އެއީ ކުރަން ރަނގަޅުކަމެއް ނޫން ނަމަވެސް ކުޑަ ދެފިރިހެން ކުއްޖަކު މަގުމަތީގައި ބޯޅަކުޅެން ތިއްބާ އައިކާރަކަށް ދާން އުނދަގޫވުމުން ދުއްވަން އިން މީހާ ފައިބައި އެބޯޅަ ނަގައި ކައިރީގައި އޮތް އޮއިދެމޭ ކޯރެއްގެ ތެރެއަށް އެއްލައިލިއެވެ. ދެކުދިން ވަރަށް ދެރަވެގެން ތިބެ ގޮސް ކޯރަށް އެރޭތަން ފެނު މީހަކު އެކުދިން ބައިތިއްބާފައި ކޯރަށް އެރި ބޯޅަ ނަގައިދިނެވެ.
ކަމަކީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެކެވެ. ނަމަވެސް ދެން ކަންކަންވީގޮތް ވެސް ބުނެލާނަމެވެ. ބޯޅަ އެއްލައިލި މީހާގެ ކާރު އެކްސިޑެންޓްވެ ނުހެދޭވަރަށް ހަލާކުވީއެވެ. އަދި ބޯޅަ ނަގައިދިން މީހާ ވާންއުޅުނު ބޮޑު އެކްސިޑެންޓަކުން ސަލާމަތްވިއެވެ.
މިއީ އަޅުގަނޑަށް ސޯޝަލްމީޑިއާއިން ފެނުނު ވީޑިއޯ ކްލިޕަކުން ފެނުނު ކަންކަމެވެ. މިކްލިޕް ފެނުމުން ބަހެއް ބުނެލަން ބޭނުންވީއެވެ. ކުޑަކުދިންނާއިމެދު މިފަދައިން އަޅުގަނޑުމެންގެތެރޭގައިވެސް ބައެއް ފަހަރު ކަންކަންކުރެވޭތަން ފެންނާތީއެވެ.
އަޅުގަނޑު އެއްވެސް ޙާލެއްގައި ކަންކަން ވަކިކަމެއްގައި އަޅުވަން ބޭނުންވަނީއެއް ނޫނެވެ. ނަމަވެސް ބުނެލަން ބޭނުންވަނީ މިފަދަ ކަންކަމަކީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަން ކަމަށެވެ.
އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދެވޭ ފިލާވަޅަކީ އަނިޔާވެރި ގޮތުގައި ކަންކަންކުރުން ކަމުގައިވެއްޖެނަމަ އެކުދިންވެސް ވާނީ އެފަދަ އަމަލުތައްކުރާ ބައަކަށެވެ. އެހެން މީހުންނަކަށް ރަޙުމެއް ނުކުރާނެއެވެ. އެކުދިން ބޮޑެތިވުމުން އެހެންކުދިންނަކަށްވެސް ރަޙުމެއް ނުކުރާނެއެވެ.
ވީމާ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކުޑަކުދިންނާއިމެދު ލޯބިން އޯގާތެރިކަމާއިއެކު ކަންކަންކުރާ މީހަކަށްވަމާތޯއެވެ! ކުއްޖަކަށް ނުރަނގަޅުކޮށް ކަމެއް ކުރެވޭތަން ފެނުނު ނަމަވެސް އަދި ކުއްޖެއްގެ ސަބަބުން އުނދަގުލެއްވީނަމަވެސް ރުޅި އައިސް ހަރުކަށިކޮށް ކަންކަން ނުކުރަމާތޯއެވެ. އެއީ ތިމާގެ އަމިއްލަ ދަރިއެއް ނޫން ނަމަވެސް ކޮންމެ ކުއްޖަކީވެސް ތިމާގެ ދަރިއެއްކަމަށް ދެކެގެން އެކުދިންނާއިމެދު ލޯބިން މުޢާމަލާތުކުރަމާތޯއެވެ! އަޅުގަނޑުމެންގެ ދީނުގައި ޢަމަލުކުރަން އޮތީ އެގޮތަށް ނޫންތޯއެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް