ބައެއް މީހުން ވަރަށް އާދައިގެ ކަންކަމުގައިވެސް ހުވާ ކުރެއެވެ. ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ރުއްސައިލަން ވެސް ކޮންމެވެސް ކަމެއް ކުރާނެކަމަށް ނުވަތަ ނުކުރާނެ ކަމަށް ހުވާކުރުމަށްފަހު އިސާހިތަކު ހުވާމަތިން ހަނދާން ނައްތައިލައެވެ. "ހަމަ ހުވާ"، މިބުނަނީ "ﷲ ގަންދީ ހުވާކޮށްފަ " ކަމަށް ބުނެ އެފަހަރަކު ބުނަން ބޭނުންވާ ބަސްތައް ފަސޭހަކަމާއިއެކު ބުނެހަދައެވެ. މިފަދަ ހުވާތައް ކުރުމަށްފަހު ކުރި ހުވާ އުވާލުމަކީ އެއްވެސް ކަމަކަށްވެސް ނުހަދައެވެ.
"ހުވާކޮށްފިނަމަ ކުރި ހުވައާއި އެއްގޮތަށް ކަންތައް ކުރަން ޖެހޭނެއެވެ. ކުރި ހުވައާއި ޚިލާފްވެއްޖެނަމަ ކައްފާރާ ދޭންޖެހޭނެއެވެ. އެގޮތުން 10 މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުއުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރަން ޖެހޭނެއެވެ. މިއިން އެއްވެސް ކަމެއް ކުރެވެން ނެތް މީހާ 3 ދުވަހު ރޯދަހިފަން ޖެހޭނެއެވެ."
މިއަދު ފެންނަމުން މިދަނީ މާތް ﷲ އަށާއި ރައްޔިތުންނަށް ތެދުވެރިވުމަށް މާތް ﷲ ގަންދީ ހުވާކުރުމަށްފަހު މާތްﷲ އަށްވެސް އަދި ރައްޔިތުންނަށްވެސް ޚިޔާނާތްތެރިވަމުން ދާ ތަނެވެ. މާތް ﷲ އަށް ތެދުވެރިވެ ހުރެ މާތް ﷲ ގެ ޙުކުމްފުޅުތަކާއި ޚިލާފަށް ޤާނޫނުތައް ފާސްކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްވެސް ވަރަކަށް ވިސްނައިލާބާވައެވެ! ޤާނޫނު އަސާސީއަށާއި ރައްޔިތުންނަށް ތެދުވެރިވުމަށް ހުވާކުރުމަށްފަހު އެންމެ ރައްޔިތެއްގެ ޙައްޤު ނަމަވެސް ގެއްލޭ ގޮތަށް އަމަލުކުރުމުން މިކުރެވެނީ ކީއްކަމާއިމެދު ދައުލަތްތަކުގެ ވެރިން ވިސްނައިލާބާވައެވެ!