ސިހުރާ ބެހޭ ޙުކުމްތައް: ސިހުރުހަދާކަން ސާބިތުވެއްޖެނަމަ އޮތީ ޤަތުލުކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ސިހުރާ ބެހޭ ޙުކުމްތައް: ސިހުރުހަދާކަން ސާބިތުވެއްޖެނަމަ އޮތީ ޤަތުލުކުރުން-

ހަތަރުވަނަ ބާބު

ސިޙްރާބެހޭ ޙުކުމްތައް

ސިޙްރާއި ސިޙްރުވެރިޔާގެ ޙުކުމް.

ސިޙްރު އުގެނުމާއި އުގަންނައިދިނުން.

ސިޙްރުވެރީންގެ ގާތަށް ދިޔުން

ސިޙްރުވެރިޔާ ތައުބާވެ، ޝައިޠާނާއާއެކު ކޮށްފައިވާ ޢަޤްދު ބާޠިލް ކޮށްލުން. 

ސިޙްރާއި ސިޙްރުވެރިޔާގެ ޙުކުމް- 

ބައެއް ފިޤްހުވެރީން ސިޙްރުގެ ތަޢާރުފްދޭއިރު އެއީ الله تعالى ފިޔަވައި އެހެން ފަރާތެއް تَعظِيم ކުރެވޭ އަދި އެފަރާތަކަށް ހުރިހާ ކާއިނާތަކާއި މަޤާދީރެއް ނިސްބަތްކުރެވޭ ގޮތުގައި އެކުވެލެވިފައިވާ ބަސްތަކެއް ކަމަށްވީހިނދު މިމާނައިގައިވާ ސިޙްރަކީ އެއީ ޝައްކެއް ނެތް ގޮތުގައި އެންމެބޮޑެތި ފާފަތަކުގެ ތެރެއިންވާ ބޮޑުފާފައެކެވެ. އަދި ކީއްހެއްޔެވެ؟ އެއީ ފާޅުވެގެންވާ ރިއްދާއެއްކަމަށް (މުރުތައްދުވުމެއް ކަމަށް) ވެސް ބެލެވިދާނެއެވެ. އެއީ އެޢަމަލުގެ ސަބަބުން ނަތީޖާވެގެން އަންނަ އަސަރުތަކުގެ މައްޗަށް ބެލުމަކާ ނުލައެވެ. އެހެނީ ހަމައެކަނި ﷲ އަށް ޚާއްޞަވެގެންވާ ސިފަފުޅަކުން އެކަލާނގެ ފިޔަވައި އެހެން ފަރާތެއް تَعظِيم ކުރާމީހަކީ ކާފިރެކެވެ.

ސިޙްރުގެ މަސައްކަތްކޮށްއުޅޭ އަޚްލާޤުދަށް ބައެއްމީހުންނާމެދު އައިސްފައިވާ ޚަބަރުތަކުގެ ތެރޭގައި އެމީހުން މާތްރަސްކަލާނގެއަށް ހުތުރުބަސް ބުނުމާއި، އެމީހުންގެ ޤަރީނުންނަށް ސަޖިދަ ކުރުމާއި، މިކަންކަން ހިމެނިގެންވެއެވެ. އަދި އޭގެތެރެއިން ބައެއްމީހުން، މާތްވެގެންވާ ޤުރްއާނަށް އެމީހުންގެ ފައިން އަރައެވެ. އަދި މަލާއިކަތުންނަށް ވެސް ހުތުރުބަސް ބުނެއެވެ. އަދި އެކަށީގެންނުވާ ސިފަތަކުން މާތްރަސްކަލާނގެ ސިފަކޮށް އުޅެއެވެ. ފަހެ މިހުރިހާ ކަމަކީވެސް ފާޅުވެގެންހުރި ރިއްދާއެކެވެ. (މުރުތައްދުވުމެކެވެ.) އަދި އެއާމެދު އެއްވެސް ޚިލާފެއް ނެތް ގޮތުގައިވާ ކުފުރުވުމެކެވެ. 

އަބޫ ޙަނީފާގެ އަރިހުން ރިވާވެގެންވާ ގޮތުގައި ސިޙްރުވެރިޔާގެ އިޤްރާރުން އޭނާއަކީ ސިޙްރުވެރިއެއްކަން އެނގިއްޖެނަމަ އޭނާ ޤަތުލު ކުރެވޭނެއެވެ. އަދި ހަމަ އެފަދައިން ހެކިންގެ ހެކިބަހުންވެސް އޭނާއަކީ ސިޙްރުވެރިއެއްކަން އެނގިއްޖެނަމަ ނުވަތަ އޭނާއަކީ ސިޙްރުވެރިއެއްކަން އެނގޭފަދަ ގޮތަކަށް އެހެކީން އޭނާ ސިފަކޮށްދީފިނަމަ އޭނާ ޤަތުލު ކުރެވޭނެއެވެ. ފަހެ ސިޙްރުވެރިޔާ ތިމަން ސިޙްރުހެދުން ދޫކޮށްލައި  ތައުބާވާނަމޭ ބުންޏެއް ކަމަކު އެވާހަކައެއް ޤަބޫލެއް ނުކުރެވޭނެއެވެ. ނަމަވެސް ތަންކޮޅެއްކުރީން ތިމަން ސިޙްރު ހަދައި އުޅުނީމޭ އެކަމަކު މިހާރު އެކަން ދޫކޮށްލިތާ ކިތަންމެ ޒަމާނެއް ވެއްޖެއޭ ބުނެފިނަމަ އެބަސް ޤަބޫލު ކުރެވޭނެއެވެ. އަދި އޭނާ ޤަތުލެއް ނުކުރެވޭނެއެވެ. 

އަބޫ ޙަނީފާގެ އަރިހުގައި ސުވާލު ދެންނެވުނެވެ: މުރުތައްދުވީ މީހާގެ ކިބައިން ތައުބާ ޤަބޫލުކުރެވޭ ކަމަށްވާއިރު އޭނާ ފަދައިން ސިޙްރުވެރިޔާ ނުވަނީ ކީއްވެތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. އެހެނީ އޭނާގެ ކާފިރުކަމުގެ އިތުރަށް ބިމުގައި ފަސާދަ އުފެއްދުމުގެ މަސައްކަތް ކޮށްފިއެވެ. އެފަދައިންވާ މީހަކު މުޠުލަޤަށް ޤަތުލު ކުރެވޭނެއެވެ.

އަދި އަންނަނިވި ރިވާޔަތުން އަބޫ ހަނީފާ ޙުއްޖަތް ދައްކަވާފައި ވެއެވެ. ހަމަކަށަވަރުން حَفْصَة رضي الله عنها ގެ ޖާރިޔާއަކު އެކަމަނާއަށް ސިޙްރު ހެދިއެވެ. ދެން މީހުން އެކަނބުލޭގެ އަތުލައިގެން ގެންދިޔުމުން ސިޙްރު ހެދި ކަމަށް އެކަނބުލޭގެ އިއުތިރާފް ވެއްޖެއެވެ. ދެން ޢަބްދުއްރަޙްމާނު ބުނު ޒައިދަށް އެކަމަނާ އެންގެވުމުން އެކަނބުލޭގެ ޤަތުލު  ކުރައްވައިފިއެވެ. މިޚަބަރު ޢުޘްމާނުގެފާނާ ހަމައަށް ދިޔުމުން އެކަލޭގެފާނު އެކަމާމެދު ނުރުހުން ފާޅުކުރެއްވިއެވެ. ދެން އިބްނު ޢުމަރު ވަޑައިގެން އެކަނބުލޭގެ ކަންތަކާމެދު އެކަލޭގެފާނަށް ޚަބަރުދެއްވައިފިއެވެ. ފަހެ ޢުޘްމާނުގެފާނު އެކަމަށް އިންކާރު ކުރެއްވީ އެކަލޭގެފާނުގެ އިޒުނައާނުލައި  އެކަމަނާ އެޖާރިޔާ ޤަތުލު ކުރައްވައިގެން ކަމަށް ބެލެވެއެވެ. 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

މިއަދު އޮންލައިން