުރާ ކޮންމެކަމަކީ ބާޠިލް ކަމެކެވެ. އަދި އެމީހުން ހީކުރާގޮތުގައި އެކަލޭގެފާނަށް އެގޮތަށް ސިޙްރުޖެހިވަޑައިގަތުން ޖާއިޒް ކަމަށް ދެކެފިނަމަ އެކަލޭގެފާނު ގެންނަވާ ޙުކުމްތަކާމެދު އިތުބާރު ގެއްލޭގޮތް ވާނެއެވެ. އެހެނީ އޭރުން ވާނެގޮތަކީ އެކަލޭގެފާނަށް ޖިބްރީލްގެފާނު ފެނިވަޑައިގަތްކަމަށް ހީފުޅުކުއްވޭއިރު ޙަޤީޤަތުގައި އެއީ ޖިބްރީލްގެފާނު ކަމުގައި ނުވެހިގައިދާނެއެވެ. އަދި އެކަލޭގެފާނަށް ކަމެއް ވަޙީ ކުރެއްވޭ ކަމަށް ހީފުޅުވާއިރު ޙަޤީޤަތުގައި އެއްވެސް އެއްޗެއް ވަޙީ ކުރެއްވޭ ކަމުގައި ނުވެހިގައިދާނެއެވެ. 

މިވާހަކައާމެދު އަލްމާޒިރީ ވިދާޅުވެއެވެ. އެއީ މުޅީންގޯސް މަރްދޫދު ވާހަކައެކެވެ. އެވާހަކަ ބުނިބައަކާ ދިމާއަށް އަބުރު ރައްދުކުރެވިގެންވާ  ވާހަކައެކެވެ. އެހެނީ محَمّد رسول الله صلى الله عليه وسلّم،  الله ގެ ޙަޟްރަތުން ގެންނެވިރިސާލަތުގެ ތެދުކަމުގެ މައްޗަށާއި އެކަލޭގެފާނު އެރިސާލަތު تَبْلِيغ ކުރައްވައި މީސްތަކުންނަށް ފޯރުކޮށް ދެއްވުމުގައި އެކަލޭގެފާނުގެ ތެދުވެރިކަމާއި عِصْمَة ތެރިކަމުގެ މައްޗަށްވަނީ ދަލީލު ޤާއިމް ވެފައެވެ. އަދި އެކަލޭގެފާނުގެ މުޢުޖިޒާތްތަކަކީ އެކަންކަން ތެދުކުރަނިވި ހެކިތަކެކެވެ. ވީމާ އެކަމާ ޚިލާފު އިދިކޮޅުގޮތުގެ މައްޗަށް ދަލީލު ޤާއިމް ވެފައިވާ ކަމެއް ޖާއިޒު ކުރުމަކީ ބާޠިލް ކަމެކެވެ.

އަދި އެކަމަކައިގެން އެކަލޭގެފާނު ފޮނުއްވިފައިނުވާ އަދި އެކަމަކަށްޓަކައި އެކަލޭގެފާނުގެ ރިސާލަތު ޤާއިމްވެފައިނުވާ ދުންޔަވީ ބައެއް ކަންތަކާ ގުޅިފައިވާ ކަންކަމާމެދު ދެނެގަތުން ހުއްޓެވެ. ފަހެ އެފަދަ ކަންކަމަށް އެކަލޭގެފާނުވެސް ވަނީ ހުށަހޮޅިގެންނެވެ. އެއީ އެކި އެކި ބަލިތަކާއި މުސީބާތްތަކަށް އާދަމުގެ ދަރިން ހަށަހެޅިގެންވާ ފަދައިންނެވެ. ވީމާ ދުނިޔޭގެ ކަންތައްތަކުގެ ތެރޭން ކަމަކާމެދު ޙަޤީޤަތާ ޚިލާފަށް އެކަލޭގެފާނަށް ހީފުޅުވުމަކީ އެކަށީގެންނުވާ ކަމެއްނޫނެވެ. ނަމަވެސް އެއީ ދީނީ ކަންތަކާއި އިސްލާމީ ރިސާލަތު ތަބްލީޣު  ކުރެއްވުމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އެފަދަކަމެއް ވުން މުސްތަޙީލް ވުމާއެކުގައެވެ. އެކަމުގައި އެކަލޭގެފާނަށް ރައްކާތެރިކަމާއި އިޞްމަތްތެރިކަން ލިބިވަޑައިގެންވެއެވެ. 

އަދި ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި ޝައިޠާނުންގެ ކިބައިން ކީރިތި ނަބިއްޔާ ރައްކާތެރި ވެގެންވުމަކީ އެކަލޭގެފާނަށް ކެހިދިނުމަށް އެޝައިޠާނުން ބޭނުންވުން މަނާކުރާ ކަމެއްނޫނެވެ. ފަހެ އަލްއިމާމު އަލްބުޚާރީ ރިވާކުރެއްވި ޙަދީސެއްގައިވާ ފަދއިން ޝައިޠާނަކު އެކަލޭގެފާނުގެ ނަމާދު ފާސިދު ކޮށްލުމަށް އުޅުނެވެ. ނަމަވެސް الله سبحانه وتعالى އެޝައިޠާނާގެ ކިބައިން އެކަލޭގެފާނު ރައްކާތެރި ކުރައްވައި ތަމްކީނު ކޮށްދެއްވިއެވެ. ފަހެ ސިޙްރަކީވެސް ހަމައެފަދައިން ހުރިކަމެކެވެ. އެކަމުން އެކަލޭގެފާނަށް ޖެހިވޑައިގަތް ކަމެއްއެއީ އެކަލޭގަފާނުގެ ރިސާލަތު ތަބްލީޣު ކުރެއްވުމާގުޅޭ ކަމަކަށް އުނިކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އެއީ އިންސާނުންނަށް ޖެހޭ އެހެނިހެން ބަލިތައްވެސް ފަދައިން ހުރިކަމެކެވެ. އެކަމުގެ އަސަރު އެކަލޭގެފާނުގެ ކިބަފުޅުގައި މާދިގު މުއްދަތަކަށް ދެމިއެއް ނުހުރެއެވެ. ފަހެ الله تعالى ޝައިޠާނުންގެ ކެހިވެރިކަން ބާޠިލު ކުރައްވައިފިއެވެ.

އަދި ނުނިމޭ- 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

 

މިއަދު އޮންލައިން