ޢިލްމްވެރިންނޭވެ! ޙައްޤުބަސް ވިދާޅުވުމުގެ ޒިންމާ އުފުއްލަވައިދެއްވައި މިޙާލަތުން ދިވެހި އުންމަތް ސަލާމަތްކުރެވޭތޯ މަސައްކަތްކޮށްދެއްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ޢިލްމްވެރިންނޭވެ! ޙައްޤުބަސް ވިދާޅުވުމުގެ ޒިންމާ އުފުއްލަވައިދެއްވައި މިޙާލަތުން ދިވެހި އުންމަތް ސަލާމަތްކުރެވޭތޯ މަސައްކަތްކޮށްދެއްވާށެވެ!

އިސްލާމްދީނުގެ ޝަރްޢީ ޢިލްމު ޙާޞިލް ކުރައްވައިގެން ތިއްބެވި ޢިލްމުވެރިންނޭވެ! ޢިލްމު ޙާޞިލްކުރައްވައިގެން އެޢިލްމާއި އެއްގޮތަށް ޢަމަލުނުކޮށް، އެ ވަންހަނާކުރާ މީހުންނަކީ ނަރަކަޔަށް ފުރަތަމަ އެއްލާލެވޭ މީހުންގެތެރެއިންވާ ބައެއްކަން ހަނދުމަފުޅު ނައްތާނުލައްވާށެވެ. އަޅުގަނޑުމެންގެ ދިވެހި ދަރިންނަށް ޙައްޤު ބަޔާން ކޮށްދެއްވާށެވެ. 

ދުނިޔޭގެ ޖަހާއި މަންޞަބާއި ލަދުވެތިކަމަށްޓަކައި ޙައްޤު ވަންހަނާ ނުކުރައްވާށެވެ. ތިޔަ ޢިލްމުވެރިންގެ ފާފަފުއްސެވުމަށް އެދި އުޑާއި ބިމުގައިވާހާ އެއްޗެއް ދުޢާކުރަމުންދާކަން ހަނދުމަފުޅުކުރައްވާށެވެ. ހަމަކަށަވަރުން ތިބޭފުޅުންނަކީ ނަބީބޭކަލުންގެ ވާރިޘުންގެ މަޤާމުގައި ތިއްބެވި ބޭފުޅުންނެވެ. ﷲ ތަޢާލާ ތިޔަޢިލްމުވެރިންގެ މާތްކަމާއި މަތިވެރިކަން ޤުރްއާނުގައި ޒިކުރު ކުރައްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  

(قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ) ( ޒުމަރު 9 ) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ “  

އަދިވެސް ވަޙީކުރައްވާފައިވެއެވެ. 

(يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ) ( މުޖާދަލާ 11 ) 

މާނައީ: ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ.“  

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. 

(إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ ) ( ފާޠިރު 28 )

މާނައީ: އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން ޢިލްމުވެރިންނެވެ. “  

ރާއްޖޭގެ ޙާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާއިރު، ތިޔަޢިލްމުވެރިންގެ އީމާންތެރިކަމަށް ލޮޅުމެއްވެސް ނާރަނީހެއްޔެވެ؟ އީމާންތެރިކަން ހިތުގެ އެންމެ އަޑީގައި ތަޅުލެވި ބަންދުކުރެވިފައި ވަނީހެއްޔެވެ؟ ޢިލްމުވެރިންގެ ޢިއްޒަތާއި ޤަދަރު މީސްތަކުންގެ ކުރިމަތީގައި ވެއްޔާއި މޮޑެލުމަށް މަސައްކަތްކުރާ ބަޔަކު ތިބިކަން ހަނދުމަފުޅުކުރައްވާށެވެ. ﷲ ތަޢާލާގެ ކިބައިން ރައްކާތެރިމަކަށް އެދި ޙައްޤުބަސް ބުނުމުގައި ސާބިތުވެ ފަސްޖެހިވަޑައިނުގެން ދެމިތިއްބަވާށެވެ. ބަދުރުގެ މައިދާނުގައި މުސްލިމުންގެ މަދު ބޭކަލުންކޮޅެއް، މުޝްރިކުންގެ 1000 މީހުންގެ މައްޗަށް ކާމިޔާބާއި ނަޞްރު ލިބުނީ ﷲ ތަޢާލާގެ ދީން މަތިވެރިކޮށް ފުރިހަމަ އީމާނުގައި ޖިހާދު ކުރެއްވީމާ ނޫންތޯއެވެ. ތިޔަޢިލްމުވެރިންވެސް ﷲ ގެ ދީނަށް ނަޞްރުދޭށެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  

( يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ )( މުޙައްމަދު 7 ) 

މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ދީނަށް ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ. “. 

- އައްޝައިޚު ޢަބްދުލްމަތީން ޢަބްދުލްމަޖީދުގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން