ބައެއް ޙާލަތްތަކުގަ އުފެދޭ ސުވާލެކެވެ.
ފިރިހެނަކު އަންހެނަކާ ކައިވެނިކުރިއިރު އެއަންހެންމީހާ އެހެންމީހަކާ އިނދެގެން ލިބިފައިހުރި އަންހެންކުއްޖެއް ހުއްޓެވެ. އަދި އެފިރިހެންމީހާ އެހެންމީހަކާ އިނދެގެން ލިބިފައިހުރި ފިރިހެން ދަރިއަކު ހުއްޓެވެ. އެއަށްފަހު މިދެމަފިރިންނަށް ދަރިން ލިބުނެވެ.
ފަހެ މިއަންހެންމީހާ އެހެންމީހަކާ އިނދެގެން ލިބުނު އަންހެން ކުއްޖާއާއި ފިރިހެން މީހާ އެހެންމީހަކާ އިނދެގެން ލިބިފައިހުރި ފިރިހެންދަރިފުޅާއި ކައިވެނި ކުރެވިދާނެ ހެއްޔެވެ؟
ސުވާލުގެ ޖަވާބުގައި ސުޢޫދީ ޢަރަބިއްޔާގެ ފަތުވާ ދޭ އަދި ޢިލްމީ ދިރާސާކުރާ ކޮމިޓީގެ މެމްބަރެއް
ޞާލިޙް ބުން އަލްފައުޒާން – حفظه الله ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"އެއީ މައްސަލައެއް ނޫނެވެ. އެހެނީ ގާތްތިމާގެކަމުގެ ގުޅުމެއް އެދެމީހުންގެ މެދުގައި ނެތެވެ. ފަހެ އެއަންހެން ކުއްޖާއަކީ އެފިރިހެން ކުއްޖާއަށް ބީރައްޓިއްސެކެވެ. އަދި އެފިރިހެން ކުއްޖާއަކީވެސް އެއަންހެންކުއްޖާއަށް ބީރައްޓިއްސެކެވެ.
ފަހެ އެހެންމީހާކާ އިނދެގެން އޭނާގެ ދޮންމަންމައަށް ލިބިފައިވާ އަންހެންކުއްޖާއާ ކައިވެނިކުރުމަކީ ހުއްދަކަމެކެވެ. އެހެނީ ކައިވެނިކުރުން ޙަރާމް މީހުން ބަޔާންކޮށްދެއްވުމަށް ފަހު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ … وَأُحِلَّ لَكُم مَّا وَرَاءَ ذَٰلِكُمْ … ﴾ [سورة النساء ٢٤]
މާނައީ: "…އެނޫން އަންހެނުންނާ އިނުން، ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ…"