އާޚިރަތް ކާމިޔާބުކުރަން އެދޭމީހާ ފުރަތަމަ ކަމަކަށް ތަޤްވާވެރި އަންތބަކު ހޯދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އާޚިރަތް ކާމިޔާބުކުރަން އެދޭމީހާ ފުރަތަމަ ކަމަކަށް ތަޤްވާވެރި އަންތބަކު ހޯދާށެވެ!

ކައިވެނި ރޫޅުން ގިނަވަމުންދާ ކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ކަންބޮޑުވުން ވެސް ފައުޅުކުރެއެވެ. އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެކެވެ. ﷲ ތަޢާލާއަށްޓަކައި ލޯބިން ކުރެވުނު ކައިވެންޏެއް ރޫޅިގެން އުޅޭ ކަމުގެ ވާހަކަތައް އަޑުއެހިން ހެއްޔެވެ؟ އިވިފައިވާނަމަ އެކަން ވާނީ ހަމަ ހާހަކުން އެންމެ އެކަކަށެވެ.

ކައިވެނިތައް ރޫޅެމުން މިދަނީ ކައިވެނިކުރާ ސަބަބަކީ ދުނިޔަވީ ސަބަބުތައް ކަމުގައި ހަދާތީއެވެ. ގައިގެ ކުލައަށާއި ބުރުސޫރައަށާއި މުއްސަނދިކަމަށާއި ޢާއިލީ ނިޞްބަތް ފަދަ ކަންކަމަށް ބަލައިގެން ކައިވެނިތައް ކުރާތީއެވެ.

ކައިވެނި ދަމަހައްޓަން ބޭނުން ނަމަ އަދި ކައިވެނީގެ ފޮނިމީރުކަން ލިބެން ބޭނުންނަމަ ކުރެވޭ ކައިވެނިތަކަކީ ހަމައެކަނި ދުނިޔޭގެ އެދުންތައް ހާޞިލުކުރަން ކުރެވޭ ކައިވެނި ކަމުގައި ނުހަދާށެވެ. ދުނިޔަވީ ސަބަބުތަކަށްޓަކައި ކައިވެނި ކުރުމުގެ ބަދަލުގައި ﷲ ތަޢާލާ އަށް ލޯބިން ކުރާ ކައިވެނިތަކަކަށް ހަދާށެވެ. އެކަން ކުރެވޭނީ ބޭރުފުށުގެ ސިފަތަކަށް ބެލުމުގެ ބަދަލުމުގައި ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނި ކުރުމުންނެވެ.

ވިސްނާށެވެ. މުއްސަނދިކަން ގެއްލޭނެއެވެ. ބުރުސޫރަ އާއި ސިފަތައްވެސް ގެއްލޭނެއެވެ. ހަށިގަނޑުގެ ރީތިކަންވެސް ގެއްލޭނެއެވެ. ނަމަވެސް ތަޤްވާވެރިކަމަކީ އެމީހަކު ދަމަހައްޓަން ބޭނުންހައި ދުވަހަކު ދެމެހެއްޓޭނެ ކަމެކެވެ. އެމީހަކު ދޫކޮށްލުމުން ނޫނީ ގެއްލިގެން ނުދާނެއެވެ.

ކައިވެންޏަކީ ހަޔާތުގެ އެންމެ މުހިންމު އަސާސްއެވެ. ވީމާ ކައިވެނިކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ތަޤްވާވެރިކަމަށެވެ. ކައިވެނީގެ ބައިވެރިޔާއަކީ ތަޤްވާވެރިއަކު ކަމުގައި ނުވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނައެވެ. ސަބަބަކީ ދެމަފިރިންކުރެ އެކެއްގެ ކިބައިގައި ނަމަވެސް ތަޤްވާވެރިކަން ނެތިއްޖެނަމަ އާޚިރަތް ކާމިޔާބުކުރަން ކުރަންޖެހޭ ކަންކަމަށް ހުރަސްއެޅި މުޅިން ފޭލްވެގެން ހިނގައިދާނެތީއެވެ، ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން