ތިބާގެ ކިބައިގަ ހުންނަ އެންމެ ސިފައަކުވެސް ތިބާއަކީ ބޮޑެތި ފަރުބަދަތައް ވަރުގެ ގިނަ ހެޔޮކަން ހިފައިގެން ގޮސް ޤިޔާމަތް ދުވަހު ފޭލްވާނެ މީހުންގެ ތެރޭގައި ހިމެނިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިބާގެ ކިބައިގަ ހުންނަ އެންމެ ސިފައަކުވެސް ތިބާއަކީ ބޮޑެތި ފަރުބަދަތައް ވަރުގެ ގިނަ ހެޔޮކަން ހިފައިގެން ގޮސް ޤިޔާމަތް ދުވަހު ފޭލްވާނެ މީހުންގެ ތެރޭގައި ހިމެނިދާނެ!

ދުނިޔޭގައި ވަރަށް ގިނަ ހެޔޮ އަމަލުތައް ކުރުމުގެ ސަބަބުން ޤިޔާމަތް ދުވަހު ބޮޑެތި ފަރުބަދަތައް ވަރުގެ ގިނަ ހެޔޮކަންތައްތައް ހިފައިގެން ގޮސް ފޭލްވާނެ ބައަކު ތިބޭނެއެވެ.

އެމީހުން ކުރި ނަމާދުތަކާއި ކިޔެވި ކީރިތި ޤްރުއާނާއި ކުރި ޞަދަޤާތާއި ކުރި އެހެނިހެން އަޅުކަންތައް ގިނަކަމުން ބޮޑެތި ފަރުބަދަތައް ވަރުގެ ބޮޑެތި ފުނިތައް އެމީހުންނާއިއެކުގައި ވާނެއެވެ. ނަމަވެސް ހިސާބު ބެއްލެވުމުގެ ވަގުތުގައި އެ ފުނިވަރުތައް އަޅިތަކެއް ފަދައިން ވަޔަސް ބުރައިގެންދާނެއެވެ. އެއިން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ކީއްވެގެން ހެއްޔެވެ؟ އެމީހުން އަޅުކަންކުރީ މީސްތަކުންގެ ލޯތަކަށް ދައްކައި މީސްތަކުންގެ ތަޢްރީފް ހޯދަން ކަމުގައިވާތީއެވެ. އެހެންކަމުން އެކުރި ހުރިހައި އަމަލެއް ހިމެނިގެންދާނީ ދެއްކުންތެރިކަމުގެ އަމަލުތަކުގެ ގޮތުގައިކަމަށްވާތީއެވެ. ދެއްކުންތެރި ކަމުގެ ގޮތުގައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.

އެފަދަ މީހުން އެކަންކަން ކުރަން ދުނިޔޭގައި ތަކްލީފްވެސް އުފުލިއެވެ. އަތުން ޚަރަދުވެސް ކުރިއެވެ. ވަގުތުތައްވެސް ހޭދަކުރިއެވެ. މަސައްކަތްތަކެއްވެސް ކުރިއެވެ. ނަމަވެސް މިހުރިހައި ކަންކަމާއިއެކުވެސް އެމީހުންގެ އަމަލުތައް ވަޔަށް ބުރައިގެން އެދަނީ ދެއްކުންތެރިކަން އެމީހާގެ ހިތުގައި އޮތީތީއެވެ.

ވީމާ ދެއްކުންތެރިކަމާއި ކައިރިވެސް ނުވާށެވެ! ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނުބާއްވާށެވެ! އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ﷲ ތައާލާއަށް ދެއްކުމަށެވެ. އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ހެޔޮ އަމަލުގެ ފޮތުގައި މަލާއިކަތުން ލިޔުއްވެވުން އެދިގެންނެވެ. ވީމާ ދެއްކުންތެރިކަމުގެ ވިސްނުންވެސް ހިތަށް ނުގެންނާށެވެ! ހިތަށް އައިނަމަވެސް އަވަހަށް ތައުބާވާށެވެ! އެފަދަ ކަމެއް ހިތަށް އެރީތީވެސް ރޮއި ހިތާމަކުރާށެވެ! ނޫންނަމަ ތިމާ ހިމެނިގެންދާނީ ގެއްލެނިވެ ނަރައަށް ދާން ޖެހޭނެ މީހުންގެ ތެރެއިން ކަމުގައި ވެދާނެތީ ބިރުވެތިވާށެވެ!

ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މީސްތަކުންގެ ސަމާލުކަން ހޯދުމަށްޓަކައި އަގުބޮޑު ރިވެތި ފޭރާން ލުމަކީވެސް ދެއްކުންތެރި ކަމުގެ ޢަމަލެކެވެ. ތިމާ އެކަމުގެ ސަބަބުން ފާފަވެރިވާނެ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން