އެކުވެރިޔާ ތިބާއާމެދު ދޮގުހެދުމުން، ސިއްރުތައް ބޭޒާރުކުރުމުން، ރައްދުގައި އެފަދަ ކަމެއް ތިބާ ނުކޮށް ކެތްތެރިވާނަމަ ލިބެން އޮތް ފައިދާ ހާދަބޮޑެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެކުވެރިޔާ ތިބާއާމެދު ދޮގުހެދުމުން، ސިއްރުތައް ބޭޒާރުކުރުމުން، ރައްދުގައި އެފަދަ ކަމެއް ތިބާ ނުކޮށް ކެތްތެރިވާނަމަ ލިބެން އޮތް ފައިދާ ހާދަބޮޑެވެ!

މިހާރަކަށް އައިސް ކިތަންމެ އެކުވެރިކޮށް އުޅެނިކޮށްވެސް ހިތްހަމަ ނުޖެހޭ ކިތަންމެ ކުޑަކަމެއް މެދުވެރިވިނަމަވެސް، އަދި އެފަދަ ކަމެއް ދިމާނުވިނަމަވެސް އަނެކާ އާއިމެދު ބޮޑެތި ދޮގުތައް ހަދައިގެން އެބަފަތުރައެވެ. 

ދާދިފަހުން މިފަދަ ކަމެއް މެދުވެރިވި އަންހެނަކު އެކަމާ ދެރަވީވަރުން އެފަދަ ކަމެއް ކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ "އެއީ އޭނާ ހިތްހަމަޖައްސާލަދީގެން އޭނާގެ އަތުން އެއްޗެއް ހޯދަން ބޭނުންވެގެން އޭނާ ހިތްހަމަޖައްސާލަން ބުނި ބަހެއް ކަމަށެވެ. އެކުވެރިޔާ އާއިމެދު އެއްވެސް ރުޅިވެރިކަމެއް އޮވެގެން ކުރިކަމެއް ނޫން ކަމަށެވެ." 

ވިސްނައިލާށެވެ! އަމިއްލަ ބޭނުމެއް ހާޞިލުކޮށްލުމަށްޓަކައި އެންމެ ގާތް އެކުވެރިޔާ އާއިމެދު ދޮގު ހަދައި އެކުވެރިޔާގެ އަބުރުކަތިލީއެވެ. އެއްވެސް ބިރެއް ޖެހިލުމެއް ނެތެވެ! އެކުވެރިޔާ އާއިމެދު ވިސްނައިވެސް ނުލައެވެ. 

ކަންކަން މިއަދު ހިނގަމުންދަނީ މިފަދަ ގޮތަކަށެވެ. ވީމާ ތިމާއާއި ބެހޭގޮތުން މީހުން ދައްކާ ދޮގުވާހަކަތަކަށް ކަންބޮޑުނުވާށެވެ! އެކަމުގެ ސަބަބުން ތިބާގެ އަބުރަށް ގެއްލުންވީނަމަވެސް ރައްދުނުދޭށެވެ! ދިފާޢުގައި ބުނަންޖެހޭ ބަހެއް ބުނެލާފައި މަޑުން ހުންނާށެވެ! ﷲ ދެއްވަވާ ބަދަލު މާފުރިހަމަވެފައި ފައިދާމާބޮޑުވާނެއެވެ! އެހެނީ އަނިޔާއަކީ ހަމައެކަނި ތަޅާ އަނިޔާކުރުމެއް ނޫނެވެ! އަބުރު ގެއްލުވުވައިލުމަކީ ޖިސްމާނީ އަނިޔާއަށްވުރެ ހުރިހާ ގޮތަކުންވެސް މާބޮޑު އަނިޔާއެކެވެ. އެކުވެރިޔާ ހެދި ދޮގުތަކުގެ ސަބަބުން ތިބާ ވާނީ އަނިޔާލިބިގެންވާ މީހަކަށެވެ. އެޙާލަތުގައި ތިބާލކުރާ ދުޢާއާއި ތަޢާލާ އާއިދެމެދުގައި އެއްވެސް ހުރަހެއް ނެތެވެ! ތިބާ ހިމެނިގެންދާނީ ކުރާ ދުޢާ ޢިޖާބަކުރައްވަވާ އަޅުންގެތެރެއިންނެވެ.

 

ނަމަވެސް އެނިޢްމަތް އެގޮތަށް ލިބިގެންދާނީ ތިބާ ރިވެތިގޮތުގައި ހުރިނަމައެވެ. އޭނާގެ ފަހަތުން ނުދުވެ، އޭނާގެ ސިއްރުތައް ފަޟީޙަތްނުކޮށް ކެތްތެރިވާ މީހަކުކަމުގައި ވެވިގެންނެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން