އަދިވެސް އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. الله تعالى وحى ކުރައްވާފައިވެއެވެ. " وَمِنْ شَرِ النَّفَّاثَاتِ فِى الْعُقَدِ" (އަދި ގޮށްތަކަށް ފުމެހަދާ ސިޙްރުވެރީންގެ ނުބައިކަމުންނާއި) މިބަސްފުޅާއި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވޭ، އިސްވެ ބަޔާންވެދިޔަ حديث ން ސިޙްރަކީ ޙަޤީޤަތެއްވާ، އަދި އެއަށް ތައުޘީރެއް ލިބިގެންވާ އެއްޗެއް ކަމަށް ދަލީލުކުރެއެވެ. މިކަމަކީ އަސްޙާބުބޭކަލުންނާއި އައްޞަލަފުއްޞާލިޙުންގެ ކިބައިން تَوَاتُرُ ވެގެން އައިސްފައިވާ އަސަރުތަކުން ފެންނާންއޮތް ކަމެކެވެ. އަދި ފިޤްހުވެރީންނާއި ތަފްސީރާއި حديث ގެ އަހުލުވެރީންވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމެއްމެއެވެ. މިހެންކަމުން رسول الله صلّى الله عليه وسلّم އަށް ޖެހިވަޑައިގަތް ސިޙްރަކީ އޭގެ ސަބަބުން ޢާރިޟީ ގޮތެއްގައި އެކަލޭގެފާނުގެ ހަށިކޮޅަށް ޖެހިވަޑައިގެން އާލާސްކަންފުޅެކެވެ. الله تعالى އެކަލޭގެފާނުގެ ކިބައިން އެއާލާސްކަންފުޅު ފިއްލަވައި ޝިފާ ދެއްވިއެވެ. އެއީ އެއްވެސް ޙާލެއްގައި އެކަލޭގެފާނުގެ ނަބީކަމަށް އެއްވެސް އުނިކަމެއް ނުވަތަ ޢައިބުކަމެއް ނިސްބަތްކުރެވޭނެ ކަމެއްނޫނެވެ. އެހެނީ އެކިއެކި އާލާސްކަންފުޅު ޖެހިވަޑައިގަތުމަކީ ނަބީބޭކަލުންނާމެދު ޖާއިޒު ވެގެންވާ ކަމެކެވެ.
އެކަލޭގެފާނަށް މިސިޙްރު ޖެހިވަޑައިގަތް ގޮތާމެދު ރިވާވެގެން ވެއެވެ: رسول الله (ﷺ) اَلْحُدَيْبِيَّة އިން އެބުރިވަޑައިގަތުމަށްފަހު ޔަހޫދީންގެ ބޮޑުންގެ މީހުން لَبِيْدُ بْنُ الْأَعْصَمِ الْيَهُودِى ގެ ގާތަށް އަތުވެއްޖެއެވެ. އޭނާއަކީ ވަރަށްބޮޑު ސިޙްރުވެރިއެއްކަމާއި އަދި އެމީހުންނަށް ވުރެވެސް ބޮޑަށް ސިޙްރުގެ ކަންތަކާއި ވިހައިގެ ކަންތައް އޭނާއަށް އެގޭކަން އެޔަހޫދީން ދަނެއެވެ. ދެން އެބައިމީހުން ބުންޏެވެ.
އޭ އަބަލްއަޢުޞަމްއެވެ! ކަލެއަކީ ތިމަންމެނަށްވުރެ ސިޙްރުގެ ކަންތަކަށް މޮޅުމީހެކެވެ. މުޙަންމަދުގެފާނަށް ތިމަންމެން ސިޙްރުހަދައިފީމެވެ. ތިމަންމެންގެ ތެރެއިން ފިރިހެނުންނާއި އަންހެނުންވެސް ސިޙްރުހަދައިފިއެވެ. އެކަމަކު އަހުރެމެންނަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ކަލޭ ނިކަން އެކަލޭގެފާނުގެ ކަންތައް ނިމިގެންދާފަދަ ސިޙްރެއް ހަދައިދީބަލާށެވެ! އެކަމުގެ މައްޗަށް އަހަރެމެން ކަލެއަށް އިނާމެއްދޭހުށީމެވެ.
މިހެންބުނެ رسول الله (ﷺ) އަށް ސިޙްރުހެދުމުގެ މައްޗަށް އެބައިމީހުން އޭނާއަށް ތިން ދީނާރު ކަޑައަޅައިފިއެވެ. ދެން ފުނަލެއް ހޯދައި އެކަލޭގެފާނު ފުނާކޮޅު ތުރުކުރައްވާއިރު ވެއްޓޭ އިސްތަށިކޮޅުތަކުން އެތިކޮޅެއް ހޯދައިގެން އޭގައި ގޮށްތަކެއް ޖަހައި އެއަށްފުމެ ކުޅުތަޅައި ހަދާފައި، ކަދުރުރުކުގެ އެތެއްގެ ތެރެއަށްލާފައި ذَروَان އެވެ ކިއުނު ވަޅުގެ އަޑީގައިވާ ގަލުގެދަށަށް ލައިފިއެވެ.
ދެން އެއަށްފަހު رسول الله صلّى الله عليه وسلَّم އަށް ފެނިވަޑައިގަންނަވާ ކަމަށް ހީފުޅުވާކަމެއް އެކަލޭގެފާނަކަށް ޤަބޫލުފުޅެއް ނުކުރެއްވެއެވެ. މިގޮތުން އެކަލޭގެފާނަށް ކަންތައް ކުރެއްވޭކަމަށް (ނުވަތަ ޖިމާޢު ވެވަޑައިގެންނެވޭކަމަށް) ހީފުޅުވާއިރު ޙަޤީޤަތުގައި އެކަލޭގެފާނަކަށް އެކަމެއް ނުކުރެއްވެއެވެ. ދެންފަހެ الله تعالى އެކަލޭގެފާނަށް އެކަމުގެ މަގުދައްކަވައިފިއެވެ. މިގޮތުން، ބަދުރު ހަގުރާމައިގައި ބައިވެރިވެވަޑައިގަތް ޞަޙާބީއެއް ކަމުގައިވާ ޖުބައިރުބުނު އިޔާސިއްޒަރްޤީއަށް އެކަލޭގެފާނު ގޮވާލައްވައިފިއެވެ. ދެން އެޞަޙާބީއަށް، ޛަރްވާންވަޅުގެ އަޑީގައިއޮތް ޞިޙްރުގެ ވާހަކަ ވިދާޅުވެދެއްވުމުން އެތަނަށް ވަޑައިގެން އެވަޅުން އެނަންގަވައިފިއެވެ. އެއޮތީ ގޮށްތަކެއް ޖަހައިފައެވެ. ދެން އެއިން ކޮންމެ ގޮށެއް މޮހައިލެވޭހިދު އެކަލޭގެފާނަށް ލުއިފުޅުވެއެވެ. އެހެންއައިސް ހުރިހާ ގޮށެއް މޮހެވި ނިމުނުހިދު އެކަލޭގެފާނުގެ ގައިކޮޅުގައި ބަދެވިފައިވާ ވައުގަޑެއް މޮހައިލެވުމުން ހަށިކޮޅަށް ލުއިވެ ހިތްވަރުފުޅު ލިބިވަޑައިގެންދިއަފަދައެވެ.
އެހެން ނައްޞެއްގައި ވެއެވެ. رسول الله صلّى الله عليه وسلّم އެވަޅުގެކައިރިއަށް ޢަލީގެފާނާއި އައްޒުބައިރުގެފާނާއި ޢަންމާރުބުނު ޔާސިރުގެފާނު ފޮނުއްވިއެވެ. ދެން އެބޭކަލުން އެވަޅުގެ ދިޔަގަޑު ހިއްކެވިއެވެ. އެހީވަނީ ހީނާފަތް ފެނުލާފައިވާ ފެންގަޑެއްހެނެވެ. ދެން އެބޭކަލުން އެވަޅުގެ އަޑީގައިވާ ގައު އުފުއްލަވައި އޭގެދަށުގައިވާ ކަދުރުރުކު ހިކި އެތެއް ނެންގެވިއެވެ. ފަހެ އޭގެތެރޭގައިވަނީ އެކަލޭގެފާނު ފުނާކޮޅު ތުރުކުރެއްވުމުން ފޭބި އިސްތަށިކޮޅުތަކަކާއި އެކަލޭގެފާނުގެ ފުނާކޮޅުގެ ދަތްތަކެކެވެ. އެހިދު އޭގައިވަނީ ގޮށްތަކެއްޖަހާފައިވާ ރޮއްޖެކެވެ. އޭގައި ބާރަގޮށްވެއެވެ. އެގޮށްތަކުގައިވަނީ ކަށިތަކެއް ހަރައިފައެވެ. ދެންފަހެ الله تعالى، فلق، ناس މިދެސޫރަތް ބާވައިލައްވައިފިއެވެ. ފަހެ އެއިން އާޔަތެއް ވިދާޅުވާ ކޮންމެފަހަރަކު ގޮށެއް މޮހެމުންގޮސް އެންމެފަހު ގޮށް މޮހެވުނުހިދު އެކަލޭގެފާނަށް ލުއިފުޅުވުމާއެކު ތެދުވެވަޑައިގަތެވެ. ފަހެ ގައިކޮޅުގައި ބަދެވިފައިވާ ވައުގަޑެއް މޮހައިލެވުމުން ހަށިކޮޅަށް ލުއިވެ ހިތްވަރުފުޅު ލިބިވަޑައިގެން ދިއަކަހަލައެވެ.
ދެން ލަބީދުބުނުލް އަޢުޞަމް ބަލައި ފޮނުއްވައި، އޭނާ ގެންނަވައިފިއެވެ. އަދި އޭނާއާ ސުވާލުކުރެއްވިއެވެ: ކަލޭތިޔަކުރިކަންތައް ކުރަންޖެހުނު ސަބަބަކީ ކޮބައިހެއްޔެވެ؟ ކަލޭކުރިކަންތަކުގެ ޚަބަރު، ތިމަންކަލޭގެފަނަށް ﷲ އަންގަވައި ދައްކަވައިފިއެވެ. ދެންއޭނަ ދެންނެވިއެވެ. އޭ އަބްލްޤާސިމްއެވެ! ދީނާރުދެކެވީ ލޯބީން ކުރެވުނު ކަމެކެވެ.
އިސްޙާޤުބުނު ޢަބްދިﷲ ވިދާޅުވިއެވެ. ޢަބްދުއްރަޙްމާނި ބުނު ކަޢުބިބުނި މާލިކަށް މިޙަދީސްގެ ވާހަކައިން ތިމަން ޚަބަރުދެއްވީމެވެ. އޭނާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ އަށް ސިޙްރުހެދީ އަޢުޞަމްގެ އަންހެން ދަރީންނެވެ. އެއީ ލަބީދުގެ އުޚްތުންނެވެ. އެމީހުންނަކީ ލަބީދަށްވުރެ ސިޙްރަށްމޮޅު އަދި އޭނާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ ބައެކެވެ. ނަމަވެސް އެސިޙްރު ހަދާފައިވާއެތި ހިފައިގެންގޮސް އެވަޅުގެ ގަލުގެދަށަށްލީ މީހަކީ އެ لَبِيد އެވެ.
ކޮންމެއަކަސް އެސިޙްރުހެދި ވަޤުތުންފެށިގެން رسول الله صلّى الله عليه وسلّم އަށް ފެނިވަޑައިގަންނަވާ ކަމަށް ހީފުޅުވާ ކަންތަކެއް އެކަލޭގެފާނު ތެދެއް ނުކުރައްވައެވެ. މިހެންވެފައި ވަނިކޮށް އަޢުޞަމްގެ އަންހެންދަރީން އޭގެތެރެއިން އެކަކު ޖާސޫސްކުރަން ފޮނުވައިފިއެވެ. އެކަބުލޭގެގޮސް ޢާއިޝަތުގެފާނުގެ އަރިހަށް ވަނުމުން އެކަމަނާ، އެކަލޭގެފާނަށް ޖެހިވަޑައިގެންފައިވާ ކަންތަކުގެ ޚަބަރު އެކަބުލޭގެއަށް ދެއްވައިފިއެވެ. ނުވަތަ ޢާއިޝަތުގެފާނު އެވާހަކަފުޅު ދެއްކެވިއަޑު އެކަބުލޭގެ އަހައިފިއެވެ. ދެން ގެއަށްގޮސް އެކަބުލޭގެ އުޚްތުންނަށާއި ލަބީދަށް އެޚަބަރުދީފިއެވެ. އެތަނުން އެއް އަންހެނަކު ބުނެފިއެވެ. އެކަލޭގެފާނީ ނަބީއަކު ކަމުގައިވާނަމަ އެކަލޭގެފާނަށް އެކަމުގެ ޚަބަރު އެންގެވޭނެއެވެ. ނޫންނަމަ އެސިޙްރުގެ ސަބަބުން އެކަލޭގެފާނުގެ ވިސްނުންފުޅު ގޯސްވެ އެންމެފަހުން ބުއްދިފުޅު މުޅީން ފިލައިގެން ހިގައިދާހުއްޓެވެ. އެއަށްފަހު الله تعالى އެކަލޭގެފާނަށް އެކަމުގެ މަގު ދައްކަވައިފިއެވެ.
ޢާއިޝަތުގެ ފާނުގެ އަރިހުން ވާރިދުވެފައިވާ އެއް ރިވާޔަތެއްގައިވަނީ އެކަމަނާ ވިދާޅުވިއެވެ. " ހަމަކަށަވަރުން ކަންތައް ކުރެއްވޭކަމަށް އެކަލޭގެފާނަށް ޚިޔާލުކުރެއްވޭއިރު ޙަޤީޤަތުގައި އެކަލޭގެފާނަކަށް އެކަމެއް ނުކުރެއްވެއެވެ. " އެކަމަނާ ވިދާޅުވެފައިވާ މިޖުމްލައިން އެކަމަނާ ޤަޞްދުކުރައްވާ މުރާދަކީ އެކަލޭގެފާނަށް ޚިޔާލުކުރެއްވެނީ އެކަމަނާއާ ޖިމާޢުވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަލޭގެފާނަކަށް އެކަމަކަށް ކުޅަދާނަވެވަޑައެއް ނުގަންނަވައެވެ. އެކަމަނާއާ ޖިމާޢުވެވަޑައިގަތުމުގެ އެދުންފުޅު އެކަލޭގެފާނުގެ ހިތްޕުޅުގައި ވަރަށްވެސް ބޮޑަށް އުފެދިފައިވެއެވެ. ނަމަވެސް އެކަން ކުރެއްވުމަށް ހަމަ އުޅުއްވާއިރަށް އެކަލޭގެފާނު އެކަމުން ޢާޖިޒުވެވަޑައިގެން ނުކުޅެދިވަޑައިގަންނަވައެވެ. މިޙާލުކޮޅުގައި އެކަން ނުކުރެއްވި ޢާއިޝަތުގެފާނާ ވަކިވެވަޑައިގެން ހަމަސްދުވަސް ނުވަތަ އަހަރުދުވަސް ވާންދެން އުޅުއްވިކަމަށް ބައެއް ޢިލްމުވެރިން ލިއުއްވާފައި ހުރެއެވެ. މިހެންކަމުން ޢާއިޝަތުގެފާނު ވިދާޅުވި އިސްވެދިއަ ޖުމްލަ އެގޮތަށް ވިދާޅުވެފައި އެވަނީ އެކަމަނާއާ ގުޅިފައިވާ ކަމަކަށްވާތީ ލަދުފުޅުންކަމަށް ބައެއް ޢިލްމުވެރީން ލިއުއްވާފައި ވެއެވެ.
އަދި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ އެހެން ރިވާޔަތެއްގައި އެޢިބާރާތް އޮންނަނީ " އެކަލޭގެފާނަށް ޚިޔާލުކުރެއްވޭކަމުގައިވީ އެކަލޭގެފާނުގެ އަބިއަބިކަބަލުންގެ ގާތަށް ވަޑައިގެންނެވޭ ކަމަށެވެ. ނަމަވެސް އެކަލޭގެފާނަކަށް އެކަބަލުންގެ ގާތަކަށް ވަޑައެއްނުގެންނެވެއެވެ." މިފަދައިންނެވެ. މީގެމުރާދަކީ އެކަލޭގެފާނަށް ކިޔާލުކުރެއްވޭ ކަމުގައި ނުވަތަ ހީފުޅުކުރެއްވޭކަމުގައިވީ އެކަލޭގެފާނުގެ އަބިއަބިކަބަލުންނާ ޖިމާއުވެވަޑައިގަތުމުގެ ކުޅަދާނަކަން ނުވަތަ އެކަމުގެބާރު އެކަލޭގެފާނަށް ލިބިވަޑައިގެން ވާކަމުގައެވެ. ނަމަވެސް ވާގޮތަކީ އެކަލޭގެފާނަށް އެކަމުގެ ކުޅަދާނަކަން ލިބިވަޑައިގެން ނުވުމާއެކު އެކަމެއް ނުކުރެއްވެއެވެ.
القاضى عيّاض ވިދާޅުވި ބަސްފުޅެއްގެ ގޮތުގައި އަލްއިމާމުއްނަވަވީ ވިދާޅުވެފައިވެއެވެ. އިސްވެދިއަ ޙަދީސްގެ ރިވާޔަތްތައް، ބަޔާންވެ އެގޭގޮތުގައި އައިސްފައިވަނީ ކިރިތި ރަސޫލާއަށް ޖެހިވަޑައިގަތް ސިހްރުގެ އަސަރުފޯރާފައިވަނީ އެކަލޭގެފާނުގެ ހަށިކޮޅަށާއި ބޭރުފުށުގެ ގުނަވަންފުޅު ތަކަށްކަމަށެވެ. އެކަލޭގެފާނުގެ ބުއްދިފުޅަކަށް، ހިތްޕުޅަކަށް އަދި އިޢުތިޤާދަކަށް އެއްވެސް އަސަރެއް ނުފޯރާ ކަމަށެވެ. ވުމާއެކު حديث ގައި "އެކަލޭގެފާނުގެ އަބިއަބިކަބަލުންގެ ގާތަށް ވަޑައިގެންނެވޭކަމަށް (ނުވަތަ އެއްދާން ކުރެއްވޭކަމަށް) އެކަލޭގެފާނަށް ހީފުޅުކުރެއްވޭއިރު އެކަބަލުންގެ ގާތަކަށް އެކަލޭގެފާނަކަށް ވަޑައެއްނުގެންނެވެއެވެ." (ނުވަތަ އެއްދާނެއް ނުކުރެއްވެއެވެ.) މިހެން އޮންނައޮތުމާއި އަދި ބައެއް ރިވާޔަތުގައި " އެކަލޭގެފާނަށް ކަންތައް ކުރެއްވޭކަމަށް (ޖިމާއުވެވަޑައިގެންނެވޭކަމަށް) ޚިޔާލުކުރެއްވޭއިރު އެކަލޭގެފާނަކަށް އެކަމެއް ނުކުރެއްވެއެވެ." މިހެން އޮންނަ ޢިބާރާތުގެ މަފްހޫމްއަކީ އެކަލޭގެފާނުގެ ޞިއްޙަތާއި ހަށިކޮޅުގެ ބާރާއި، ކުރީކޮޅުގައި އެކަލޭގެފާނުގެ އާދައިގައިވާގޮތުން އެކަލޭގެ ފާނަށް ވިސްނިވަޑައިގެންފައިވަނީ އެކަބަލުންނާ جماع ވެވަޑައިގަތުމުގެ ބާރު އެކަލޭގެފާނަށް ލިބިވަޑައިގެންވާ ކަމުގައެވެ. ނަމަވެސް ދެންވާގޮތަކީ އެކަލޭގެފާނު އެކަބަލުންނާ ކައިރިވެވަޑައިގަންނަވާއިރަށް ސިޙްރުގެބާރު އެކަލޭގެފާނުގެ ގައިކޮޅުގައި ހިފައެވެ. ދެން އެކަލޭގެފާނަކަށް އެކަބަލުންގެ ގާތުން ބޭނުންފުޅުވި ކަންތަކެއް ނުކުރެއްވެއެވެ. އެކަބަލުންނަކާ ޖިމާއުވެވަޑައެއް ނުގެންނެވެއެވެ.
- ނުނިމޭ
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)