ފުރަތަމަ ކަމަކަށް ތިބާ ނަމާދު ކާމިޔާބުނުކޮށްހުރެ ތިބާގެ ބޭނުންތައް ﷲ ކާމިޔާބުކޮށްނުދެއްވަވައިގެން ކުރެވޭނެ ޝަކުވާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ފުރަތަމަ ކަމަކަށް ތިބާ ނަމާދު ކާމިޔާބުނުކޮށްހުރެ ތިބާގެ ބޭނުންތައް ﷲ ކާމިޔާބުކޮށްނުދެއްވަވައިގެން ކުރެވޭނެ ޝަކުވާއެއް ނެތް!

އަހަރެމެން ކޮންމެ މީހެއްގެ ހަޔާތުގެ ކޮންމެ ދުވަހަކީވެސް އާޚިރަތް ދުވަހު ބޯހިޔާވަހިކަން ހޯދުމަށްޓަކައި ހިޔާކުރަން ޖެހޭ ގެއެއް ކަމަށް ބަލާށެވެ. ގެ ހިޔާ ކުރެވެން މިއަންނަނީ 5 ތަނބުގެ މައްޗަށެވެ. 5 ތަނބު އެއްވަރު ނޫންނަމަ ފުރާޅު އެއް އަތަށް އަރިވެ ވެއްޓޭނެއެވެ. ފުރާޅު ހަރެއް ނުލާނެއެވެ. ދެން ނިކަން ވިސްނައިލަބަލާށެވެ! މުޅި އުމުރު ދުނިޔޭގައި ހޭދަކޮށްފައިދާއިރު ފުރާޅު ހަރުލާ އެންމެ ގެއެއްވެސް އެޅިފައި ނެތްނަމަ އާޚިރަތް ދުވަހު ބޯހިޔާވަހިކަން ހޯދަން ވަދެވޭނެ އެއްވެސް ގެއެއް ނުހުންނާނެއެވެ!

މިބުނެދިނީ ކޮންމެ ދުވަހަކު އަދާކުރަން ޖެހޭ ފަރުޟު 5 ނަމާދު އަދާކުރަމުން ގެންދިއުމުގެ މުހިންމު ކަމެވެ. 5 ނަމާދަށްވުރެ މަދުން ކޮށްގެން އެކަމުގެ ފައިދާ ނުކުރާނެ ކަމެވެ. ފައިދާ ކުރާނީ ކޮންމެ ދުވަހަކުވެސް އަދާކުރަންޖެހޭ 5 ނަމާދު އަދާކޮށްގެން ކަމެވެ.

ފަސް ނަމާދުކުރަން ބައަކަށް އުނދަގޫވެގެން އުޅެނީ އެމީހުންގެ ދުވަހު ތާވަލުގައި ނަމާދުކުރުން ނުހިމަނާތީ އެވެ. ދުވަހު ތާވަލުގައި އެންމެ އިސްކަންދޭ ކަމަކީ ނަމާދުކުރުން ކަމަށް ހަދައިފިނަމަ ބަންގީގެ އަޑާއިއެކު އެމީހަކަށް ހުރެވޭނީ މިސްކިތުގައެވެ. ހިތާމައަކީ ދިރިއުޅުމުގެ ހުރިހާ ކަންކަން ތާވަލުކުރާއިރުވެސް ނަމާށދުކުރުނަ ތާވަލު ނުކުރާ ކަމެވެ.

ހަމަ އެއާއިއެކު ކުރެވޭ ނަމާދުގެ ފެންވަރު ދައްވާ އެންމެ ބޮޑު އެއް ސަބަބަކީ ނަމާދުކުރުމަކީ އެންމެ މުހިންމުކަން ކަމުގައި ނުހެދޭކަމެވެ. އަވަހަށް ނަމާދު ނިންމާލުމަށްފަހު ކޮންމެވެސް ކަމަކަށް ދިއުމުގެ ވިސްނުމުގައި ހުރެ ނަމާދުކުރެވޭތީއެވެ. ނަމާދުކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ހަދައިފިނަމަ މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބި ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ ފުރުޞަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

ވީމާ ނަމާދު ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި މިބުނި ކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ތިމާ ކިތަންމެ ގިނަ މަސައްކަތެއް ކުރި ނަމަވެސް ކާމިޔާބުވާނީ ﷲ ތައާލާގެ ވާގިފުޅާއިއެކުގައިކަން ޔަޤީންކުރާށެވެ! ވީމާ އެންމެ ފުރިހަމަކުރަން މަސައްކަތްކުރަންވީ ނަމާދެވެ. ނަމާދު ފުރިހަމަކުރުމާއިއެކު ﷲ ތައާލާގެ ޙަޟްރަތުން ވާގިއެދި ދެންހުރި ކަންކަން ކާމިޔާބުކުރަން މަސައްކަތްކުރާށެވެ! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އެއިރުން ދާނީ ކާމިޔާބުކުރެވެމުންނެވެ!

ކޮންމެ ދުވަހަކު 5 ނަމާދުކުރުން ފަރުޟު ކުރެއްވެވީ އަހަރެމެން ކުރަން މަސައްކަތް ކުރާ ކަންކަން ކާމިޔާބު ކޮށްދެއްވެވޭނެ ހަމައެކަނި ފަރާތުންނެވެ. އެއީ ﷲ ތައާލާއެވެ. ވީމާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! އެއިރުން ތިބާ އެދޭ ކަންކަން ދާނީ ފުރިހަމަވަމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން