އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތް-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތް-

ށ. އިސްލާމްދީނުގައި ކައިވެނި ކުރެވޭގޮތް: 

އިސްލާމްދީނުގައި ކައިވެނިކުރުމުގެ ވަރަށް މަތިވެރި އުޞޫލުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. މިގޮތުން، ކައިވެނީގެ ރުކުންތަކަކާއި، ޝަރުޠުތަކެއްވަނީ ލައްވަވާފައެވެ. މިއިންކަމެއް އުނިވެއްޖެނަމަ ކައިވެނި ބާޠިލުވާހުއްޓެވެ. މިގޮތުން ކައިވެނީގެ ރުކުންތައް ތިނެކެވެ. 

ފުރަތަމައީ: ކައިވެނިކުރާ ދެމީހުންނަކީ، ކައިވެނީގެ ޞައްޙަކަމަށް ހުރަސްއެޅޭފަދަ އެންމެހާކަމަކުން ސަލާމަތްވެފައިވާ ދެމީހުންނަށް ވުމެވެ. މިދެމީހުންނަކީ، އެކަކުއަނެކަކާ ކައިވެނިކުރުން ޙަރާމް ދެމީހުންނަށްވެގެން ނުވާނެއެވެ. 

ދެވަނައީ: އީޖާބެވެ. އީޖާބަކީ ވަލީވެރިޔާ ނުވަތަ އެމަޤާމުގައިވާ މީހާ، ކައިވެނިކުރާ ފިރިމީހާއަށް "ތިމަން މިވެނި އަންހެނަކު ތިބާއާ ކައިވެނިކޮށް ދީފެމެވެ." މިފަދަ ސާފު ބަހަކުން ވަލީދިނުމެވެ. 

ތިންވަނައީ: ޤަބޫލެވެ. އެއީ، ކައިވެނިކުރާ ފިރިހެންމީހާ "ތިމަން މިކައިވެނި ޤަބޫލުކޮށްފީމޭ" މިފަދަ ސާފު ޢިބާރާތަކުން ކައިވެނި ޤަބޫލުކުރުމެވެ. 

ހަމައެހެންމެ، ކައިވެނީގެ ހަތަރު ޝަރުޠެއްވެއެވެ. 

ފުރަތަމައީ: ކައިވެނި ކުރާ ދެމީހުންނަކީ ކޮންބައެއްކަން ސާފުކޮށް އެނގުމެވެ. 

ދެވަނައީ: ކައިވެނިކުރާ ދެމީހުންވެސް އެކަކު އަނެކަކާމެދު ރުހުމެވެ. އެއިގެ ތެރެއިން އެކަކު ދެކޮޅު ހެދިނަމަވެސް ކައިވެނި ޞައްޙަނުވާނެއެވެ.

ތިންވަނައީ: ކައިވެނީގެ ވަލީއެވެ. 

ހަތަރުވަނައީ: ކައިވެނީގެ ދެހެކިންނެވެ. 

އަދި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ކައިވެނީގެ ރަން ދިނުމަކީ ވާޖިބެކެވެ. ރަން ކިޔުމުގައި މެދުމިންގަނޑެއް ޚިޔާރުކުރުމަކީ އިސްލާމްދީން މަގުދައްކާގޮތެވެ. 

އަޅުގަނޑުމެން މިމަތިވެރި އުޞޫލުތަކަށް ވިސްނާލައިފިކަމުގައިވާނަމަ އަޅުގަނޑުމެނަށް އެނގިގެންދާނީ އިސްލާމްދީނުގެ ފުރިހަމަކަމެވެ. އަދި އިސްލާމްދީނަކީ ފަރުދީގޮތުންނާއި އިޖްތިމާޢީގޮތުން މަޞްލަޙަތަށް ރިޢާޔަތްކުރާ ދީނެއްކަމެވެ. މިރުކުންތަކާއި ޝަރުޠުތަކާއެކު ކުރެވޭ ކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ. 

- ޝައިޚް މުޙައްމަދު ސިނާން

މިއަދު އޮންލައިން