އިސްލާމިކް މިނިސްޓަރަށް: މޫސުމާ މިސްކިތުން ބޭރުގަ ތިބޭ މީހުންނަށް ބަލައިގެން ނަމާދުކުރާނެ އިމާމަކު ހަމަ އާސަހަރާ މިސްކިތަށް ނުދެއްވާނަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އިސްލާމިކް މިނިސްޓަރަށް: މޫސުމާ މިސްކިތުން ބޭރުގަ ތިބޭ މީހުންނަށް ބަލައިގެން ނަމާދުކުރާނެ އިމާމަކު ހަމަ އާސަހަރާ މިސްކިތަށް ނުދެއްވާނަންތޯ؟

މިރޭގެ ޢިޝާ ނަމާދަށްފަހު ކުރެވުނު ކަށުނަމާދުގައި ބައިވެރިވަން ގިނަ ބައަކު ދިއައެވެ. މިސްކިތާއި ފެންޑާ ފުރި ގޯތިތެރޭގައި ބައަކު ތިބިތަން ފެނުނެވެ. އެވަގުތުވެސް ކެރި ޖަހައެވެ. ވަޔާއެކު އެސަރަހައްދަށް ކެރިވައްދައެވެ. މިސްކިތުގެ ފެންޑާއަކީވެސް ވަޔާއިއެކު ކެރި ވައްދާ ތަނެކެވެ. 

އެތަނުގެ ޖާގަ އޮންނަ ގޮތުން ގިނަ ބައަކަށް ތިބެންޖެހެނީ އަރިވެގެންނެވެ. އެއީ ވެހިކަލްވައްދާ ސްލޯޕް އިންނާތީއެވެ. އަދި ގަދަ ވަޔާއި ކެރީގެ އަސަރުކުރާ ގޮތަށް ގިނަ ބައަކަށް ތިބެންޖެހުމަކީ ކިހައިވަރެއްގެ ތަކްލީފެއްކަމެއް އިމާމަކަށް ނުއެނގެއެވެ. 

ސަފުތައް ކައިރިކޮށްލައި މިސްކިތަށް އެމީހުން ނުވެއްދީ ކީއްވެގެންތޯ އިމާމާއި ސުވާލުކުރުމުން ބުނީ "ސަފުތައް ކައިރިކުރަނީ ކީއްކުރަން؟ އެތާވެސް ތިބެވޭނެ!" ކަމަށެވެ. 

މީގެކުރިންވެސް މިފަދަ މައްސަލައެއްގައި ލިޔުމުން އިމާމް ބުނެފައިވަނީ ސަފުތައް ކައިރިނުކުރަނީ މިނިސްޓަރު ވިދާޅުވެގެންކަމަށާއި އެފަދަ ވާހަކަ ލިޔާ ނޫސްވެރިންނާއިމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. 

ކޮންމެ ފިޔަވަޅެއް އެޅިނަމަވެސް އަޅާފިޔަވަޅަކީ މޫސުމާއި ޙާލަތަށް ބަލައިގެން ނަމާދުގެ ސަފުތައް ތަރުތީބުކުރަން އެނގޭވަރުގެ ވިސްނުމެއް ހުރި އިމާމަކު އާސަހަރާ މިސްކިތަށް ހަމަޖެއްސުންކަމުގައި ހަދައިފިނަމަ ނަމާދުކުރާ މީހުންނަށް ފަސޭހައިން އަދި ބޮޑު ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަކުރެވެއެވެ. 

މީގެ އިތުރުން އިމާމް ގެންދަނީ ކަށުނަމާދު އިމާމުވެ ކުރައްވާ އެހެން އިމާމުންނަށް ވެސް ސަފުތައް ކައިރިނުކުރަން އެނައުންސްކުރަން ބުނަމުންކަން ވަނީ އެނގިފައެވެ. ރޭގެ ޢިޝާނަމާދަށްފަހު ކުރި ކަށުނަމާދު ކުރެއްވި އިމާމަށްވެސް ވަނީ އަންގައިފައިކަން މިއަދުނޫހަށް ވަނީ އެނގިފައެވެ. 

މިރޭވެސް ބޭރުގައި ތިބި ބައެއް މީހުން އަމިއްލައަށް މިސްކިތަށް ވަދެ ދެސަފުދޭތެރޭގައި ސަފުހެދިއެވެ. ނަމަވެސް އިމާމް ނުބުނާތީ ބައެއް މީހުންނަށް ވަންނަން ނުކެރުނީއެވެ. 

މިފަދަ ކަންކަމަށް އިސްލާމިކް މިނިސްޓްރީން ވިސްނާލަން ހަމަނުވަނީ ބާވައެވެ! އާސަހަރާ މިސްކިތަކީ ދެސަފުދޭތެރޭގައި ސަފުހެދިނަމަވެސް ފަސޭހަކަމާއިއެކު ނަމާދުކުރެވޭ މިސްކިތެކެވެ. އެމިސްކިތް ބޮޑުކޮށް 2،3 ބުރިއަށް އަޅާނެ ފައިސާ ޒަކާތު ފަންޑުގައިވެސް ނެތްނަމަ ޙައްލު ހޯދަންވެސް ކުރެވެން އޮތް ކަމެއް ކޮށްދިނުން ކީއްތޯއެވެ؟

މިއަދު އޮންލައިން