މިހާރަކަށް އައިސް ޒުވާން ފިރިހެން ކުދިން ވަރަށް ގިނައިން ކުރާ ސުވާލެކެވެ. އަހަރެން ކުއްޖަކު ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވަމެވެ. ނަމަވެސް ކައިވެނިކުރެވޭކަށް އަދި ނެތެވެ. ކައިވެނި ނުކުރެވުނަސް ދެމީހުންވެސް ގައިގަ ބީހެން ބޭނުންވެއެވެ. ވީމާއެހާލަތުގައި ހަދާނީ ކިހިނަކުންތޯއެވެ؟
ޖަވާބު ވަރަށް ކުރެވެ. ކައިވެނި ކުރެވެންދެން އަތް ނުލައި ކައިރިވެސް ނުވެ ދުރުގައި ހުންނާށެވެ. ކައިރިވެއްޖެ ނަމަ ވާނެ ގޮތް ކިޔައިދެން ހެއްޔެވެ؟ ވާނީ ޗޮކްލެޓް ކޭކު ވަރަށް ވަރަށް މީރު މީހަކަށް ޗޮކްލެޓް ކޭކެއް ލިބުނީމާ ވާނެ ގޮތެވެ! ފަހަރަކު ފޮތްޗެއް ކަމުންގޮސް ކައި ހުސްކޮށްލެވޭނީއެވެ.
ވީމާ މިގޮތަށް ވިސްނާށެވެ! ޕާޓީ އޮތީ މާދަމާއެވެ. ފަހަރެއްގައި ޕާޓީއަށް ބޭނުންވާ ކޭކު ގެއަށް ގެނައީ މިއަދު ކަމަށްވެދާނެއެވެ. ކޭކު ކިތަންމެ ވަރަކަށް ޒީނަތްތެރިކޮށްފައި އޮތް ނަމަވެސް އަދި ފެނުނީމާ ކިތަންމެ ވަރަކަށް ކުޅުދިޔާވިނަމަވެސް އެކަމުގެ ވަގުތުގައި ނޫނީ ކޭކުގައި އަތްލައި ނުހަދަމު ނޫންހެއްޔެވެ؟ ހަމަ ބަލަން ތިބެނީ ނޫން ހެއްޔެވެ؟ ކޭކު ފޮތިކޮށްގެން ކަނީ އެކަމުގެ ވަގުތުގައި ނޫންހެއްޔެވެ؟
ވީމާ ކިތަން ވަރަކަށް ލޯބިވި ނަމަވެސް ކައިވެނީގެ ކުރިން ގައިގައި ނުބީހޭށެވެ! ބީހިއްޖެ ނަމަ ވާނީ ޗޮކްލެޓް ކޭކު މީރު މީހާއަށް ކޭކު ލިބުނީމާ ވީގޮތެވެ! ކައި ހުސްކޮށްލެވޭނީއެވެ. އެއީ އިސްލާމް ދީން ހުއްދަކުރާ ގޮތެއް ނޫނެވެ! އަދި އެކަމުގެ ސަބަބުން އެންމެ ބޮޑެތި ފާފަތަކަށް ވެސް އަރައިގަނެވިދާނެ ކަމެކެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ކައިވެނީގެ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ.!
- ޝައިޚް ޚާލިދް ޔާސީންގެ ދަރުސަކުން