ތިބާއަކީ ތިބާގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ވަޑައިގަންނަވާއިރު ސުވަރުގޭގެ ފޭރާމާ ހުވަނދު ހިއްޕަވައިގެން ވަޑައިގަންނަވާނެ މީހެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ތިބާއަކީ ތިބާގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ވަޑައިގަންނަވާއިރު ސުވަރުގޭގެ ފޭރާމާ ހުވަނދު ހިއްޕަވައިގެން ވަޑައިގަންނަވާނެ މީހެއްތަ؟

އަހަރެމެންގެ ތެރެއިން ބައެއް މީހުން އަވަދިނެތި އުޅެނީ އެންމެ އަގުބޮޑު ހުވަނދު ނުލިބިގެންނެވެ. އަލަށް ހުވަނދެއް ބާޒާރަށް ނެރެފިނަމަ ކޮންމެ އަގެއްދީފައިވެސް އެ ހުވަނދު ގަނެލައެވެ. ސުވާލަކީ ތިބާއަށް އެންމެ ފައިދާކުރާނެ ހުވަނދުލެވޭނެ މީހަކަށްވާން ތިބާ މަސައްކަތްކުރަމު ހެއްޔެވެ؟ އެކަން ނުކުރެވޭނަމަ ދުނިޔޭގައިލާ އަގުބޮޑު ހުވަނދުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މުއުމިނުންގެ ފުރާނަ ހިއްޕަވަން މަލަކުލްމައުތު ވަޑައިގަންނަވާއިރު އިތުރު މަލާއިކަތުން ވަޑައިގަންނަވާނެއެވެ. އެ ދެ މަލާއިކަތުން ވަޑައިގަންނަވާނީ އެމީހަކަށްޓަކައި ސުވަރުގޭގެ ފޭރާމާއި ހަވަނދު ވެސް ހިއްޕަވައިގެންނެވެ.

މުއުމިނިންގެ ފުރާނަ ހިޕަވާއިރު މަލަކުލްމައުތު އެމީހަކަށް ވިދާޅުވާނެތެވެ. "އޭ ރިވެތިވެގެންވާ ފުރާނައާއެވެ. ހަށިގަނޑުން ނުކުންނާށެވެ! ﷲ ތައާލާ ތިބާއަށް މިންވަރުފުޅު ކުރައްވަވާފައިވާ މަތިވެރި ނިޢްމަތްތައް ލިބިގަތުމަށް އަންނާށެވެ!"

މަލަކުލްމައުތު އޭނާގެ ފުރާނަ ހިއްޕެވުމާއިއެކު 2 މަލާއިކަތުން އޭނާގެ ފުރާނަ އަތުލައްވަވައި ސުވަރުގެއިން ގެންނެވި ފޭރާންކޮޅުގައި ލައްވަވާނެތެވެ. އަދި ހުވަނދުވެސް ލައްވަވާނެތެވެ. އެއަށްފަހު ފުރާނަ ހިއްޕަވައިގެން ﷲ ތައާލާގެ ޙަޟްރަތަށް ވަޑައިގަންނަވާނެތެވެ. ވަޑައިގަންނަވާއިރު ބައްދަލުވާ ކޮންމެ މަލާއިކަތަކުވެސް ތިއައީ ޞާލިޙް ކޮން އަޅެއްގެ ފުރާނަތޯ ސުވާލުކުރައްވަވާނެތެވެ. އަދި ކޮންމެ އުޑެއްގެ ދޮރުކޮޅުތަކުންވެސް އެ ސުވާލު ކުރައްވަވާނެތެވެ. އަދި ސުވާލުކުރެވޭ ކޮންމެ ފަހަރަކު ބިމުގައި އެމީހަކަށް ކިޔައި އުޅުނު އެންމެ ރީތި ނަމަކުން އެއީ ކާކުގެ ފުރާނައެއްކަން ބަޔާންކުރައްވަވާނެތެވެ.

ﷲ ތަޢާލާގެ ޙަޟްރަތަށް ފުރާނަ ގެންދެވުމުން އެމީހާގެ ޖަނާޒާގެ ކަންތައް ފުރިހަކުރަން ތައްޔާރުކުރެވެންދެން އޭނާއަށް ސުވަރުގެއިން ލިބޭނެ ނިޢްމަތްތައް ދައްކަވައިލެއްވެވުމަށް ބާއްވަވާނެތެވެ. ވަޅުލަން ތައްޔާރުވުމުން ކައްވަޅުގެ ސުވާލުތައް ކުރެއްވުމަށްޓަކައި ފުރާނަ އަނބުރައި ފޮނުއްވެވޭނެތެވެ. ސުވާލުތަކަށްފަހު ޤިޔާމަތާއި ހަމައަށް އެ ފުރާނަ އޮންނާނީ އަރާމު ނިންޖެއްގައި ނިދައިފައެވެ.

މި ނިއްމަތްތައް ލިބިގަތުމަށް އެދޭ މީޙާއަށް އޮތީ ނިއްމަތްތައް ހޯދަން މަސައްކަތްކުރުމެވެ. މި ބަޔާންކުރި ކަންކަމަކީ ވަކި ނަމެއް ކިޔާ މީހަކަށް ލިބިގެންދާނެ ނިޢްމަތްތަކެއް ނޫނެވެ. ކޮންމެ މީހަކު ނަމަވެސް އެ ނިޢްމަތްތައް ހޯދަން މަސައްކަތްކުރުމުން ލިބިގެންދާނެއެވެ. ވީމާ ލިބިގަތުމާއި ނުހޯދުން އޮތީ އަހަރެމެންގެ އިޚްތިޔާރުގައެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން