ރަސޫލާ ޞޢޥ, އަށް ހެދި ސިހުރުގެ ޙަޤީޤަތް ހުވަފެންފުޅުގައި އަނގްވައިދެއްވެވެވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ރަސޫލާ ޞޢޥ, އަށް ހެދި ސިހުރުގެ ޙަޤީޤަތް ހުވަފެންފުޅުގައި އަނގްވައިދެއްވެވެވުން-

ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ޞަޙީޙުލް ބުޚާރީ އާއި ޞަޙީޙު މުސްލިމްގައި ވާރިދުވެފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ބަނީ ޒުރައިޤު ދަރިކޮޅުގެ ލަބީދުބުނުލް އަޢުޞަމްއެވެ ކިއުނު ޔަހޫދީއަކު رسول الله صلّى الله عليه وسلّم  އަށް ސިޙްރު ހެދިއެވެ. އޭގެ ސަބަބުން ވާގޮތަކީ އެކަލޭގެފާނަށް ކަންތައް ކުރެއްވޭކަމަށް (އެއްދާން ކުރެއްވޭކަމަށް) ހީފުޅުވާއިރު ޙަޤީޤަތުގައި އެކަލޭގެފާނަކަށް އެކަމެއް ނުކުރެއްވެއެވެ. މިހެންވަމުން އައިސް އެއްދުވަހަކު ނުވަތަ އެއްރެއަކު رسول الله صلّى الله عليه وسلّم ދުޢާކުރައްވައިފިއެވެ. އަދިވެސް ދުޢާކުރައްވައިފިއެވެ. ދެންވެސް ދުޢާކުރައްވައިފިއެވެ. ދެން ވިދާޅުވެއްޖެއެވެ. އޭ ޢާއިޝާއެވެ! ﷲ ގެ ޙަޟްރަތުން ތިމަންކަލޭގެފާނު ފަތުވާއަކަށް އެދިވަޑައިގެން ދެންނެވި ކަންތަކުގައި އެކަލާންގެ ތިމަން ކަލޭގެފާނަށް އެކަން އަންގަވައި ދެއްވައިފިކަން ކަމަނާއަށް އެގިވަޑައިގެންވޭތޯއެވެ؟ ތިމަންކަލޭގެފާނުގެ އަރިހަށް ދެފިރިހެނަކު އައިސް އެކަކު އިށީނީ ތިމަން ކަލޭގެފާނުގެ އިސްތަށިފުޅާ ދިމާގައެވެ. އަނެކަކު އިށީނީ ތިމަންކަލޭގެފާނުގެ ފައިންޕުޅާދިމާގައެވެ. ދެން އޭގެތެރެއިން އެކަކު އަނެކަކު ކުރެން އަހަނީ މިމީހާއަށް ވޭންލިބޭ ކަމަކީ ކޮބައިހެއްޔެވެ؟ އަނެކަކު ބުނެފިއެވެ. ސިޙްރުޖެހިފައިވަނީއެވެ. ދެން އަހައިފިއެވެ. ސިޙްރުހެދީ ކާކުހެއްޔެވެ؟ އަނެކަކު ބުނެފިއެވެ. ލަބީދު ބުނުލް އައުޞަމެވެ. ދެން އަހައިފިއެވެ. ސިޙްރުހެދީ ކޮން އެއްޗެއްގައި ހެއްޔެވެ؟ އަނެކަކު ބުނެފިއެވެ. ފުނަލަކާއި ފުނާ އެޅުއްވުމުން ފޭބި އިސްތަށިކޮޅުތަކަކާއި ކަދުރުރުކުގެ އެތެއްގައެވެ. ދެން އަހައިފިއެވެ. އެކޮބައިހެއްޔެވެ؟ އަނެކަކު ބުނެފިއެވެ. އެވީ  بِئْرُ ذَرْوَان (ނުވަތަ بِئْرُ ذِى اَرْوَان) އެވެކިޔުނު ވަޅުގައެވެ. 

ދެން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އެއަށްފަހު رسول الله صلّى الله عليه وسلّم އަޞްޙާބު ބޭކަލުންގެ ޖަމާޢަތަކާއެކު އެވަޅުގެ ކައިރިއަށް ވަޑައިގަތެވެ. އެކަންތަކުން އެބުރިވަޑައިގެން حديث ކުރެއްވިއެވެ. އޭ ޢާއިޝާއެވެ! ﷲ ގަންދީ ވިދާޅުވަމެވެ. އެވަޅުގެ ފެންގަޑު ހީވަނީ ހަމަ ހީނާފަތް ފެނުލާފައިވާ ފެންގަޑެއް ހެނެވެ. އަދި  އެކަދުރު ރުއްތައް ހީވަނީ ޝައިޠާނުންގެ ބޯތަކެއްހެނެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އެނެރުއްވިނަމަ ކޮންފަދަތޯއެވެ؟  ޙަދީސް ކުރެއްވިއެވެ. ނޫނެކެވެ. ﷲ ތިމްނަކަލޭގެފާނު އެކަމުން މިންޖުކޮށްދެއްވައި ޢާފިޔަތު ދެއްވައިފިއެވެ. ވީމާ މީސްތަކުންގެ މައްޗަށް ނުބައެއް ހިލިގަންނަގޮތް ހެއްދެވުމަށް ތިމަންކަލޭގެފާނު ނުރުހުންތެރިވެ ވަޑައިގަންނަވަމެވެ. ދެން އެވަޅުލުމަށް އެކަލޭގެފާނު އަމުރުކުރެއްވުމުން އެވަޅުލެވިއްޖެއެވެ. 

އަލްއިމާމް އިބްނުލް ޤައްޔިމް ވިދާޅުވާގޮތުގައި އިސްވެދިއަ ވާހަކަތައް ބަޔާންވެގެންވާ حديث އަކީ ޙަދީސް ޢިލްމުވެރީންގެ ގާތުގައި ސާބިތުވެ އެބޭކަލުންގެން ޤަބޫލު ލިބިގެންވާ حديث އެކެވެ. އެ حديث ގެ ޞައްޙަކަމާމެދު  އެބޭކަލުންގެ މެދުގައި އެއްވެސް ޚިލާފެއް ނެތެވެ. ނަމަވެސް އަހްލުލްކަލާމްގެ ވަރަށްގިނަ ބޭކަލުން މި حديث އަށް އިންކާރުކުރެއްވިއެވެ. އެކަމަކު އެބޭކަލުންގެ މިއިންކާރު ކުރެއްވުން ޙަދީސް ޢިލްމުވެރީންގެ ގާތުގައި އަނބުރާ ރައްދުވެވިގެންވެއެވެ. އެހެނީ އަހްލުލް ޙަދީސްގެ އެއްވެސް ބޭކަލަކު އެ حديث އާމެދު ނުރަގަޅު އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ. ފަހެ އެހެންނުވާނީ ކީއްވެގެން ހެއްޔެވެ؟ އެޤިއްޞާ އަކީ  (ނުވަތަ ވާހަކައަކީ ) تفسير އާއި حديثގެ އަހުލުވެރީންނާއި ތާރީޚް ޢިލްމުވެރީންނާއި ފިޤްހުވެރީންގެ ގާތުގައި މަޝްހޫރުވެގެންވާ ވާހަކައެކެވެ. މިއެންމެހައި ބޭކަލުންނީވެސް ކުރިން އިޝާރާތް ކުރެވުނު މުތަކައްލިމުންކުރެ (އަހުލުލްކަލާމްގެ ބޭކަލުންނަށްވުރެ) رسول الله صلّى الله عليه وسلّم ގެ އަޙްވާލާއި އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ޚަބަރު ބޮޑަށް ދެނެވަޑައިގަންނަވާ ބޭކަލުންނެވެ. 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

މިއަދު އޮންލައިން