ދަރިވަރުންގެ އިމްތިޙާން ބޯމަތިވީއެވެ! ރަނގަޅު ނަތީޖާއެއް ބޭނުންނަމަ ވިސްނައިލާށެވެ! މައިންބަފައިން ދަރިންނަށް މިކަންކަން ވިސްނައިދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދަރިވަރުންގެ އިމްތިޙާން ބޯމަތިވީއެވެ! ރަނގަޅު ނަތީޖާއެއް ބޭނުންނަމަ ވިސްނައިލާށެވެ! މައިންބަފައިން ދަރިންނަށް މިކަންކަން ވިސްނައިދޭށެވެ!

ކިޔަމުންދާއިއރު އަބަދުވެސް އިމްތިޙާންތައް ދާނީ ކުރިމަތިވަމުންނެވެ. އެގޮތުން އަނެއްކާވެސް އިމްތިހާންގެ ދުވަސްވަރު އައިސް ބޯމަތިވީއެވެ. ނުވަތަ އަހަރެމެންނާއި ބައްދަލުކުރީއެވެ.

ލޮބުވެތި ދަރިވަރުންނޭވެ! ދަރިވަރުން ކިޔަސް، ކުޑަކުދިން ކިޔަސް ބާލިޣްވުމަށްފަހު ކުރެވޭ ފާފަތަކުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. ނަމާދުއެޅުމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. ކުޑަކުއްޖަކަށް ނުވަތަ ދަރިވަރަކަށް ވުމަކީ މިފަދަ ޒިންމާތަކުން ބައރީޢަވެވޭ ސަބަބެއް ނޫނެވެ.

މިއީ ބުނަން މާރީތި ވާހަކައެއް ނޫން ނަމަވެސް ދަރިވަރުންގެ ތެރޭގައި ތިބި ބައެއް ކުދިންނަކީ ތަފާތު މައްސލަތައް ކުރިމަތިވެ އެކިޒާތުގެ ފާފަކުރެވޭ ކުދިންނެވެ. އަދިކީއްހެއްޔެވެ؟ ނަމާދު ވާޖިބުވުމަށްފަހު ނަމާދުނުކުރުމަކީވެސް ކުރެވޭ ފާފައެކެވެ. ވީމާ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާނަމަ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ.

ފާފަކުރުން ގިނަވެއްޖެ ނަމަ ފެންނާނެ ބައެއް އަލާމާތްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ އެއްކަމަކީ ލިބިފައިވާ ޢިލްމް ހަނދާން ނެތުމެވެ. ޢިލްމު ލިބިފައިވާ ބައެއް މީހުން އަބަދުވެސް ކަންކަން ހަނދާން ނެތިގެން އުޅެން ޖެހޭނަމަ ތިމާގެ އަމަލުތަކާއިމެދު ފުންކޮށް ވިސްނަންވާނެއެވެ!

ބައެއް ޢިލްމުވެރިން ވަރަށް ގިނައިން ފޮތްބަލާނެއެވެ. ނަމަވެސް އަބަދުވެސް އުޅެން ޖެހޭނީ ހަނދާން ނެތިގެންނެވެ. ތިމާ ހުރިން ހިތުދަސްކޮށްފައި ހުންނަ ތަކެތިވެސް ޖެހޭނީ ފޮތުން ބަލާށެވެ!

މި ގޮތަށް ކަންތައްތައް މެދުވެރިވަނީ އެމީހަކަށް ކުރެވޭ ފާފަތައް ގިނަވުމުން ﷲ ތަޢާލާ އާއި ދުރަށް ދެވޭތީއެވެ. އެހެނީ ފާފަކުރާ ވަރަކަށް އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން ދާނީ ދުރުވަމުންނެވެ. އެ ގުޅުން ދުރުވަމުންދާ ވަރަކަށް ހިތް ދާނީ ހަރުވެ ހިލަވަމުންނެވެ. ހިތް ހަރުވެ ހިލަވާން ފެށުމުން ހިތުގައި ހުންނަ ޢިލްމު ފިލައިގެންދާނެއެވެ. އަދި ހިތުދަސްކުރަން އުނދަގޫވާނެއެވެ.

ވީމާ މިއީ ކޮންމެ ދަރިވަރަކުވެސް ވިސްނައިލަން ޖެހޭނެ ކަމެކެވެ. ޢިލްމު އެޅުމަށްޓަކައި ހިތާ ސިކުނޑި ހުޅުވި ތާޒާކަންމަތީގައި އޮންނާނީ ހެޔޮ އަމަލުތައް ކުރުން ގިނަކުރި ވަރަކުންނެވެ. ފަސޭހައިން ފިލާވަޅުތައް ދަސްވާނީ ހިތާއި ސިކުނޑި ތާޒާކަން މަތީގައި ބޭއްވިގެންނެވެ. އަދި ދަސްކުރާ ފިލާވަޅުތައް ހިތުގައި ހަރުލައި ހުންނާނީ ވެސް އެއިރުންނެވެ. ހަމައެއާއިއެކު ތައުލީމް ޙާޞިލުކުރަމުން ގެންދާ އުމުރުގައި ދީނަށް ލޯބިކޮށް އަމަލުކުރުމަކީ އެކަމުގެ ފައިދާ މުޅި އުމުރުގައިވެސް ކުރާނެ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން